
ޢިންޑޮނޭޝިއާގައި ސއކޫލް ޢިމާރާތެއް ވެއްޓިއްޖެ
އިންޑޮނީޝިއާގެ ސްކޫލް އިމާރާތް ވެއްޓުން – އެއްވެސް ބަޔަކު ކުއްވެރި ކުރުމުގެ ބަދަލުގައި ބެލެނިވެރިން ބުނަނީ އެއީ ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
ސޮދޯރްޖޯ، އިންޑޮނޭޝިއާ – އެއީ އެދުވަހުގެ އަޞްރު ނަމާދު ވަގުތެވެ. އުމުރުން 16 އަހަރުގެ މުޙައްމަދު ރައިޙާން ފިރުދައުސް އެވަގުތު އަލްޚޮޒްނީ އިސްލާމިކް ބޯޑިންގ ސްކޫލްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ނަމާދުހޯލުގައި ނަމާދުކޮށް ނިމުމަކާއި ގާތްވެފައި ވަނިކޮށް، ކުއްލިއަކަށް ކޮންމެވެސް އެއްޗަކުން ބޮލުގައި ޖެހުނެވެ. ވީ ތަދާއެކު މައްޗަށް ބަލާލުމުން ފެނުނީ ސީލިންގުން ބައެއް ވެއްޓެމުންދާ މަންޒަރެވެ. އެވަގުތު އޭނާއާއެކު އެތަނުގައި 12 އަހަރާއި 18 އަހަރާއި ދެމެދުގެ އެތައް ކުދިންނެއް ތިއްބެވެ.
މިއީ ފާއިތުވި ސެޕްޓެމްބަރު 29 ވީ ހޯމަދުވަހު، އިންޑޮނޭޝިއާގެ ސިދާރްޖޯ އަވަށުގައި ހުންނަ އިސްލާމީ ތަޢުލީމުދޭ ސްކޫލް އިމާރާތް ވެއްޓި، ހިނގި ހިތާމެވެރި ހާދިސާގެ ވާހަކަ އެވެ. އަދި އެކަމުން ވެސް ދަރިވަރުންނާއި މައިންބަފައިން ދެއްކި ހިތްވަރާއި، އިސްލާމީ ރިވެތި އަޚްލާޤްގެ ވާހަކަ އެވެ.
”އަހަރެން ހީކުރީ ބިންހެލުމެއް އައީ ކަމަށް“ އޭނާ ބުންޏެވެ. ”ސަލާމަތްވާން އަހަރެމެން އެންމެން އިމާރާތުން ނިކުންނަން އަވަހަށް ދުއްވައިގަތީ“
އެކަމަކު އެއީ ބިންހެލުމެއް ނޫނެވެ.
އަލްޚޮޒްނީ އިސްލާމިކް ބޯޑިންގ ސްކޫލް އިމާރާތުގައި އިތުރު ދެ ފަންގިފިލާ ހެދުމަށް ކޮންކްރީޓް އަޅައި، އިމާރާތް ކުރުމުގެ މަސައްކަތް އޭގެ ހަފްތާތަކެއް ކުރިއްސުރެ ދިޔައީ ކުރެވެމުންނެވެ. މިހާދިސާ ދިމާވުމަށް މެދުވެރިވި ސަބަބަކީވެސް އެއީއެވެ. އިމާރާތް ކުރުމުގެ މަސައްކަތުގެ ސަބަބުން، އިތުރުކުރަމުން ދިޔަ 2 ފަންގިފިލާއާއި އަޅަމުންދިޔަ ކޮންކްރީޓްއިން ބަރުދަން އިތުރުވެ، ބައުވެފައިވާ އެއިމާރާތަށް ހިފެހެއްޓޭވަރަށް ވުރެ ބަރުދަން އިތުރުވީ ކަމަށް، މިހާދިސާ ތަހުގީގުކުރި ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން އިމާރާތުގެ ފަންގިފިލާތައް ވެއްޓުނީއެވެ.
