
ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސަކަށް މުޖޭ، ޖީއެސްއަކަށް ޖައުޝާން
ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްގެ މަޤާމަށް އަޙްމަދު މުޖުތަބާ (މުޖޭ) އަދި ޖެނެރަލް ސެކްރެޓަރީ (ޖީއެސް) ގެ މަޤާމަށް މުޙައްމަދު ޖައުޝާން ޝަރީފް (ޖައު) ހަމަޖައްސައިފިއެވެ.
އެ އެސޯސިއޭޝަންގެ ނައިބު ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ސޯޝަލް ސެންޓަރުގައި ބާއްވާފައިވާ އިރު، ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލާފައިވަނީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުގައި ކުރިން ހުންނެވި މުޖޭ އެކަންޏެވެ. އެހެންކަމުން ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.
ހޭންޑްބޯލް އެސޯސިއޭޝަނަކީ ފަހަކަށް އައިސް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އެސޯސިއޭޝަނަކަށްވާ އިރު، އޭގެ ތެރޭގައި ރަށްރަށުގެ ފެންވަރުގައި ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތައް ފާހަގަ ކޮށްލެވެއެވެ.
މި އިންތިޚާބުގައި ވޯޓުލާފައިވަނީ ޔޫތު ސްޕޯޓްސް ކްލަބުން އެކަންޏެވެ. އެއީ އެ އެސޯސިއޭޝަންގެ ޤަވާޢިދުގައިވާ ގޮތުން ވޯޓްލުމުގެ ޙައްޤު ލިބެނީ ފާއިތުވެދިޔަ 3 އަހަރު ހޭންޑްބޯލް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކްލަބުތަކަށް ކަމަށްވާ އިރު، މި ޝަރުތު ހަމަވަނީ ޔޫތު ސްޕޯޓްސް ކްލަބް އެކަނި ކަމަށްވާތީއެވެ.
ހޭންޑްބޯލް އެސޯސިއޭޝަންގެ މިހާރުގެ އެގްޒެކްޓިވް ކޮމިޓީގެ ދައުރު ހަމަވާނީ 2018 ވަނަ އަހަރުއެވެ.



