
ފްރާންސް: މިސްކިތްތައް ބަންދުކުރުމުގެ ސަބަބުން އަޅުކަމުގެ މިނިވަންކަމަށް ބިރު ބޮޑު
ފަރަންސޭސިވިލާތުގައި މިސްކިތްތައް ބަންދުކުރުމުގެ ސަބަބުން މުސްލިމުންގެ އަޅުކަމުގެ މިނިވަންކަމަށް ދައުލަތުން ހުރަސްއަޅާފާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޕެރިހުގެ އުތުރު އިރުމަތީ ސަރަޙައްދެއް ކަމަށްވާ އޮލްނޭ-ސޫ-ބޯއިސްގައި ހުންނަ މިސްކިތެއް، ހަމަނުޖެހުމާއި ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ ހަ މަސްދުވަހަށް ބަންދުކުރުމަށް ކުރި ޢަމުރު ދަމަހައްޓަން ކޯޓުން ނިންމުމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
މޮންޓްރޫއިލް އެޑްމިނިސްޓްރޭޓިވް ކޯޓުން މިމަހުގެ ކުރީކޮޅު ވަނީ ’އައްތަޤްވާ‘ މިސްކިތް ނުވަތަ ’ޝަންޓެލޫޕް‘ މިސްކިތް ބަންދުކުރުމަށް ޖުލައި މަހު ނެރުނު ޢަމުރު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލާފަ އެވެ.
މި މިސްކިތަކީ ގިނަ އަދަދެއްގެ މުސްލިމް ހިޖުރަވެރިން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަ ތަނެކެވެ. މިއީ މީހުން ދިރިއުޅޭ ފްލެޓްތަކެއްގެ މެދުގައި ހުންނަ، ބޭރުފުށުން އާދައިގެ އިމާރާތެއްގެ ސިފަޖެހިފައިވާ ތަނެކެވެ.
މި މިސްކިތުގައި މުންނާރެއް ނުވަތަ ގުއްބެއް ނެތް ނަމަވެސް، އެތަނުގައި އެތައް ބަޔަކަށް ނަމާދުކުރެވޭނެ ހޯލަކާއި، އެ މިސްކިތް ބަލަހައްޓާ ’އޮލްނޭ-ސުދު ކަލްޗަރަލް އެސޯސިއޭޝަން‘ ގެ އިދާރީ އޮފީސްތައް ހުރެ އެވެ.
މިސްކިތް ކައިރީގައި ދިރިއުޅޭ ޢުމުރުން 78 އަހަރުގެ ސަލާޙް ބުނި ގޮތުގައި، މި މިސްކިތަކީ 2010 ވަނަ އަހަރުގެ ކުރީކޮޅު އެ ސަރަޙައްދުގެ ރައްޔިތުން އަމިއްލައަށް އުފެއްދި ތަނެކެވެ. ކުރިން ބަސް ދުއްވަން އުޅުނު ސަލާޙް، މިސްކިތް ބަންދުކުރުމުން ހިތާމަކުރާ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ދުވަހަކު މަޣްރިބް ނަމާދަށް އެތަނަށް ގޮސް ރަހުމަތްތެރިންނާ ބައްދަލުކޮށް ހަދައެވެ. އަދި އޭނާގެ ޞިއްޙީ ޙާލަތު ހުރިގޮތުން އެހެން މިސްކިތްތަކަށް ހިނގާފައި ދިއުމަކީ އުނދަގޫ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
އެ ސަރަޙައްދުގައި ދިރިއުޅޭ ޢުމުރުން 20 އަހަރުގެ ރަޔާން ބުނި ގޮތުގައި، މިސްކިތް ބަންދުކުރުމަކީ އެ ސަރަޙައްދުގެ ހުރިހާ މުސްލިމުންނަށް ދަޢުލަތުން ދޭ އަދަބެކެވެ. އޭނާ ސުވާލު އުފެއްދީ، ވަކިވަކި އިމާމުންގެ މައްސަލައެއް އުޅޭނަމަ އެ މީހުންނަށް ދައުވާ ނުކޮށް، މުޅި މިސްކިތް ބަންދުކުރީ ކީއްވެގެންތޯ އެވެ.
