
ބަންގްލަދޭޝްއިން ނިންމުން އަނބުރާ ގެންދިޔުމުން، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ
ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން ބަންގްލަދޭޝްއިން މީގެކުރިން ނިންމާފައިވީ ނަމަވެސް، އެނިންމުން އަނބުރާ ގެންދަން، އެގައުމުގެ ސަރުކާރުން ނިންމަވާފައިވާ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފި އެވެ.
އެވުޒާރާއިން ބުނެފައިވަނީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން މީގެކުރިން ނިންމާފައިވީ ނަމަވެސް، އެނިންމުން އަނބުރާ ގެންދަން، ބަންގްލަދޭޝްގެ ސަރުކާރުން މިހާރު ނިންމާފައިވުމުން، އެގައުމަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ މިހާރު ލިބޭނެ ކަމަށެވެ.
ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ވަރަށްބޮޑަށް ބަދަލުވެފައިވާއިރު، މިއީ ހަސީނާގެ ވެރިކަމަށްފަހު ފުރަތަމަ ފަހަރަށް ބާއްވާ އާއްމު އިންތިހާބެވެ. ބަންގްލަދޭޝްގެ ވެރިކަން ދޫކުރައްވައި ހަސީނާ ވަޑައިގެންނެވުމާއެކު، އޭރު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ޤާނޫނު ހަދާ މަޖިލީސްވެސް ވަނީ އުވާލާފައެވެ.



