
މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުން ދިވެހި ދަރިވަރަކު 4 ވަނަ ހޯދައި ރާއްޖެ ފަޚުރުވެރިކޮށްލައިފި
މައްކާގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ދިވެހި ދަރިވަރަކު 4 ވަނަ ޙާޞިލްކޮށް މުޅި ރާއްޖެ ފަޚުރުވެރިކޮށްލައިފިއެވެ. މި ޝަރަފުވެރި ކާމިޔާބީ ހޯދާފައިވަނީ އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު (މއ. އަސާސް) އެވެ.
މި މުބާރާތުގެ 4 ވަނަ ޝާޔާ ހޯދުމާ ގުޅިގެން އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސައޫދީ ރިޔާލް އޭނާއަށް ވަނީ ލިބިފައެވެ.
ފާއިތުވި 46 އަހަރު ދުވަހު މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ، އަދި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މި ޤުރުއާން މުބާރާތުގެ މިއަހަރުގެ 46 ވަނަ ދައުރުގައި ދުނިޔޭގެ 133 ޤައުމަކުން ދަރިވަރުން ވާދަކުރިއެވެ. މިއީ މި މުބާރާތުގެ ދިގު ތާރީޚުގައި އަންހެން ކުދިންނަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައި، އަންހެން ކުދިންގެ ގޮފި ހިމަނައިގެން މުބާރާތް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި މައްކާގެ މަސްޖިދުލް ޙަރަމްގައި ވަނީ ވަރަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މީގެ އިތުރުން ސައޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚާއި، ޙަރަމްފުޅުގެ އިމާމު އަދި ދެ ޙަރަމްފުޅުގެ ކަންކަމާބެހޭ އިދާރާގެ ރައީސް ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޙަފްލާގައި ޚާއްޞަ މެހްމާނެއްގެ ޙައިސިއްޔަތުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ސައޫދީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން، މި މަތިވެރި ކާމިޔާބީއަށްޓަކައި ހޫނު ތަހުނިޔާއެއް ވިދާޅުވެ، އިތުރަށް ހިތްވަރު ދެއްވާފައެވެ.
ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އެތައް ހާސް ހާފިޒުންނާ ވާދަކޮށް، ރާއްޖެ ތަމްސީލުކުރި ދިވެހި ދަރިއަކު މިފަދަ ބައިނަލްއަޤްވާމީ ޝަރަފުވެރި ޕޯޑިއަމަކުން ޖާގަ ހޯދުމަކީ ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުއްމަތަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.



