
އަންހެންކުދިންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް، ހަމަހަމަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށާއި، އެކުދިންގެ އަޑު އަހައި، އިހުތިރާމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަންބަލުން މިހެން ދަންނަވާފައިވަނީ، ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެކަމަނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައިދެމުންދާ ހިއްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަން ފާހަގަކުރައްވައި، އެކުދިންނަކީ މުޖުތަމަޢުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ، އަދި މުސީބާތުގެ ވަގުތުތަކުގައިވެސް ގަދައަޅައި މަސައްކަތްކުރާ، ވިލުންތެރިކަން އޭގެ ޙަޤީޤީ މާނައިގައި ދައްކުވައިދޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އަދި އަންހެން ކުދިން ތަޢުލީމު ހާސިލުކޮށްގެން މާނަހުރިގޮތެއްގައި މުޖުތަމަޢުތަކަށް ޚިދުމަތް ކުރެވޭނެފަދަ މާޙައުލުތަކެއް ބިނާކުރުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހަކީ، އަންހެންކުދިންގެ ހައްޤުތައް ބަލައިގަނެ، އެ ކުދިންގެ ބާރުވެރިކަމަށް މަސައްކަތްކުރުމަށްޓަކައި އ.ދ. އިން ކަނޑައަޅައިފައިވާ ދުވަހެކެވެ.



