
މުފްތީގެ ތަޤްރީރު އިސްލާމީ މަރުކަޒުގެ ނަމާދުކުރާބަޔަށް ބަދަލުކޮށްފި
މުފްތީ މެންކް އިސްލާމީ މަރުކަޒުގެ ބޭރު ހޯލުގައި މިރޭ ދެއްވުމަށް ތާވަލުކޮށްފައިވާ ތަޤްރީރު އިސްލާމީ މަރުކަޒުގެ ނަމާދުކުރާބަޔަށް ބަދަލުކޮށްފިއެވެ.
އެގޮތަށް ހަމަޖެއްސީ މިރޭ، ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކޮށްފައިވާތީއެވެ. ޖަމްޢިއްޔަތުއް ރަހުމާއިން އިންތިޒާމް ކޮށްގެން މިރޭ 9:00ގައި ބާއްވާ ޢިލްމުޓޯކް ޕްރޮގްރާމުގެ ދަށުން ބާއްވާ މެންކުގެ ތަޤްރީރު އަޑުއެހުމަށް އަންހެން ބޭފުޅުންނަށް ވަނީ ވަކިން އިންތިޒާމު ހަމަޖައްސާފައެވެ.
ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް މިރޭ ތަޤްރީރުކުރައްވާނީ ”އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ޙައްޤުތަކާ“ ބެހޭ ގޮތުންނެވެ.
ޢިލްމުޓޯކްގައި ބައިވެރިވެވަޑައިގަތުމަށް މުފްތީ މެންކް އިއްޔެ ރާއްޖެވަޑައިގަންފައިވާ އިރު، އޭނާ ވަނީ އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ޚުތުބާވެސް ދެއްވާފައެވެ.
މިއަހަރުގެ ޢިލްމު ޓޯކް ކުރިއަށް ގެންދަނީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުންނާއި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމާއި މޯލްޑިވިއަން ޔޫތު ލީގު ގުޅިގެންނެވެ.



