
ބޯ އެނބުރުން
ކުއްލިއަކަށް އިށީންނަން ޖެހޭ ފަދަ އިޙްސާސެއް ކުރެވޭ 12 ސަބަބެއް
ބައެއް ފަހަރު ކުއްލިއަކަށް ތެދުވުމުން ބޯއެނބުރި، ވަގުތުން އިށީންނަން ޖެހޭ ޙާލަތްތައް މެދުވެރިވެ އެވެ.
މިއީ ގިނަ ބަޔަކަށް ދިމާވާ ޢާންމު ކަމެއް ނަމަވެސް، ބައެއް ފަހަރު މިގޮތަށް ބޯއެނބުރުން މެދުވެރިވަނީ ސީދާ ކޮން ސަބަބަކާ ހުރެކަން ނޭނގި އޮވެދާނެ އެވެ.
މިފަދަ ޙާލަތްތަކުގައި ބޯ މި އެނބުރެނީ ކީއްވެބާވައޭ ސުވާލު އުފެދިދާނެ އެވެ.
ޑރ. ސޯމާ މަންޑަލް ވިދާޅުވާ ގޮތުގައި ބޯއެނބުރުމަކީ ހަށިގަނޑަށް ދިމާވާ ތަފާތު އެކި ކަންކަމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ.
ޢާންމުކޮށް ބޯއެނބުރުން ކިޔައިދޭއިރު، މީހުން ބުނަނީ ހޭނެތޭ ފަދަ ގޮތެއްވުން، ވަރުބަލިވުން، ނުވަތަ ފައިދަށުން ބިންގަނޑު ކަހާލާ ފަދަ އިޙަސާސެއް ކުރެވޭ ވާހަކަ އެވެ.
މޭޔޯ ކްލިނިކުން ބުނާ ގޮތުގައި، މީގެ ތެރޭގައި ’ވާޓިގޯ‘ (ތިމާ ނުވަތަ ވަށައިގެންވާ މާހައުލު އެނބުރޭ ކަމުގެ އިހުސާސްވުން) ވެސް ހިމެނެ އެވެ.
ބޯއެނބުރުން މައިގަނޑު ދެ ބަޔަކަށް ބެހިގެންވެ އެވެ. އެއީ ސިކުނޑިއާ ގުޅުންހުރި އަދި ސިކުނޑިން ބޭރުން ދިމާވާ ކަންކަމާ ގުޅުންހުރި ބޯއެނބުރުމެވެ.
ބޯއެނބުރުމަކީ ޑޮކްޓަރުން ގާތުގައި މީހުން އެންމެ ގިނައިންކުރާ އެއް ޝަކުވާ ކަމުގައި ވިޔަސް، މިއީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ކަމެއްގެ ނިޝާނަކަށް ވަނީ ވަރަށް މަދު ފަހަރަކު އެވެ.
ނަމަވެސް، ބޯއެނބުރުން ގިނަ ވަޤުތު ތަކަކަށް ދެމިގެންދިއުން، ނުވަތަ ގަދައަށް ބޮލުގައި ރިއްސުން، މޭގައި ރިއްސުން ނުވަތަ ހޭނެތުން ފަދަ ކަމެއް މެދުވެރިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް ޑރ. މަންޑަލް ފާހަގަކުރައްވަ އެވެ.
ސީރިއަސް އަލާމާތްތަކެއް ނެތް ނަމަވެސް، ތަކުރާރުކޮށް ބޯއަނބުރާނަމަ އޭގެ އަސްލު ސަބަބު ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ. ބޯއެނބުރުން މެދުވެރިވެދާނެ 12 ސަބަބެއް ޙިއްޞާކޮށްލާނަން.
- ބެނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވާޓިގޯ
މިއީ ބޯއެނބުރުން މެދުވެރިވާ އެންމެ ޢާންމު ސަބަބެވެ. މީގެ ސަބަބުން ވަރަށް ބޮޑަށް، އެކަމަކު ކުރު ވަޤުތުކޮޅަކަށް ބޯއެނބުރުން މެދުވެރިވެ އެވެ. މީގެ އިތުރުން މޭނުބައިކުރުން، ހޮޑުލެވުން، ބެލެންސް ގެއްލުން އަދި ލޮލުގެ ޙަރަކާތްތަކަށް ބަދަލު އައުން ފަދަ ކަންކަން ދިމާވެދާނެ އެވެ. މިއީ ޢާންމުކޮށް ބޯ ބާއްވާ ގޮތަކުން ނުވަތަ އެނބުރިލާ ގޮތަކުން މެދުވެރިވާ ކަމެކެވެ. - މެނިއާސް ބަލި މިއީ ކޮންމެހެން ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. މިއީ ކަންފަތުގެ އެތެރޭގައި ފްލުއިޑް ނުވަތަ ދިޔައެއް ޖަމާވުމުން ދިމާވާ ކަމެކެވެ. މީގެ ސަބަބުން ދިގު ވަޤުތަކަށް ބޯއެނބުރުން މެދުވެރިވެ، ކަންފަތް ތެރޭގައި އަޑެއް ގޮވުން ނުވަތަ ކަންފަތް ބައްދާފައި ހުންނަ ކަމުގެ އިޙްސާސް ކުރެވިދާނެ އެވެ. ކާނާގައި ލޮނު ގިނަވުން، ކެފެއިން ނުވަތަ ބޮލުގައި ރިއްސުން ފަދަ ކަންކަމަކީ މިއަށް މަގުފަހިވާ ކަންކަމެވެ.
