
ސަރުކާރުން އަލަށް ތައާރަފު ކުރާ ”މާލެ ޓެކްސީ“ގެ ހިދުމަތް ފަށަން ކާރުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި
ސަރުކާރުން އަލަށް ތައާރަފު ކުރާ ”މާލެ ޓެކްސީ“ގެ ހިދުމަތް ފަށަން ކާރުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި އެވެ.
މާލެ ޓެކްސީ ހިދުމަތްދޭ އެމްޓީސީސީން މިއަދު ބުނީ ކާރުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ކްލިއާ ކުރުމުގެ މަސައްކަތް ހުޅުމާލެ ބަނދަރުގައި ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ކުރަމުންދާ ގޮތް ބައްލަވާލެއްވުމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.
ފުރަތަމަ ޝިޕްމަންޓްގައި 60 ކާރު ވަނީ ގެނެސްފަ އެވެ. ގެނެސްފައިވަނީ ޖާގަ ވަރަށް ތަނަވަސް ރީތި ކާރުތަކެކެވެ.
ޓެކްސީ ލައިނަށް ދެ ބުރެއްގެ މަތީން 150 ކާރު ގެންނަން ވަނީ ހަމަޖެހިފަ އެވެ. އެމްޓީސީސީން ބުނީ ދެވަނަ ޝިޕްމަންޓްގައި 90 ކާރު ގެންނާނެ ކަމަށެވެ. އެ ކާރުތައް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހު ޓެކްސީލައިންގެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.



