
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫނެވެ – ހުކުރު ޚުތުބާ
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫނެވެ – ހުކުރު ޚުތުބާ
ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެ ކަމާ މެދު މަޞްލަޙަތުވެރީން ދެކޭ ގޮތް، އޮޅުންފިލުވާށެވެ! އޭގެ ތެދުދޮގު ބޮޑަށް އެނގޭނީ އެ މީހުންނަށެވެ
މިއަދުގެ ހުކުރު ޚުތުބާ ގެނެސްދީފައިވަނީ މުއުމިނުންގެ ބަސްމަގާއި ބެހޭގޮތުންނެވެ. މިމަޢުޞުޢުއަށް ޚުތުބާގައި ނަސޭޙަތްތެރި ވަމުން ބުނެފައިވެއެވެ. ”މީހަކު ދައްކާހައި ވާހަކައަކީ، އަދި ފަތުރާހައި ޚަބަރަކީ ތެދެއްނޫނެވެ. އަދި އޭގެ މުރާދު ދެނެގަންނާން އެންމެންނަށް އެނގޭނޭ ވާހަކައެއް ވެސް ނުމެނޫންމެއެވެ. އެހެންކަމުން ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެ ކަމާ މެދު މަޞްލަޙަތުވެރީން ދެކޭ ގޮތް، އޮޅުންފިލުވާށެވެ! އޭގެ ތެދުދޮގު ބޮޑަށް އެނގޭނީ އެ މީހުންނަށެވެ. އެ ފަދަ ވާހަކަތައް ފަތުރާންވާނީ، އެ މީހުންގެ ލަފަޔާއި ރައުޔާ އެއް ގޮތަށެވެ.“
މިކަމާއި ބެހޭގޮތުން ބާވާލައްވާފައިވާ ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”“އަދި، އެއުރެންގެ ގާތަށް އަމާންކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެ ނަމަ (އެބަހީ: ހަނގުރާމައިގައި ނަޞުރުލިބުން ނުވަތަ ބަލިވުން ފަދަ ޚަބަރެއް އެއުރެންނަށް ލިބިއްޖެ ނަމަ) އެ ކަމެއް (އެންމެންގެ ތެރެޔަށް) ފަތުރައިލައެވެ. އަދި، ރަސޫލާގެ އަރިހަށާއި އެއުރެންގެ ތެރެއިން އަމުރުވެރީންގެ ގާތަށް އެ ކަމެއް ރައްދުކުޅަ ނަމަ، އޭގެ ތެރެއިން، އެ ފަދަ ކަންތަކުގެ ޙަޤީޤަތްތައް ހޯދައިގަންނަ މީހުންނަށް، އެ ކަމެއް އެނގުނީސްކަން ކަށަވަރެވެ. اللهގެ فَضْلُވަންތަކަމާއި، އެކަލާނގެ
ރަޙުމަތް ނުވާ ނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ ޝައިޠާނާއަށް ތަބަޢަވެއްޖައީހެވެ.“
ހަގީގަތެއް ހޯދުމެއްނެތި ހީއެއްގެ މައްޗަށް ބިނާކޮށް ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން ފަރުދުންނަށް ލިބޭ ގެއްލުން، އަދި އޭގެ ސަބަބުން މީހުންގެ އަބުރު ގެއްލި ބަދުނާމުވުން ފަދަ ކަންތައްތައް ވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި މި ޒަމާނަކީ ވާހަކަތައް ފަތުރައިލާން ވަރަށް ފަސޭހަ ޒަމާނެއް ކަމަށާއި، މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރައިލުމަށް ބޭނުންވަނީ ކުޑަ ހިނދުކޮޅެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.
”އެ ވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބައިލީމައި، އެ ވާހަކައެއް އެ އޮތީ މުޅި ދުނިޔެއަށް ޢާންމުވެފައެވެ. ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެކެވެ.“
ހީއެއްގެ މައްޗަށް ބިނާކޮށް ބަސްފެތުރުމާއި، އެފަދަ ފާފަތަކުން ދުރުވުމާއި ބެހޭގޮތުން މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ.“
އަދި މިގޮތަށް ފަތުރާ ވާހަކަތަކަކީ ދޮގެއްތޯ ނުވަތަ ތެދެއްތޯ ވެސް މީހުން ނުބަލާ ކަމަށާއި، މީހުން ބަލަނީ މިފަދަ ވާހަކަތައް ފެތުރުމުން ނިކުމެދާނެ ނަތީޖާއަކަށް ވެސް ބެލުމެއް ނެތި އަވަހަށް އެވާހަކައެއް ފަތުރާލެވޭތޯ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. މިކަމުން ލިބޭނެ ފާފައަކަށް ވެސް ބެލުމެއް ނެތިއެވެ.
”މީހުން ދައްކާ ވާހަކަ ފަތުރައިލުމުގެ ކުރީން އޭގެ ދޮގުތެދު ބެލުމަށް އަންގަވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ. ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް، ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.“
މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް ކަމަށް ޚުތުބާގައި ނަސޭހަތްތެރި ވަމުން ބުނެފައި ވަނީ ހަގީގަތް ބެލުމެއްނެތި ވާހަކަ ފެތުރުމުގެ ސަބަބުން އަމިއްލަ ނަފުސާއި އެހެންމީހުން ހަލާކުގެތެރެއަށް ވައްޓައިލާބަޔަކަށް ނޫވުމަށެވެ. އަދި ކަންކަން އޮޅުންނުފިލުވައި ވާހަކަދެއްކުމަކީ، އިސްލާމް ދީނުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއްނޫންކަން، އިސްވެދިޔަ އާޔަތުގެ މާނައިން ވަރަށް ޞަރީޙަކޮށް ހާމަވާ ކަމަށެވެ.
”އިސްލާމްދީން ވަނީ، ބަސްމޮށި އުޅޭންވީ ޞައްޙަ މިންގަނޑު ބަޔާންކުރައްވައިފައެވެ. ދައްކާންވީ ވާހަކައާއި ނުދައްކާންވީ ވާހަކަ އަންގަވައިފައެވެ. މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަޚުންގެ ޢައިބުތައް ފޮރުވާ ބަޔަކަށެވެ. އެ ކަންކަން ހާމަކުރާ ބަޔަކަށްނޫނެވެ.“
އަދި މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން ކަމަށާއި، މުސްލިމުންނަކީ، ސީދާވެގެންވާ ބުނުމަކުން ބަސްބުނާންޖެހޭ ބައެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
“ އެ ގޮތަށް ބަސްބުނެއުޅުމުން މާތް ﷲ އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވައި ފާފަފުއްސަވާނެތެވެ.“