- މައިގްރޭން
މައިގްރޭން ހުންނަ މީހުންނަށް ބޯއެނބުރުން، މޭނުބައިކުރުން އަދި އަލި ފެނުމުން އުނދަގޫވުން ފަދަ އަލާމާތްތައް ދިމާވެ އެވެ. މިފަދަ ވަޤުތެއްގައި އަނދިރި ހިމޭން ކޮޓަރިއެއްގައި އަރާމުކުރުމުން ލުއި ލިބިދާނެ އެވެ. - ލެބިރިންތައިޓިސް
މިއީ ކަންފަތުގެ އެތެރޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ޢާންމުކޮށް މިއީ އަރިދަފުސް ރޯގާ ނުވަތަ އިންފްލުއެންޒާއަށް ފަހު ދިމާވާ ކަމެކެވެ. މީގެ ސަބަބުން ބޯއެނބުރުމުގެ އިތުރުން އަޑުއިވުމަށް ވެސް ދަތިތަކެއް ކުރިމަތިވެދާނެ އެވެ. - ވެސްޓިބިއުލާ ނިއުރައިޓިސް
މިއީ ކަންފަތާއި ސިކުނޑި ގުޅުވައިދޭ ނާރަށް ދިމާވާ މައްސަލައެކެވެ. މީގެ ސަބަބުން ވެސް ގިނަ ވަގުތު ބޯއެނބުރުން މެދުވެރިވެ އެވެ. ނަމަވެސް، ލެބިރިންތައިޓިސްއާ ޚިލާފަށް މީގައި އަޑުއިވުމަކަށް މައްސަލައެއް ދިމައެއް ނުވެ އެވެ. - ސިކުނޑީގެ ބަލިތައް
ޕާކިންސަންސް ބަލި، މަލްޓިޕަލް ސްކްލެރޯސިސް ނުވަތަ ސްޓްރޯކެއް ޖެހިފައިވާ މީހުންނަށް ބޯއެނބުރުން މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ޙާލަތްތަކުގައި ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުން މުހިންމެވެ. - ދަގަނޑުގެ ބައި މަދުވުން
ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭގެ ރަތް ސެލްތައް އުފައްދާ މިންވަރު މަދުވެ އެވެ. މީގެ ޢާންމު ޢަލާމާތްތަކަކީ ބޯއެނބުރުމާއި ވަރުބަލިވުމެވެ. ލޭގެ ޓެސްޓެއް ހަދައިގެން މިއީ ދިމާވާ މައްސަލައެއްތޯ ދެނެގަނެވޭނެ އެވެ. - ބޭހުގެ ނޭދެވޭ އަސަރު
ބްލަޑް ޕްރެޝަރު ދަށްކުރާ ބޭސްތަކާއި، ނިދާ ބޭސް ފަދަ ބައެއް ބޭސްތަކުގެ ސަބަބުން ބޯއެނބުރުން މެދުވެރިވެދާނެއ ެވެ. އެހެންކަމުން ބޭސް ބޭނުންކުރުމުގެ ކުރިން އޭގެ ސައިޑް އިފެކްޓްސްތަކަށް ސަމާލުވުން މުހިންމެވެ. - ހަށިގަނޑުން ފެން މަދުވުން
ބޭނުންވާ ވަރަށް ހަށިގަނޑަށް ފެން ނުލިބޭނަމަ ބޯއެނބުރުން، ވަރުބަލިވުން އަދި ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވެ އެވެ. ހޫނުގަދަ ނޫން ނަމަވެސް، ކޮންމެ ދުވަހަކުވެސް އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. - ލޭގައި ހަކުރު މަދުވުން
މިއީ ހަމައެކަނި ހަކުރުބަލީގެ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. ކާގަޑިތައް ލަސްވުމުން ނުވަތަ ނުކައި ހުރުމުން ލޭގެ ހަކުރު ދަށްވެ، ބޯއެނބުރުމާއި، ތުރުތުރުލުމާއި، ހިތުގެ ތެޅުން އަވަސްވުން ފަދަ ކަންކަން ދިމާވެ އެވެ. - ލޭގެ ފިއްތުން ދަށްވުން
ކުއްލިއަކަށް ތެދުވުމުން ނުވަތަ އިށީނުމުން ބޯއެނބުރުން މެދުވެރިވަނީ ލޭގެ ފިއްތުން ދަށްވުމުގެ ސަބަބުންނެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ތެދުވާއިރު ނުވަތަ އިށީންނައިރު މަޑުމަޑުން އެކަން ކުރުމަށް އާދަކުރާށެވެ. - ހިތުގެ ބަލިތައް
ހިތުގެ ބައެއް ބަލިތަކުގެ ސަބަބުން ވެސް ބޯއެނބުރުން މެދުވެރިވެދާނެ އެވެ. ހިތުގެ އެއްވެސް މައްސަލައެއް ހުންނަ ނަމަ، ޑޮކްޓަރު ދެއްވާ ބޭސްތައް ގަވާއިދުން ބޭނުންކުރުމާއި، އާދަޔާ ޚިލާފު ކަމެއް ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް އެންގުން މުހިންމެވެ.