ވެއްޓެމުންދާ އިމާރާތުގެ ދަށުވެ ޗިސްޗިސްވުމުން ސަލާމަތް ވުމަށް، އަދި ފުރާނަ ސަލާމަތް ކުރުމަށް ނިކުންނަން ކުރި މަސައްކަތުގައި މުޙައްމަދު އެތައް ފަހަރަކު ވެއްޓި، އަދި ވެއްޓެމުންދިޔަ ގައުތަކުގެ ސަބަބުން އަނިޔާވެސް ލިބުނެވެ. ނަމަވެސް އެވަގުތު ތަދު އިޙުސާސްވާ ވަރަށް ވުރެ ހާސްކަން ހުރީ ބޮޑުވެފައެވެ. ފުރާނަ ސަލާމަތް ކުރުން ނޫން ކަމަކާ އެވަގުތަކު ނުވިސްނެއެވެ. ﷲ ގެ ރަޙްމަތުން ބޭރަށް ނިކުމެވުނެވެ. ސިއްޙީ ފަރުވާ ދިނުމަށް ސިދޯރްޖޯގައި ހުންނަ ސިތީ ފަޖަރް ހޮސްޕިޓަލްއަށް ގެންގޮސް، ފަރުވާ ފެށުމުން އެނގުނީ އޭނާގެ އެއް ފައި ބިނދި، އަދި ކޮނޑުހުޅުން ވެސް ނެއްޓިފައިވާ ކަމެވެ. އަދި ކޮނޑުހުޅު ހަރުކުރުމަށް ހުޅަށް ދަގަނޑު ޕިންއެއް ވެސް ޖަހަން ނެހުނެވެ.
މި ހިތާމެވެރި ހާދިސާ ކުރިމަތިވުމުން އިމާރާތުގެ ސަލާމަތީ ކަންތައްކާއި، އިމާރާތް ކުރުމުގެ ފެންވަރު، އަދި ބޭނުންކުރަމުންދާ އިމާރާތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރެވެމުންދިޔައީ ކީއްވެތޯއާ ބެހޭގޮތުން ސުވާލުތައް ވަނީ އުފެދިފަ އެވެ. ކަންމިހެން ހުރިނަމަވެސް އަލުން އެސްކޫލަށް ނުގޮސް ހުއްޓާލުމުގެ ވިސްނުމެއް މުޙައްމަދު ވެސް އަދި އޭނާގެ މަންމަގެ ވެސް ނެތެވެ. ހޮސްޕިޓަލް އެނދުގައި އޮވެ ހިތްވަރާއެކު މުޙައްމަދު ބުންޏެވެ. ”އަހަރެން އަލުން އެ ސްކޫލްއަށް ކިޔަވަން ދާން ބިރެއް ނުގަނެ އެވެ.“ އަދި އޭނާގެ މަންމަ ބުނަނީ، އަލުން ސްކޫލް އިމާރާތް ކުރެވި، ތަޢުލީމް ޙާސިލް ކުރުމަށް އެސްކޫލްއަށް އަލުން މުޙައްމަދު ފޮނުވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެއީ މުޙައްމަދުގެ އުމުރުން 12 އަހަރުން ފެށިގެން ކިޔަވަމުންދާ ސްކޫލް ކަމަށެވެ.
”އަހަރެމެން ދެކެނީ މިހާދިސާއަކީ ހަމައެކަނި ދިމާވި ހިތާމަވެރި ހާދިސާއެއްގެ ގޮތުގަ. މިކަމުގައި އެއްވެސް ބަޔަކަށް އިނގިލި ދިއްކޮށް، އެއްވެސް ބަޔަކު ކުއްވެރިއެއް ނުކުރަން. ކުއްވެރި ކުރަން ބޭނުމެއް ވެސް ނޫން.“ މުޙައްމަދުގެ މަންމަ ބުންޏެވެ.
މިހާދިސާގައި އަނިޔާލިބުނު ދަރިވަރުންނާއި އެކުދިންގެ މައިންބަފައިނާއި ސުވާލު ކޮށްލުމުން އެންމެ އާއިލާއެއް ފިޔަވައި ހުރިހާ އެންމެންވެސް ބުނެފައިވަނީ، އެސްކޫލުން އަދިވެސް ތަޢުލީމު ޙާސިލްކުރަން ބޭނުންވާ ކަމަށާއި، އެހެން ސްކޫލަކަށް ދާން ބޭނުންނުވާ ކަމަށެވެ. އަދި މިކަމާ އެއްވެސް ފަރާތެއް ކުށްވެރިކުރަން ބޭނުންނުވާ ކަމަށާއި، އިސްލާމީ ޢިލްމު އުނގެނުމަށް އަދިވެސް އެސްކޫލަށް ދާން ބޭނުންވާ ކަމަށެވެ.
ފާއިތުވި މަހު ހިނގި މި ހާދިސާގައި 40 ކުދިން ވަނީ ނިޔާވެފައިވާއިރު، އިމާރާތް ދަށުވެ 27 ކުދިން އަދިވެސް ހޯދިފައި ނުވާކަމަށް ކުދިން ސަލާމަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ. އިމާރާތުގެ ދަށުވެފައިވާ ކުދިން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އަދިވެސް ދަނީ ކުރެވެމުންނެވެ.