
ދިވެހި ޕްރިންސިޕަލުން އިތުރުކުރުމުގެ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ފަށައިފި
ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ ޢަދަދު އިތުރުކުރުމުގެ މަޤްސަދުގައި ހިންގާ ތަމްރީނު ޕްރޮގްރާމްގެ ހަތަރު ވަނަ ބުރު ފަށައިފިއެވެ.
މެލޭޝިއާގެ ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ހިންގާ ”ލީޑަރޝިޕް ވޯކްޝޮޕް އޮން ޕަސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑަރސް“ ނަމުގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި އއ، އދ، ވ، ޅ އަދި ކ. އަތޮޅާއި މާލޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ 33 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން އަދި ޓީޗަރުން ބައިވެރިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ޑިޕާޓްމަންޓް ހެރިޓޭޖްގެ ސެމިނަރ ރޫމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ތަމްރީނުގެ ބައިވެރިންނާއި މުޚާޠަބު ކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ ޢަބްދުލްޞަމަދު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކޮށް ފެންވަރު މަތި ކުރުމުގައި ސްކޫލް ހިންގަން ތިއްބަވާ ޕްރިންސިޕަލުންގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.
އަދި މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން އުފެއްދިގެންދާނެ ކަމަށް ޝެރީނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ އެކަޑަމިކް ހެޑް ޢަބްދުﷲ އިސްމާއިލް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމަށް ފަހު ބައިވެރިންނަށް އިތުރު ތަމްރީނު ދިނުމަށް މިނިސްޓްރީ އާއި ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ފާހަގަކޮށްލެވޭ ބައިވެރިންނަށް ޔުނިޓަރ ޔުނިވަރސިޓީގެ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން ސްކޫލް ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުން ކިޔަވައިދެއްވާ މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ މެނޭޖްމަންޓާއި ލީޑަރޝިޕާއި ގުޅުން ހުރި ދާއިރާތަކުންނެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރު މިދިޔަ ޖުލައި މަހުގެތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ ބުރުގައި ފުވައްމުލައް، އައްޑޫސިޓީ، ގއ. އަދި ގދ، އަތޮޅާއި މާލެ އަތޮޅުން 32 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން އަދި ޓީޗަރުން ބައިވެރިވިއެވެ.
އަދި ދެވަނަ ބުރުގައި ހއ، ހދ، ށ، ނ އަދި ރ އަތޮޅުން 30 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން އަދި ޓީޗަރުން ބައިވެރިވެ ތަމްރީނު ވެފައިވެއެވެ. ލ. އަތޮޅޫގައި ކުރިއަށް ގެންގޮސްފައިވާ ތިން ވަނަ ބުރު މިދިޔަ ހަފްތާގެ ތެރޭގައި މ، ފ، ދ، ތ އަދި ލ އަތޮޅުގެ ސްކޫލްތަކުން 27 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން އަދި ޓީޗަރުން ބައިވެރިވިއެވެ.
މިހާރު ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ %46 އެވެ. މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ޤާބިލު ލީޑިންގ ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ޢަދަދު އިތުރުވެގެން ދާނެއެވެ.