
ޤައުމީ ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ..
ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ނުވަތަ ޤައުމީ ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެއެވެ.
މި މުބާރާތް މިއަދު ފަށާނީ ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުންނެވެ. އަދި މިރޭގެ މެޗުގައި ބައދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި މި މުބާރާތުގައި އަލަށް ވާދަކުރާ ސ. ފޭދޫ ޓީމެވެ. ޤައުމީ މުބާރާތުން ފޭދޫއަށް ޖާގަ ލިބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ.
މި މުބާރާތުގައި ވާދަކުރަނީ ފޭދޫ، މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓަރީ އަދި ނިއު ރޭޑިއަންޓެވެ.
މުބާރާތުގައި ވާދަކުރާ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ގްރޫޕް އެކެއްގައި ހިމެނެނީ ނިއު އާއި އީގަލްސްގެ އިތުރުން ޓީސީއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ މާޒިޔާ އާއި ފޭދޫގެ އިތުރުން ޔުނައިޓެޑް ވިކްޓްރީއެވެ.
ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ އިރު، ސެމީ ފައިނަލުގެ މެޗުތަށް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ އެވެ. އެރޭ ކުޅޭނީ ގްރޫޕް އެކެއްގެ އެއްވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމުގެ މެޗެވެ.
ދެ ވަނަ ސެމީ ފައިނަލުގައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ވާދަކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި ގްރޫޕް އެކެއްގެ ދެ ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އެވެ.
ޤައުމީ މުބާރާތުގައި މުޅިން އަލަށް މިފަހަރު ތިން ޓުމް ކުޅޭނެއެވެ. އެއީ ފޭދޫ އާއި މިއަހަރު އަލަށް އެއްވަނަ ޑިވިޝަނަށް ބަދަލުވި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އެވެ.



