
ކުއްލި ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރަންޖެހޭ: ފަސްޓު ލޭޑީ
ކުއްލި ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން، މީސްމީޑއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވަނީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން ކުރަންޖެހޭކަމަށް ވިދާޅުވެފަ އެވެ.
މިފަދަ ނާޒުކު ޙާލަތްތަކުގައި އަބަދުވެސް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ ކުޑަކުދިންނާއި އަންހެނުންނަށްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޚްތިޔާރީކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ޙައްޤެއް ކަމަށް ވިދާޅުވި އެވެ.
އެކަމަނާގެ ޕޯސްޓް ނިންމަވާލެއްވީ، ކުއްލި ޙާލަތްތަކަށް އިޖާބަ ދިނުމުގައި ފަރުވާ ދިނުމަށާއި، ކުލުނުވެރިކަން އިސްކުރުމުގެ އިތުރަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އިސްކަން ދިނުމަށް ގޮވާލައްވަމުންނެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ކޮންމެ އަހަރެއްވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހެ އެވެ. މި ދުވަސް ފާހަގަކުރަނީ ނަފްސާނީ ދުޅަހެޔޮކަމަށް، ހޭލުންތެރި އަދި އަހުލުވެރި މުޖްތަމަޢުއެއް ބިނާކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކާލާތު ކުރުމަށެވެ.
މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު ބިނާވެފައިވަނީ ކުއްލި ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.



