19 ވަނަ ޤަރުނުގެ ތާރީޚީ ޢިމާރާތްވެސް އަނދާ އަޅިޔަށް

ފްރާންސްގެ ލިމޯޖް ސިޓީގެ މުނިސިޕަލް އިދާރާ (ޓައުން ހޯލް) ގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ނޮޓްރެ-ޑާމް ކެތީޑްރަލްގައި ހިނގި ހިތާމަވެރި ހާދިސާގެ ހަނދާންތައް އައުވެއްޖެ އެވެ.

ފްރާންސަށް މި ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ބޮޑު ހަމަނުޖެހުންތަކުގެ ތެރޭގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ލިމޯޖްގެ ތާރީޚީ މުނިސިޕަލް އިދާރާގައި ރޯކޮށްލުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

19 ވަނަ ގަރުނުގެ ނިއޯ-ރެނެސަންސް ފަރުމާއަށް ބިނާކޮށްފައިވާ މި ރީތި އިމާރާތަކީ ދުނިޔޭގެ ދެ ބޮޑު ހަނގުރާމައިންވެސް ސަލާމަތްވެފައިވާ ބިނާއެކެވެ.

އިމާރާތުގެ ފުރާޅުގައި ރޯވެ ގަޑި ހަރުކޮށްފައި ހުރި ބުރުޒު ވެއްޓިގެން ދިޔަ މަންޒަރު ބަލަން ތިބި މީހުން ތިބީ ބަސްހުއްޓިފަ އެވެ.

މި މަންޒަރުގެ ސަބަބުން 2019 ވަނަ އަހަރު ނޮޓްރެ-ޑާމް ކެތީޑްރަލްގައި ރޯވެ އޭގެ ބުރުޒު ވެއްޓިގެން ދިޔަ ހިތްދަތި ހަނދާންތައް އައުވެގެން ދިޔަ އެވެ.

”އަހަރެންގެ ހިތް ކުދިކުދިވި ކަހަލަ. ނޮޓްރެ-ޑާމްގެ ހާދިސާ އަލުން ތަކުރާރުވީ ކަމަށް އިހުސާސް ކުރެވުނު، ނަމަވެސް މިފަހަރު އެއީ އަހަރެމެންގެ އަމިއްލަ ސިޓީ،“ ލިމޯޖްގެ ޓައުން ހޯލް އަނދަމުން ދިޔަ މަންޒަރު ދުށް ފްރެންސުއާ ފޯރީ ބުންޏެވެ.

ފޯރީގެ އާއިލާއިން އަންނަ މަހު އޭނާގެ ކާފަ ދަރިފުޅުގެ ދީނީ ރަސްމިއްޔާތެއް އެ އިމާރާތުގައި ބޭއްވުމަށް އޮތީ ރޭވިފަ އެވެ.

”އަހަރެމެން މި އުޅެނީ ކޮން ކަހަލަ ޤައުމެއްގައި؟ އަހަރެމެންގެ ދަރިންނަށް މި ދޫކޮށްލަނީ ކޮންފަދަ ކަންތައްތަކެއް؟“ އޭނާ ސުވާލު އުފެއްދި އެވެ.

”އެ ބިނާއަށް ގެއްލުން ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް. ޝަކުވާތަކެއް ހުރެދާނެ، އިހުތިޖާޖު ކުރުމުގެ ހައްގުވެސް އޮވެދާނެ، އެކަމަކު އަނިޔާވެރިވުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ.“

އެ ސަރަހައްދުގެ ޕްރިފެކްޓް މޮރިސް ބަރާޓޭ ވިދާޅުވި ގޮތުގައި އިމާރާތުގެ ހުޅަނގު ފަރާތް ފިޔަވައި އެހެން ހުރިހާ ބައެއްގެ ފުރާޅު ވަނީ ތިރީ ފްލޯތަކަށް ވެއްޓިފަ އެވެ. އަދި އިމާރާތުގެ ބޭރު ފަށަލައިގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ.

