ނޮވެމްބަރ 3، 1988: ހަނދާނުން ފިލައިގެން ނުދާނެ ހަނދާންތަކެއް..

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހަކީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ގެނުވި ދުވަހެކެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދިވެހިންގެ މިނިވަންކަން ނިގުޅައިގަތުމަށް ދިވެހިންގެ ތެރެއިން މަދުބަޔަކާއި ގުޅިގެން ކުށެއް ނެތް ޢާންމު ރައްޔިތުންނާއި ދިވެހި ފުލުހުންގެ ބަޔަކު ޝަހީދުކޮށްލި ދުވަހެވެ. އާދެ. ދިވެހިން ކިޔާ ގޮތުން ނަމަ، ބަޑި ބްރާސްފަތި ދުވަހެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު (އިރު) އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާވީ އެހެން ދުވަސްތަކެކޭ އެއްފަދައިން ދިވެހިންގެ ހިތްތަކަށް މިނިވަންކަމުގެ އުފާވެރި އިޙްޞާސްތައް ލިއްބައިދެމުންނެވެ. ދިވެހިން ނޭވާލަމުން ދިޔައީ ހިތްހަމަޖެހޭ، މިނިވަން ޤައުމަކަށްކަމުގެ ހަނދާންތައް އާކޮށްދެމުންނެވެ.

vlcsnap-2016-11-01-12h56m05s735

އެހެންނަމަވެސް ކަންތައްވީ އެހެން ގޮތަކަށެވެ. ދިވެހިންގެ މި އަމާން، އޮމާން ދިވެހިރާއްޖޭގެ މިނިވަންކަމަށް ބިރުވެރިކަމާއި ނާމާންކަން ކުރިމަތިކުރުވާ ފަތިހުގެ ހަމަހިމޭންކަން އެދުވަހު ދިވެހިންނާއި ކުރުމަތިލީ ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ. ދިވެހިންގެ މިނިވަން ސާފު ޖައްވަށް އަޅުވެތިކަމުގެ ހިރަފުސް ބުރުވަމުންނެވެ.

ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ފަތިހަށް އަލިވާން ގާތްވެފައިވަނިކޮށް ކުއްލި ސިހުމެއް ގެނުވީ އިވުނު ބަޑީގެ އަޑުންނެވެ. އެހެނަސް އެންމެ ފުރަތަމަ އެއީ މާބޮޑުކަމަށް ނުހަދާ ތިބީ، ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރ 11 އަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެއްކަމަށާއި ރައީސް އޮފީހުގައި ޑިއުޓީއަށް ހުރި މީހާގެ އަތުން ވަޒަނެއް ގޮވީކަމަށް ހީކޮށެވެ.

ދިވެހިންނަކީ ހަނގުރާމައިގެ ޢަމަލީ އެއްވެސް ކަމެއް ތަޖުރިބާކޮށްފައިވާ ބަޔަކަށް ނުވާތީ ވާނީވެސް އެހެންނޫންތޯއެވެ. އެކަމަކު އެއީ އާދައިގެ ކަމެއް ނޫންކަން އިޙްޞާސް ކުރުވީ، ބަޑީގެ ދެވަނަ އަޑެއް އިވުމުންނެވެ. އެވަގުތު ސިފައިންގެ މައި ގޭޓުގައި ފޯރިއަށްތިބި މީހުން ސަމާލުވިއެވެ. އަދި ސިފައިންގޭގައި ނިދާފައި ތިބި މީހުންނަށްވެސް ކުއްލި ސިހުމެއް ގެނުވިއެވެ.

vlcsnap-2016-11-01-12h53m39s383

އެހާހިސާބުން ދުޝްމަނުންގެ ޙަމަލާތައް ސިފައިންގެ މައި މަރުކަޒަށް ފޮނުވަން ފަށައިފިއެވެ. ހަމައެވަގުތު ސިފައިންގެ މައި މަރުކަޒުގެ ޑިއުޓީގައި ހުރި ހދ. ކުޅުދުއްފުށި، މާވާގޭ، ޙުސައިން އާދަމްގެ ބަޑި އޭނާ ތައްޔާރުކުރީ އެ ސަރަހައްދުގައި ސޯޓުބުރި ލައިގެން ބަޔަކު އެބައުޅޭކަމަށް ބުނެއެވެ. އަދި ޑިއުޓީ ސަރުދާރަށް އެކަން އެންގުމަށް ފަހު، ދުޝްމަނުން ދެމުންގެންދާ ޙަމަލާތަކަށް ރައްދު ދޭން ފެށިއެވެ.

