
ޓީއެފްޖީން އަންނަ އަހަރު ބާއްވާ ލޯންގރަން އިފްތިތާޙުކޮށްފި
ޓީއެފްޖީން އަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯންގރަން ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ލޯންގް ރަންގެ އަންނަ އަހަރުގެ ދުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.
އަންނަ އަހަރުގެ ދުވުން އިފްތިތާޙު ކުރުމުގެ ގޮތުން ހުޅުމާމާލޭގައި މިއަދުވަނީ 21 ކިލޯމީޓަރގެ ދުވުމެއް ދުވެފައެވެ. މިދުވުމުގައި ޓީއެފްޖީގެ މެމްބަރުންނާއި ރާއްޖޭގައި ދުވުމުގެ ދާއިރާގައި އެންމެ އިސްކޮށްއުޅޭ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ.
އެގޮތުން ރާއްޖޭގެ އެންމެފުރަތަމަ އަލްޓްރާ ރަންމޭން އާތިފް އާއި އަޙްމަދު އަފްޢާލް، ލީލާ އަޙްމަދު ފަދަ ދުވުންތެރިން ހިމެނެއެވެ.
އަންނަ އަހަރުގެ ދުވުމުގައިވެސް ފުލް މެރަތަން (42 ކިލޯމީޓަރ) އާއި ހާފް މެރަތަން (21 ކިލޯމީޓަރ) އާއި 10 ކިލޯމީޓަރާއި 5 ކިލޯ މީޓަރގެ ދުވުން އޮންނަ އިރު، 2017 ވަނަ އަހަރުގެ ދުވުމުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޓީއެފްޖީން ބުނެއެވެ.
ޓީއެފްޖީއިން 2013 ވަނަ އަހަރުން ފެށިގެން ލޯންގްރަން ހުޅުމާލޭގައި ބާއްވަނީ މާލޭގައި އުޅޭ ރައްޔިތުންވެސް ޢާއިލާ ނުވަތަ ރައްޓެހިންނާއެކު ހުޅުމާލެއަށްގޮސް އެމާޙައުލުގެ އުފާހޯދުމާއި ލޯންގްރަންއަކީ ފުރިހަމަ އިވެންޓަކަށް ހެދުމުގެ މަޤުޞަދުގައެވެ.
ޓީއެފްޖީ ލޯންގރަން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ފެންވަރުގެ ދުވުންތެރިންނާއެކު ދިވެހި ދުވުންތެރިން ރާއްޖޭގައި ދުވެލާ، ތަފާތު އެކްސްޕީރިއަންސެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.