1883 ވަނަ އަހަރު ހުޅުވި ޕެރިހުގެ ސިޓީ ހޯލްގެ ފަރުމާއަށް ބިނާކޮށްފައިވާ މި ތާރީޚީ ބިނާ ހަލާކުވުމަކީ ”ސަގާފީ ތަރިކައަށް ލިބުނު ބޮޑު ހިތާމައެއް“ ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މި އިމާރާތުގެ މެދުގައި ހުންނަ ގަޑި ބުރުޒުގެ އުސްމިނުގައި 43 މީޓަރު (141 ފޫޓު) ހުރެ އެވެ.

”މުނިސިޕަލް އިދާރާގައި ރޯކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން!“ އާންމު ރައްޔިތެއް ކަމަށްވާ ގިލްބާޓް ބުންޏެވެ. ”މިކަން ކުރި ބަޔަކަށް އަދަބު ދޭންޖެހޭނެ. މީގެ މަރާމާތަށް ހޭދަވާ ފައިސާ ދައްކަންޖެހޭނީ އެމީހުންގެ އަމިއްލަ ޖީބުން. އެއީ ދައުލަތުން ކުރަންޖެހޭނެ ޚަރަދެއް ނޫން.“

ސިޓީގެ މޭޔަރު ގީޔޯމް ގޭރިން ވިދާޅުވި ގޮތުގައި އެތައް ސަތޭކަ ބައެއްގެ މައްޗަށް އެކުލެވޭ ހަރުކަށި ގްރޫޕަކުން ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންގެ ބާރުގެ ދަށުން އެ ސަރަހައްދު އަތުލައި ކުޑަދޮރުތައް ތަޅާލައި ބޮޑު އާލާތެއް ބޭނުންކޮށްގެން މައި ދޮރު ވައްޓާލީ އެވެ.

”މި ހަމަލާ ރާވާފައިވާ ގޮތާއި އެކަމަށް ތައްޔާރުވެފައިވާ މިންވަރު އަދި މިއީ ކުރިއާލައި ރޭވިގެން ހިންގި އަމަލެއްކަން އެނގުމުން ނުހަނު ކަންބޮޑުވޭ،“ އޭނާ ނޫސްވެރިންނަށް މައުލޫމާތުދެއްވި އެވެ.

ގޭރިން އިތުރަށް ވިދާޅުވީ ޤައުމީ ފުލުހުން މަގުމަތީގެ މުޒާހަރާތައް ކޮންޓްރޯލް ކުރަން ފޮނުވާފައިވުމުން އެ އިމާރާތް ރައްކާތެރިކުރުމަށް ފުލުހުންގެ އަދަދު މަދުވީ ކަމަށެވެ. ”ޓައުން ހޯލް ހިމާޔަތްކުރާނެ އެންމެ ޤައުމީ ފުލުހަކުވެސް އެވަގުތަކު ނެތް. ގައުމުގެ ހާލަތު މިދަނީ ވަރަށް ގޯސްވަމުން،“ ކަނާތު ފިޔައިގެ ސިޔާސީ ވިސްނުން ގެންގުޅުއްވާ މޭޔަރު ވިދާޅުވި އެވެ.

ލިބުނު ގެއްލުންތައް ބަލަމުން ދިޔައިރު ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެފައި ތިއްބެވެ. ރިޓަޔަރޑް ނަރުހެއް ކަމަށްވާ އެޑިތު ލޯސެން ބުނީ މި ހަމަލާގެ ފަހަތުގައި ތިބި މީހުންގެ ނުބައި ނިޔަތާމެދު އޭނާ ހައިރާންވާ ކަމަށެވެ.

”އަހަރެން މިހިރީ ވަރަށް ދެރަވެފައި، ވަރަށް ފޫހިވެފައި،“ ލޯސެން ބުންޏެވެ. ”އެކަމަކު ނަފްރަތުގެ މައްޗަށް ނަފްރަތު އިތުރުކުރުމަކުން ވާނެ އެއްވެސް ފައިދާއެއް ނެތް.“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.