
ހެނދުނުގެ ނާސްތާއާއެކު އޮރެންޖު ޖޫސް، ވަރަށް ފައްކާ!
ހެނދުނުގެ ނާސްތާއާއެކު އޮރެންޖު ޖޫހަކީ، ހަމައެކަނި ކަރު ހިއްކުން ފިލުވައިދޭ އެއްޗަކަށްވުރެ ބޮޑަށް ހަށިގަނޑަށް ފައިދާހުރި އެއްޗެއްކަން ސައިންސްވެރިން މިހާރު ދަނީ ހޯދަމުންނެވެ.
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ޤަވާއިދުން އޮރެންޖު ޖޫސް ބުއިމަކީ ދިފާޢީ ނިޒާމުގެ ސެލްތަކުގައިވާ އެތައް ހާސް ޖީންތަކެއްގެ މަސައްކަތަށް ބަދަލު ގެނުވާ ކަމެކެވެ.
މީގެ ތެރެއިން ގިނަ ޖީންތަކަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާއި، ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ހަކުރު ބޭނުންކުރާ ގޮތް މެނޭޖުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޖީންތަކެކެވެ. މިއީ ހިތުގެ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި ކަންކަމެވެ.
މި ދިރާސާގައި ބައިވެރިވި މީހުން ދެ މަސްދުވަސް ވަންދެން ކޮންމެ ދުވަހަކު 500 މިލިލީޓަރުގެ ތާޒާ އޮރެންޖު ޖޫސް ބުއިމަށްފަހު، 60 ދުވަސްވީއިރު ލޭގެ ޕްރެޝަރު މަތިވުމާއި ދުޅަވުމާ ގުޅުންހުރި ޖީންތަކުގެ ނުފޫޒު ކުޑަވެފައިވާކަން ފާހަގަކުރެވުނެވެ.
މީގެ ތެރޭގައި ހަށިގަނޑު ސްޓްރެސްވުމުން ހަރަކާތްތެރިވާ NAMPT، IL6، IL1B އަދި NLRP3 ފަދަ ޖީންތައް ހިމެނެ އެވެ.
އޮރެންޖުގައި ހިމެނޭ ޠަބީޢީ މާއްދާއެއް ކަމަށްވާ ހެސްޕެރިޑިން (hesperidin) އަކީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ހަމަހަމަކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
މީގެ އިތުރުން، އޮރެންޖު ޖޫހަކީ ހަމައެކަނި ހަކުރުގެ މިންވަރު މަތިކުރާ އެއްޗެއް ނޫން ކަމާއި، އެއީ ލޭހޮޅިތަކަށް ދޫކަން ލިބުމާއި ދުޅަވުން ކުޑަކުރުމަށް ހަށިގަނޑަށް އެހީތެރިވެދޭ އެއްޗެއްކަން މި ދިރާސާތަކުން އެނގެ އެވެ.
ކޮންމެ ދުވަހަކު ބޯ ތާޒާ އޮރެންޖު ޖޫސް ތައްޓެއްގެ ސަބަބުން ވަޤުތުން ބޮޑު ބަދަލެއް ނުފެނުނަސް، ގިނަ ދުވަސްތަކެއް ވަންދެން މި އާދަ ހިފެހެއްޓުމުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބޮޑު އެހީއަކަށްވެ އެވެ.
މުޅި މޭވާ ކެއުމަކީ ފައިބަރ ލިބޭތީ އެންމެ ރަނގަޅު ގޮތް ކަމުގައި ވިޔަސް، މިންވަރަކަށް ބޯ ތާޒާ އޮރެންޖު ޖޫހަކީ ވެސް ހަށިގަނޑުގެ ދުޅަހެޔޮކަމަށް އޮތް ވަރަށް ބޮޑު ބާރެކެވެ.



