
ސިޓީ މޮޅުވިޔަނުދީ މިޑިލްސްބަރާއިން ހިފަހައްޓައިފި.
ސިޓީ މޮޅުވާން ދަނިކޮށް ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކީ މިޑިލްސްބަރާއިން ސަލާމަތް ވެއްޖެ އެވެ.
ސިޓީ އަދި މިޑިލްސްބަރާ ބައްދަލުކުރި މި މެޗު ނިމުނީ، 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި، އެޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ސިޓީއަށް ވަނީ ލިބިގެން ގޮސްފައެވެ.
އެހެން ނަމަވެސް ސިޓީން ފޮނުވާލި ހަމަލާތަށް މިޑިލްސްބަރާގެ ތަޖުރިބާކާރު ގޯލްކީޕަރު ވިކްޓަ ވަލްޑޭސް ވަނީ ހުސިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 43 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީއަށް ލަނޑެއް ޖަހާދީ މެޗުގެ ލީޑުނަގާދީފައެވެ.
މި ގޯލަކީ އަގުއެރޯ ސިޓީއަށް ކާމިޔާބުކޮށްދިން 150 ވަނަ ގޯލްކަން ފާހަގަކޮށްލެވެއެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި މިޑިލްސްބަރާއިން ވަނީ އިތުރަށް ކުޅުން ވަރުގަދަކޮށް ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
އެހެން ނަމަވެސް އެޓީމަށް ވަނީ ސިޓީގެ ގޯލައް ބޯޅަ ފޮނުވާލެވޭގޮތް ނުވެފައެވެ.
ސިޓީ އަށްވެސް ވަނީ ލީޑު ފުޅާކޮށްލަން ހުސްދެފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް ކެވިން ޑިބްރޭނާ އަދި އަގުއެރޯ ފޮނުވާލި ހަމަލާ ކާމުޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ.
އޭގެ ނަތީޖާއަކަށްވީ މެޗުގެ ފަހު މިނެޓްގައި ލަނޑެއްޖަހާ މިޑުލްސްބަރާއިން މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ.
މި ނަތީޖާއާއެކު 24 ޕޮއިންޓާއެކީ ސިޓީ އޮތީ ލީގުގެ ދެވަނާގައެވެ.
ލީގުގެ އެއްވަނާގައި އޮތީ 25 ޕޮއިންޓާއެކު ޗެލްސީއެވެ. ސިޓީ އަތުން ޕޮއިންޓެއް މިރޭ ހޯދި މިޑިލްސްބަރާ އޮތީ، 11 ޕޮއިންޓާއެކީ ލީގުގެ 14 ވަނައިގައެވެ.
މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިން ޑެ ރޫންއެވެ.
ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ. އެ މެޗު ކުޅޭނީ އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 19 ވަނަ ދުވަހުއެވެ.