މިސްކިތް ބަންދުކުރުމާ ދެކޮޅު ހަދާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ ފަރަންސޭސިވިލާތުގެ ސެކިއުލަރިޒަމްގެ އުޞޫލުތަކާ ޚިލާފަށް، ދީނީ މިނިވަންކަމަށް އަރައިގަތުމެކެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ބުނަނީ އެ މިސްކިތުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރައި، ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށެވެ.
’އަކާސް‘ ޖަމްޢިއްޔާގެ ވަކީލު ރަފީޤް ޗެކަޓް ވިދާޅުވި ގޮތުގައި، ކޯޓުގެ މި ނިންމުމަކީ ދީނީ މިނިވަންކަމާ ފުށުއަރާ ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަމާބެހޭ ފަރާތްތަކުން ހެކީގެ ގޮތުގައި ދައްކާފައިވަނީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، އިމާމް ނަވަވީގެ ’ރިޔާޟުއްޞާލިޙީން‘ ފަދަ އިސްލާމީ ތާރީޚުގެ މަޝްހޫރު ފޮތްތަކުން ނަގާފައިވާ ބައިތަކެވެ.
މިފަދަ ދީނީ މަޢުލޫމާތުތަކަކީ ހަރުކަށި ފިކުރުގެ ގޮތުގައި ބެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރަންސޭސިވިލާތުގެ ސެކިއުލަރިޒަމް ނުވަތަ ’ލައިސިޓޭ‘ އަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން މުސްލިމުންގެ އަޅުކަމުގެ ތަންތަނަށް ދައުލަތުން ނުފޫޒު ފޯރުވުން ވަނީ އިތުރުވެފަ އެވެ.
ޚާއްޞަކޮށް 2021 ވަނަ އަހަރު ފާސްކުރި ’އެންޓި-ސެޕަރޭޓިޒަމް‘ ޤާނޫނުގެ ދަށުން، މިސްކިތްތައް ބަންދުކުރުމުގެ ބާރު ސަރުކާރުގެ މުއައްސަސާތަކަށް ވަނީ ފުޅާކޮށްދީފަ އެވެ.
މީގެ އިތުރުން، އިމާމުންނަކީ ފަރަންސޭސި ދަޢުލަތުން ޤަބޫލުކުރާ ތަމްރީނުތަކެއް ޙާޞިލުކޮށްފައިވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުންވެސް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބައެއް މިސްކިތްތައް ބަންދުކުރަނީ އިމާރާތުގެ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ އިދާރީ ބަހަނާތައް ދައްކައިގެން ކަމަށްވެސް ބައެއް ވަކީލުން ތުހުމަތުކުރެ އެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2017 އިން ފެށިގެން ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ 12 މިސްކިތެއް ބަންދުކޮށްފައިވީ ނަމަވެސް، އެކި އެކި އިދާރީ ސަބަބުތަކާ ހުރެ ބަންދުކޮށްފައިވާ މިސްކިތްތަކުގެ އަދަދު 90 އާ ގާތްކުރެ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ޙައްޣުގައި ވާހަކަދައްކާ އިމާމުންނާއި މިސްކިތްތަކުގެ އިސްވެރިންނަށްވެސް އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިހާރުވެސް ފަރަންސޭސި ޕާލަމެންޓަށް ހުށަހަޅާފައިވާ އައު ބިލްތަކުގެ ސަބަބުން، މިސްކިތްތައް ބިނާކުރުމާއި ހިންގުމުގައި ދައުލަތުގެ ކޮންޓްރޯލް މިއަށްވުރެ ބޮޑަށް ހަރުކަށިވެގެންދާނެ ކަމަށް ބެލެވެ އެވެ.



