
ނެޝަނަލް އެސެސަރުންނަށް ކާޑު ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ނެޝަނަލް އެސެސަރުންނަށް, ނޭޝަނަލް އެސެސަރެއްކަން އަންގައިދޭ ކާޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި 2025 އޮކްޓޫބަރ 9 ވީ (ބުރާސްފަތި) ދުވަހުގެރޭ މި ކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިޔާތުގައި ނެޝަނަލް އެސެސަރުންކަން އަންގައިދޭ ކާޑު ހަވާލުކޮށްދެއްވީ, ރަސްމިއްޔަތުގެ ޝަރަފުވެރި މެހުމާނު, މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރު އަޙުމަދެވެ.
މި ހަފްލާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި, މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (2021/7) ގެ 52 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑުގައި ބަޔާންކުރާ މިންގަޑަށް ދަރިވަރުންނަށް ތަޢުލީމާއި ހުނަރު ހާސިލުވެފައިވާ މިންވަރު ވަޒަންކުރުމަށް މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓުތައް ކުރިއަށްގެންދަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ނެޝަނަލް އެސެސަރުން މެދުވެރިކޮށްކަމަށާއި, އެމް.އެން.އެސް.ޑީ.އޭގައި އެކި ދާއިރާތަކުން އެސެސްމަންޓްތައް ކުރިޔަށްގެންދިޔުމަށް 234 ނެޝަނަލް އެސެސަރުން ރަޖިސްޓަރީކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ނެޝަނަލް އެސެސަރުންގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި އަލަށް ޓްރެއިނިންގ މެނުއަލްއެއް މި އަހަރުތެރޭގައި ތައްޔާރުކުރެވި 29 ޓްރެއިނިންގ އޮފް ޓްރެއިނާރސް ތަމްރީނުކޮށްފައިވާ ކަމަށާއި, މިއަހަރު ތެރޭގައި 20 ނެޝަނަލް އެސަސަރުން ތަމްރީނު ވެފައިވާކަމަށް, އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު އެސަސަރުން ތަމްރީނުކުރުމަށް އެމް.އެން.އެސް.ޑީ.އޭ އިން ރާވާފައިކަމުގައިވެސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓެއް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވޭނީ އެމް.އެން.އެސް.ޑީ.އޭ އިން ނެޝަނަލް އެސެސަރ ކާޑު އެވޯރޑް ކޮށްފައިވާ ފަރާތަކަށް އެކަނި ކަމުގައިވެސް ވިދާޅުވިއެވެ.
އަދި ނެޝަނަލް އެސެސަރުންނަކީ ވަރަށް މުހިއްމު އަދި އެހާމެ ޒިންމާދާރު މަސައްކަތެއް ކުރައްވާ މުހިންމު ބަޔަކަށް ވާއިރު، އިތުބާރު ހިފޭފަދަ އެސެސަރަކަށް ވުމަށްޓަކައި، ކޮންމެ ކާޑު ހޯލްޑަރ އަކީ އެސެސްމަންޓް މާހައުލުގައި ޕްރޮފެޝަނަލިޒަމް ހިފަހައްޓާ ނަޒާހަތްތެރިކަން އިސްކޮށް ހަމަހަމަކަމާއި އެކު އެސެސްމަންޓް ކުރިއަށް ގެންދާ، އެސެސަރަކަށްވާންވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓަކީ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްގައި ފަންނީ މަސައްކަތް ދަސްކުރާ ފަރާތްތަކަށް ވަކި މަސައްކަތެއް ވަކި ފެންވަރެއްގައި ކުރަން އެނގޭނެކަން ރަސްމީ ސިފައެއްގައި ކަނޑައެޅުމަށްޓަކައި ބޭނުންކުރާ މިންގަނޑާ އަޅައިބަލައި، މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި، މައުލޫމާތާއި، މަސައްކަތު އަޚްލާޤު އެ މީހެއްގެ ކިބައިގައި ހުރި މިންވަރު ވަޒަންކުރުމަށްޓަކައި، ތަމްރީނުދޭ ފަރާތުން ކުރިޔަށް ގެންދާ އިމްތިހާނުގެ އިތުރުން، ނެޝަނަލް އެސެސަރުން މެދުވެރިކޮށް ކުރިޔަށް ގެންދާ އެކްސްޓަރނަލް ވެރިފިކޭޝަނެކެވެ.
އެސެސަރުންގެ އެސެސްމަންޓު ރިޕޯރޓުގެ މަށްޗަށް ބިނާކޮށް ނެޝަނަލް ސެޓުފިކެޓު ދޫކުރާއިރު، އެ ސެޓުފިކެޓްގެ އިތުބާރު ބިނާވެފައިވަނީ އެސެސަރުންގެ ފެންވަރުގެ މަށްޗަށެވެ.
އިންޑަސްޓްރީއަށް އަންނަ ބަދަލުތަކާއި ގުޅިގެން ކޮންޕިޓެންސީ ސްޓޭންޑަރޑުތައް މުތާލިއާކުރަމުން ދާއިރު، ކޮންމެ އެސެސަރެއްވެސް މިބަދަލުތަކަށް އަހުލުވެރިވެ އަދާ ހަމަވެފައި ތިބުމަށްޓަކައި ރިފްރެޝާ ކޯސް ހެދުމަކީ ވަރަށްމުހިއްމު ކަމެއްކަމަށާއި, އެމް.އެން.އެސް.ޑީ.އޭގެ ކޮމްޕީޓެންސީ ބޭސްޑް އެސެސްމަންޓްތައް ކުރިޔަށް ގެންދިޔުމުގައި އެސެސަރުންގެ ފަރާތުން ވެދެއްވާ އެއްބާރުލެއްވުމަށް މިނިސްޓަރ ޝުކުރު ދެންނެވިއެވެ.
މީގެ އިތުރުން މަސައްކަތްތެރި ހުނަރުވެރި ޖީލެއް ބިނާކޮށް ޓިވެޓް ނިޒާމް ކުރިއެރުވުމަށް އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްތަކާއި ގުޅިގެން ޓިވެޓު ދާއިރާއަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރައްވާކަމަށާއި އެ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.
މި ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރ އާމިނަތު ޝަޝީއެވެ. އަދި ޝުކުރުދެންނެވީ އެމް.އެން.އެސް.ޑީ.އޭ.ގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ ޢަލީއެވެ.
ނޭޝަނަލް އެސެސަރެއްގެ ގޮތުގައި ދަފްތަރު ކުރެވޭ ދާއިރާތަކާއި އިތުރު މައުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް https://www.mnsda.gov.mv/ އަށް ޒިޔާރަތްކުރެއްވުން އެދެމެވެ.



