
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ އާ ބައްދަލު ކުރައްވައިފި
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާ އާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވި އެވެ.
ވަޒީރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ޙައްޖާއި ޢުމްރާއަށް ޚާއްޞަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން ފާހަގަކުރެއްވި އެވެ.
ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ޙައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރައްބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުކެވެ.



