
”އަސްލާ އެއްގޮތްކަމުން ހައިރާންވި“: އިންޑިއާގެ މުސްލިމް އަންހެނުންނާ ދެކޮޅަށް އޭއައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ގޮތް
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރަށް ނިސްބަތްވާ ފްރީލާންސް މޮޑެލްއެއް ކަމަށްވާ ސަމްރީން އަޔޫބަށް އެ ވީޑިއޯ ފުރަތަމަ ފެނުމުން އޭނާ ހުރީ ކަންތައްވީ ގޮތުން ބުނާނެ އެއްޗެއް ނޭނގި، ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ.
ނިއުދިއްލީގައި އޭނާ އުޅޭ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ވީޑިއޯ އޭނާއަށް ފެނުނީ މިދިޔަ އަހަރު އިންސްޓަގްރާމްގައި ދައުރުވަމުން ދަނިކޮށް އެކުވެރިއަކު ފޮނުވުމުންނެވެ. ޓީވީގެ ޚަބަރު ފީޗާއެއްގެ ގޮތަށް، މީހަކު ވާހަކަދައްކާ އަޑާއި، ލިޔުންތަކާއި، ސުރުޚީތައް ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ވީޑިއޯއަކީ މުޅިން ހަދައިގެން އުފައްދާފައިވާ ދޮގު ވާހަކައެކެވެ.
”އެއީ ހަމަ ކަނޑައެޅިގެން ފާރަލުން،“ އުމުރުން 24 އަހަރުގެ އަޔޫބު ބުންޏެވެ. ”ޔުނިވާސިޓީގެ ފުރަތަމަ ސެމިސްޓާއިން ފެށިގެން އެންމެ ފަހު ސެމިސްޓާއާ ހަމައަށް އެމީހުން ވަނީ އަހަރެންގެ ދިރިއުޅުމަށް ފާރަލާފައި.“
މި ވީޑިއޯ ތައްޔާރުކޮށްފައިވަނީ ނިއުދިއްލީގެ ޖާމިއާ މިލިއްޔާ އިސްލާމިއްޔާ ޔުނިވާސިޓީގައި އަޔޫބު ކިޔަވަން އުޅުނު ދުވަސްވަރުގެ ފޮޓޯތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ކެމްޕަސް ތެރޭގައި އެކުވެރިންނާއެކު މަސައްކަތްކުރަން އުޅުނު ވަގުތުތަކާއި، ވަކިވުމުގެ ހަފުލާތަކާއި، ކްލާސް ކުދިންނާއެކު ނަގާފައިވާ އާދައިގެ ސެލްފީތައް ހިމެނެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ އަޑުން، އޭނާއަކީ ހިންދޫ ފިރިހެނުންނަށް ”ހަށިވިއްކާ“ މުސްލިމް އަންހެނެއް ކަމަށް ބުނެ ބޮޑެތި ދޮގު ތުހުމަތުތަކެއް ކޮށްފައިވެއެވެ. އަދި ފޮޓޯތަކުގައި ތިބި މީހުންނަކީ ކޮންބައެއްކަން އޮޅުވާލައި، އޭނާގެ އަމިއްލަ ބޭބެއަކީ އޭނާގެ ”ޕިމްޕް“ (ހަށިވިއްކުމުގެ ކަންކަން ހަމަޖައްސައިދޭ މީހާ) ކަމަށް ވެސް ސިފަކޮށްފައިވެއެވެ.
”އެ ވީޑިއޯ ފެންނަ ފެނުމަށް އެހާވެސް އަސްލާ އެއްގޮތް. އަހަރެންގެ މައިންބަފައިންނަށް ފެނުނަސް އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރެވޭނެ،“ އަޔޫބު ބުންޏެވެ.
މިއީ މުސްލިމް އަންހެނުންނާ ދެކޮޅަށް އޭއައި ބޭނުންކޮށްގެން ޖިންސީ ފުރައްސާރައާއި ނަފްރަތު ފެތުރުމުގެ އިތުރުވަމުންދާ ނުރައްކާތެރި އަމަލުތަކުގެ ތެރެއިން އެއް މިސާލެވެ. އަލްޖަޒީރާއިން މިފަދަ ހަމަލާތަކުގެ ޝިކާރައަކަށްވި އެހެން ބައެއް މުސްލިމް އަންހެނުންނާ ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް، ލިބުނު ހިތާމައާއި ލަދުވެތިކަމުގެ ސަބަބުން އެމީހުން ވަނީ ރެކޯޑުގައި ވާހަކަދައްކަން އިންކާރުކޮށްފައެވެ.
މުސްލިމް އަންހެނުންގެ ފޮޓޯއާއި ވީޑިއޯތައް ބޭނުންކޮށްގެން ޖިންސީ ސިފަޖެހޭ ގޮތަށް މިފަދަ ތަކެތި އުފެއްދުމުގެ އޮއިވަރު މި އިތުރުވަނީ، އޭއައިގެ ބޭނުންކުރުމާ ގުޅޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި އިންޑިއާއިން ބޮޑެތި ދައުރުތަކެއް އަދާކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި މިއަހަރުގެ ކުރީކޮޅު ނިއުދިއްލީގައި ބޭއްވުނު، އޭއައިގެ އީޖާދުތަކާއި އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑުތަކަށް އަމާޒުކޮށް ބޭއްވި ”އޭއައި އިމްޕެކްޓް ސަމިޓް“ ފާހަގަކޮށްލެވެއެވެ.
ވޮޝިންޓަން ޑީސީގައި ގާއިމުވެފައިވާ ’ސެންޓަރ ފޯ ދަ ސްޓަޑީ އޮފް އޯގަނައިޒްޑް ހޭޓް‘ (CSOH) އިން ކުރި ދިރާސާއެއްގައި، 2023 މެއި އިން 2025 މެއި އަށް އެކްސް (X)، ފޭސްބުކް އަދި އިންސްޓަގްރާމްގެ 297 އާންމު އެކައުންޓަކުން އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ 1,326 ފޮޓޯއާއި ވީޑިއޯ ތަހުލީލުކޮށްފައިވެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، މުސްލިމް އަންހެނުން ޖިންސީ ގޮތުން ނުބައިކޮށް ސިފަކޮށްފައިވާ އުފެއްދުންތަކަށް އެހެން ތަކެއްޗަށްވުރެ ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ. އެގޮތުން އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިފަދަ ތަކެއްޗަށް 6.7 މިލިއަނަށްވުރެ ގިނަ އިންޓަރެކްޝަން (ލައިކް، ކޮމެންޓް އަދި ޝެއާ) ލިބިފައިވާކަން ފާހަގަކުރެވުނެވެ.



