
އިންސާނުންނަށް މާތްﷲ ޚިޔާރުކުރެއްވި ދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ އަހަރެމެންގެ ވާޖިބެއް: ހުކުރު ޚުތުބާ
އިންސާނުންނަށް ޓަކައި މާތްﷲ ޚިޔާރު ކުރެއްވި ދީން ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ އަހަރެމެންގެ ވާޖިބެއްކަން ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.
”ދީން ރައްކާތެރި ކުރުން“ މި މަޢުޟޫއަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ތައްޔާރުކޮށްފައިވާ ޚުތުބާގައި ބުނެފައިވަނީ، ޝައްކެއްނެތް ގޮތުގައި މިދީން އޭގެމައްޗަށް ބިނާވެގެންވާ ދެ މަޞްދަރެއް ވާކަމަށާއި، އެއީ މާތެ ﷲ ގެ ކަލާމްފުޅާއި ނަބިއްޔާ ﷺ ސުންނަތް ކަމަށެވެ. އަދި ކީރިތި ޤުރުއާންއާއި ނުލައި ދީން ފުރިހަމަނުވާ ފަދައިން، ސުންނަތާނުލައި ވެސް ދީން ފުރިހަމަ ނުވާނެ ކަމަށެވެ.
”އިންސާނުންނަށް ޓަކައި މާތްﷲ ޚިޔާރު ކުރެއްވި ދީން ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ އަހަރެމެންގެ ވާޖިބެއްކަން ހަނދާން ކުރަން ޖެހެ އެވެ. އަދި އަންނާން އޮތް ޖީލުތަކަށް މިދީނުގެ ޞައްޙަ އަޤީދާ ފޯރުކޮށްދޭން ޖެހެ އެވެ.
ޣައިރު ދީންތަކުގެ މީހުން ކެނޑީނޭޅި މަސައްކަތް ކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމްދީނާމެދު އެކިކަހަލަ ޝައްކުތައް އުފައްދައި، މިއުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަޙުދަތު ނަގާލައި، އިސްލާމްދީނާއި މީސްތަކުން ބީރައްޓެހި ކުރުވުމަށެވެ.“
އިސްލާމްކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވައި ހުކުރު ޚުތުބާގައި ބުނެފައިވަނީ، އިސްލާމްކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބޯލަނބައި، ކިޔަމަންވުން ކަމަށެވެ. އަދި އެކަލާންގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ ކިޔަމަންގަތުމާއި، ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވުން ކަމުގައެވެ.
އަދި ޝިރުކު ކުރުމާއި އޭގެ އަހުލުވެރިންގެ ކިބައިނ ބަރީއަވުން ކަމުގައެވެ.
މާތް ﷲ ގެ ހަޟުރަތގައި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމުގައިވިޔަސް، މިދީނުގެ އަދާވާތްތެރިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ﷲ ގެ ދީނުގައި ބާވާލައްވާފައިވާ ޙުކުމްތަކަށް އިންކާރުކޮށް، މާތްވެގެންވާ އިސްލާމްދީން ނައްތާލުމަށް ކަމަށާއި، މިދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނަން އެބައިމީހުން ބޭނުންނުވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެމީހުން ބޭނުންވަނީ އެމީހުންގެ ކޮށިވިސްނުން ޝަރީއަތުގެ މައްޗަށް އިސްކުރުމަށް ކަމަށާއި، އެމީހުން މީސްތަކުންނަށް ވިސްނައިދެނީ މާތް ﷲ ގެ ޙުކުމްފުޅުތަކަކީ ހަމައެކަނި ރަސޫލާ ﷺ ހަޔާތްޕުޅުގައި ތަންފީޒު ކުރަން ބާވާލެއްވި އެއްޗެއް ކަމުގައި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
”މިއަދު އިސްލާމީ އުންމަތް ނިކަމެތި ވުމުގެ ސަބަބަކީ އިސްލާމީ ޝަރީއަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ގާނޫނުތަކަކަށް ޢަމަލު ކުރުމެވެ.“
މީގެއިތުރުން ޚުތުބާގައި ބުނެފައިވަނީ، ”އިސްލާމް ކަމުގެ ނިޢުމަތަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތެވެ.
އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގައި އަހަރެމެން ދިރިއުޅެމުން އަންނަތާ މިވީ 900 ވަރަކަށް އަހަރު އަހަރެމެންގެ ކާބަފައިން މިދީން އަހަރެމެންނާ ހަމައަށް ގެނެސްދެއްވާފައިވަނީ އެކި ދުވަސްވަރުގައި ދީނާއި ދެކޮޅަށް ކުރެވުނު ކަންކަމުން ދީން ދިފާއުކޮށް ޖިހާދުކޮށްގެންނެވެ. އެހެންކަމުން އަންނަން އޮތް ޖީލުތަކަށް މި ދީން ފޯރުކޮށްދެވޭނީ އަހަރެމެން ޤުރުބާނީތަކެއް ވެގެންނެވެ.“
ކަނޑިއާއި ބަޑި ބޭނުންކޮށްގެން ދީނާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ފިކުރީ ގޮތުން ދީނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ދީން ރައްކާތެރި ކުރެވޭނީ، ޞައްޙަ އަޤީދާގެ މަތީގައި ޖީލަކަށް ފަހު ޖީލެއް ބިނާކޮށްގެންކަން ޚުތުބާގައި ތަފްސީލު ކޮށްދެއްވާފައި ވެއެވެ.
މިހަފްތާގެ ހުކުރު ޚުތުބާ ލިޔެ ތައްޔާރުކޮށްދެއްވާފައި ވަނީ އައްޝައިޚް ސަލްމާން މުޙައްމަދު ލަޠީފު އެވެ.



