
”ސޯޝަލް މީޑީއާގައި 1.3 މިލިއަން ފޮލޯވަރސް، ޖަނާޒާގައި ދެތިންމީހުން“
މިއީ ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ.
ޕާކިސްތާނުގެ 28 އަހަރގެ ޓިކްޓޮކަރ އެއް ކަމަށްވާ ޢާއިޝާ ގިލަމަނާ އަށް ސައިކަލުގައި އައި ދެމީހަކު ބަޑިން ޙަމަލާދީ މަރާލައިފި އެވެ.
ޢާއިޝާ ބައްޕަ ފަޒަލް ސާހިބްޒާދާ ޕޮލިހަށް ހުށަހެޅި ޝަކުވާގައިވާ ގޮތުން ”ކާޝީ“ ގެ ނަމުން މަޝްހޫރުވެފައިވާ ކާޝިފް ނަމަކަށް ކިޔާ މީހަކު ގިލަމާނާއަށް ގުޅި އެވެ.
އެމީހާ އޭނާ ގާތު ވަޤުތުން ބޭރަށް ނިކުތުމަށް ބުނި ކަމަށް ތުހުމަތު ކުރެވެ އެވެ. އެއަށްފަހު، އޭނާގެ 15 އަހަރުގެ ކޮއްކޮ އަސީމާއާއި ފިރިހެން ކޮއްކޮ ނައިމަތުﷲ އާއެކު އޭނާ ކާރުގައި ބޭރަށްދިޔަ އެވެ.
މި ހާދިސާގައި ގިލަމަނާގެ ކަރަށް ވަޒަން އެރުމުގެ ސަބަބުން ވަޤުތުން އޭނާ މަރުވި އެވެ.
ބަޑިޖެހުމުގެ ސަބަބުން ކާރު ކޮންޓްރޯލް ނުކުރެވި، އެހެން އުޅަނދެއްގައި ޖެހި އެކްސިޑެންޓްވި އެވެ.
މި އެކްސިޑެންޓުގައި އަސީމާއަށް ވަނީ ސީރިއަސް އަނިޔާތަކެއްލިބިފަ އެވެ.
ސާހިބްޒާދާ ހުށަހެޅި ޝަކުވާގައި، ކައުސަރާއި ”ޝާހީން“ ގެ ނަމުން މަޝްހޫރުވެފައިވާ ޖާވިދުއާ ދެމެދު އޮތް ފައިސާގެ މުޢާމަލާތްތަކަކާ ގުޅޭ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް އެދި ގިލަމާނާއަށް މަރުގެ އިންޒާރު ލިބިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
ގިލަމަނާގެ މަރާގުޅިގެން އެންމެ ގަދައަށް ދެކެވޭ ވާހަކަ އަކީ ސޯޝަލް މީޑީއާގައި އެހާ ފޮލޮވަރސް ގިނަ މަޝްހޫރު ޓިކްޓޮކަރ އެއްގެ ޖަނާޒާގައި މީހުން މަދުކަމުގެ ވާހަކަ އެވެ.
އެކި މަންސަތަކުގައި އެކިމީހުން އެކި ބަހުރުވައިން ދަންކަނީ މިވާހަކަ އެވެ. މީގެތެރެއިން އެންމެ ފާގަހަ ކޮށްލެވޭ އެއް ސުރުހީއަކީ
”ސޯޝަލް މީޑީއާގައި 1.3 މިލިއަން ފޮލޯވަރސް، ޖަނާޒާގައި ދެތިންމީހުން“
ދިރިތިބީންނަށް މިއީ ވަރަށް ބޮޑު ފިލާވަޅޭކެވެ. އަހަރުމެންގެ މުޅި ދިރިއުޅުމުގެ ހުރިހާ ވަޤުތެއް ހޭދަކުރެވެނީ ދުނިޔަވީ ފޮލޯވަރަސް ހޯދާށެވެ.
ދުނިޔެ ދޫކުރާ ދުވަހު، ޖަނާޒާގައި ބައިވެރިވެ ދުޢާކޮށްލަދޭނެ ފޮލޯވަރސް ހޯދުމަކަށް ނޫނެވެ. ވަގުތީ ރައްޓެހިންނާއި ވަޤުތީ ދުނިޔެ އާރާސްތު ކުރާށެވެ. ދާއިމީ ގޮވެތި ތަނަވަސް ކުރުމަށް އަދިވެސް ވަޤުތުއެބަ އޮތެވެ.




