
ޓީސީ އާއި ނިއު އަދި އީގަލްސް އެއް ގުރޫޕަކަށް..
މިމަހު 15 ވަނަ ދުވަހު ފެށޭ ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް އެއް ގުރޫޕެއްގައި ލައްވާލިއިރު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޔުނައިޓަޑް ވިކްޓްރީ އަދި މިދިޔަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސ. ފޭދޫ ލައްވާލާފަ ވަނީ ގުރޫޕް ދޭއްގައެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ގުރޫޕުގެ ގޮތުގައި ގުރޫޕް އެކެއް ވެގެންދާއިރު މި ގުރޫޕުގައި ހިމެނޭ ނިއުރޭޑިއަންޓު، އީގަލްސް އަދި ޓީސީ އަކީ ނިމިގެންދިޔަ އުރީދޫ ދިވެހި ޕްރިމިއާލީގު ގައިވެސް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔަ 3 ޓީމުކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން މިފަހަރުގެ މި މުބާރާތުގައިވެސް މި ގުރޫޕް ގައި ހިމެނޭ 3 ޓީމުގެ ކުރިމަތިލުން ވާދަވެރިވެފަ ފޯރިގަދަ ވާނެކަމަށް ބެލެވެއެވެ.
ދިވެހި ލީގްގައިވެސް އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ އީގަލްސް އާއި ޓީސީގެ ކުރިމަތި ލުންކަމަށް ވީއިރު އެފްއޭކަޕްގެ ކުއާޓާ ފައިނަލަށްވެސް ޓީސީ ދަތުރުކުރީ އީގަލްސް ބަލި ކުރުމަށްފަހުއެވެ.
އެހެންވެ ކަމުން މި ދެޓީމުގެ ކުރިމަތިލުން މިފަހަރު އިތުރަށް ފޯރިގަދަވާނެކަމަށް ބެލެވެއެވެ.
ގުރޫޕް ދޭއް ގައި މާޒިޔާ އާއި ޔުނައިޓަޑް ވިކްޓްރީ ބައްދަލު ކުރާ މެޗަކީވެސް ފޯރިގަދަ މެޗަކަށް ވާނެއެވެ.
އެއީ އެފްއޭކަޕްގެ ކްއާޓާ ފައިނަލްގައި މި ދެ ޓީމު ބައްދަލު ކޮށް މާޒިއާ މުބާރާތުން ކަޓުވާލާފައިވަނީ ޔޫވީންނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި 15 ވަނަ ދުވަހުގެ ހަވީރު ނިއުރޭޑިއަންޓް ކުލަބު އީގަލްސްއާ ދެކޮޅަށް ނިކުންނައިރު އެރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ސ.ފޭދޫއެވެ.
މި މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.
މިދިޔަ އަހަރުގެ މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ގުރޫޕް އެކެއްގެ މެޗުތައް ކުޅެފައިވަނީ ކުޅުދުއްފުށީގައެވެ.
އަދި ގުރޫޕް ދޭއް ގެ މެޗްތައް ކުޅެފައިވަނީ އައްޑޫ ސިޓީގައެވެ.



