
އިންޓަމިލާނުގެ ކޯޗު ކަމުން ޑިބޮޔާ ވަކިކޮށްފި
އިޓަލީގެ އިންޓަ މިލާނުގެ ކޯޗު ކަމުގައި ހުރި ފްރޭންކް ޑި ބޮޔާ އެޓީމުގެ ކޯޗުކަމުން މިއަދު ވަކިކޮށްފި އެވެ.
އިންޓަ މިލާނުގެ ކޯޗު ކަމުން ޑި ބޮޔާ ވަކިކޮށްފައިވަނީ އެ ކްލަބު ފަހަކައް އައިސް ނެރުމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.
އިންޓަމިލާނުން އެޓީމުގެ ކޯޗުކަމުގައި ހުރި ޑިބޮޔާ ކޯޗުކަމުން ވަކިކޮށްފައިވާއިރު އިޓާލިއަން ލީގުގައި އިންޓައިން މިހާތަނަށް 11 މެޗު ކުޅެފައިވާއިރު އެ ޓީމު މޮޅުވެފައިވަނީ އެންމެ 4 މެޗުންނެވެ. ފަސް މެޗުން ބަލިވެފައިވާއިރު ދެ މެޗުންވަނީ އެއްވަރުވެފައެވެ. އެޓީމު މިވަގުތު އޮތީ 14 ޕޮއިންޓާއެކު ލީގުގެ 12 ވަނާގައެވެ.
ލީގުގެ 12 ވަނައިގައި އެ ކްލަބު އޮތްއިރު އެ ކްލަބު އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ސަމްޕްޑޯރިއާ އަތުން ވެސް 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
އިންޓަމިލާނުގެ ކޯޗުކަމުގައި ކުރިން ހުރި ރޮބާޓޯ މަންޗިނީ ވަކިކުރުމަށް ފަހު އެޓީމުގެ ކޯޗު ކަމުގެ މަގާމަށް ޑިބޮޔާ ގެނެސްފައިވަނީ ލީގު ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
ގިނަ ބަޔަކު ބުނާގޮތުން ރޮބާޓޯ މަންޗީނީއަށް ވުރެ ޑި ބޮޔާގެ ފެންފަރު ދަށެވެ.
ޑި ބޮޔާ ދުރުކުރުމާއި ގުޅިގެން ވަގުތީ ގޮތުން އިންޓަ މިލާންގެ ކޯޗުކަން ހަވާލުކޮށްފައިވަނީ އެ ކްލަބުގެ ޔޫތް ޓީމުގެ ކޯޗު ސްޓެފާނޯ ވެޗީއާއެވެ.
ވެޗީގެ އިރުޝާދުގެ ދަށުން އިންޓައިން ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގައި ސައުތްހެމްޓަން އާއި ދެކޮޅަށް އެޓީމު ކުޅޭނެއެވެ.



