
ކޭތަހިފާފައި ވަނިކޮށް ފެނިއްޖެ ނަމަ ކުރުމަށް އަމުރުކުރައްވާފައިވާ 7 ކަމެއް
ގިނަބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއްކަމަކީ މިރޭގެ ހަނދުކޭތަ ކަމުގައި ވަނީ ވެފައެވެ.
ބްލަޑް މޫންއާއެކު ފުރިހަމަ ހަނދުކޭތައެއް މިރޭ ރާއްޖެއަށް ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާފައިވާއިރު، ކޭތަ ހިފާވަގުތު ފޮޓޯނަގައި ސްނެޕް ކުރުމާއި ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމަށް، އަދި ކޭތަ ބަލައިލުމަށް އެތައް ބަޔަކު މިވަނީ ކެތްމަދުވެފައެވެ. އަދި މިރޭގެ ބްލަޑްމޫންގެ ވާހަކަތަކުން މީޑިއާތަކާއި އާންމު ފަރުދުންގެ ސޯޝަލް މީޑިއާ ޕޯސްޓްތައް ވަނީ ފުރިފައެވެ.
މިގޮތަށް މިކަން އޮތްއިރު، ކޭތަ ހިފާފައިވަނިކޮށް ފެނިއްޖެނަމަ، ކުރުމަށް ނަބިއްޔާ ﷺ އަމުރު ކުރައްވާފައިވާ ބައެއް ކަންތައްތަކަށް ވެސް ބަލާލަމާތޯއެވެ.
ކޭތަހިފާފައި ވަނިކޮށް ފެނިއްޖެ ނަމަ ކުރުމަށް ނަބިއްޔާ ﷺ އަމުރުކުރައްވާފައިވާ 7 ކަމެއްވެއެވެ. އެއީ:-
1. ކޭތަ ނަމާދުކުރުން
2. ދުޢާ ކުރުން
3. ޒިކުރު ކުރުން
4. އިސްތިޣްފާރު ކުރުން (ފާފަ ފުއްސެވުން އެދި ދެންނެވުން)
5. ތަކްބީރު ކިޔުން
6. ސަދަޤާތް ދިނުން
7. އަޅުން މިނިވަން ކުރުން
މި 7 ކަމެވެ.
ކޭތަ ހިފާފައި ހުންނަ ވަގުތަކީ ނަމާދު ކުރުމާއި ދުޢާކުރުމާއި ޛިކުރުކުރުމާއި އިސްތިޣުފާރު ކުރުމާއި ޞަދަޤާތް ކުރުން ފަދަ ހެޔޮޢަމަލުކުރުމަށް ހުސްވެ ހުންނަންވީ ވަގުތު.. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެފަދައިން ކަންތައް ކުރުމަށް އަމުރުކުރައްވާފައެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
“ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لَا يَنْخَسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ، فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ، وَكَبِّرُوا، وَصَلُّوا، وَتَصَدَّقُوا “ رواه البخاري 1044
”ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ. މީހަކު މަރުވުމަކުން ނުވަތަ އުފަންވުމަކުން އެ ދޭތި ކޭތައެއް ނުހިފާނެއެވެ. ފަހެ ކޭތަ ހިފާފައި ވަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، ތިޔަބައިމީހުން ﷲ އަށް ދުޢާކުރާށެވެ. އަދި ތަކްބީރު ކިޔާށެވެ. އަދި ނަމާދުކުރާށެވެ. އަދި ޞަދަޤާތްކުރާށެވެ.“