ޙުސައިން އާދަމް އާއި ސިފައިންގެއިން ދެމުންގެންދިޔަ ރައްދު ޙަމަލާގެ ސަބަބުން ދުޝްމަނުންނަށް އެމީހުންގެ އަމާޒަށް ވާޞިލުވުމަށް ހުރަސް އެޅުނެވެ. ޚާއްޞަކޮށް ޙުސައިން އާދަމް ޝަހީދުވީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުން ގޮސް، އަތުގައި އޮތް އޭކޭ ފޯރޓީ ސެވެންގެ ބަޑި އާއި ދެ މެގަޒިން އާއި ލިބިފައިވާ މަދު ހުނަރުގެ ކުޅަދާނަކަން ދައްކަމުންނެވެ. ދިވެހި ޤައުމާއި މިނިވަންކަމުގެ ދިފާޢޫގައި ޙުސައިން އާދަމް ރައްދު ޙަމަލާ ދޭންފެށި ޢުމުރުން ކިތަންމެ ހަގަސް، ޤައުމަށް ނަޞްރު ދިނުމުގައި ޘާބިތުވެ ހުރެއެވެ. ހަށިގަނޑުގެ އެތަންމިތަނަށް އަރަމުންދިޔަ ވަޒަނުން އެމާތް ހަށިގަނޑުގެ ލޭ ބިންމައްޗަށް އޮހޮރުވާލީ، ޖަންނަތަށްދާން ހިންމަތުގެ ކަމަރު ބަނދެ ރައްދު ދެމުން ދިޔައީ އަދިވެސް އިތުރު ވަޒަނެއް ދޭށޭ ގޮވަމުންނެވެ.

vlcsnap-2016-11-01-12h48m06s985

އާދެ. 3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި ޢާންމުންގެ 11 ބޭކަލަކު ވަނީ ޝަހީދުކޮށްލާފައެވެ. އެ ޙާދިޘާއަށް 28 އަހަރުވީ އިރު، އަދިވެސް އެ ހަނދާންތަކަކީ އިއްޔެ މެންދުރުވީ ކަމެއްހެން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތުގައިވަނީ ބިންވަޅުނަގާފައެވެ.

އެހެނަސް ބައެއް މީހުންނަށް މިއީ ވަރަށް އާދައިގެ ކަމެކެވެ. އެހެންކަމުން މިފަދަ ޙާދިޘާތަކުން ޢިބްރަތް ޙާޞިލު ކުރުމަށް އަވަސްވެގަންނަމާހެއްޔެވެ. ތާރީޚީ ޞަފުޙާތަކުން ހިރަފުން ފޮޅާލާ، އަންނަން އޮތް ޖީލަށް އަޅުގަނޑުމެންގެ މިނިވަންކަން އެންމެ ފުރިހަމަ ގިތުގައި ރައްދުކޮށްދިނުމަށް އަތުކުރި އޮޅާލަމާހެއްޔެވެ.

ބަވަނަވެފައިވާ މި ދުނިޔޭގައި މިނިވަންކަމާ ކުޅެނީ ހަމައެކަނި ކަނޑި، ބަނޑި ފަދަ ހަތިޔާރުން ނޫންކަން ހަނދާން ކުރަމާހެއްޔެވެ. ތަފާތު ގޮތްތަކުން، ތަފާތު ނަންނަމުގައި، ތަފާތު ގޭމްތަކުގެ ނަމުގައި އަޅުގަނޑުމެންގެ ސިކުނޑިތަކާ ކުޅެމުން އަންނަނީ ހުޝިޔާރުކަމާއި ވިސްނުންތެރިކަމާއެކުގައެވެ.

މިފަދަ ކަންކަމުގައި ވިސްނަންވީ ކަމަކީ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިފައިވާ ކޮންމެ ފަހަރަކުވެސް އޭގެ ފަހަތުގައި ދިވެހިންގެ ޝާމިލުވުން އޮތްކަމެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

އޭ ދިވެހި ލޮބުވެތި ދަރިންނޭ. ހޭއަރާ ނިކަން ވިސްނާލާށެވެ. އެ ދުވަހުގެ އެ ޙާދިޘާ އަޅުގަނޑުމެންގެ ތެރޭގައި މިއަދު ތަކުރާރުވެގެންދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެކަން ޔަޤީނެވެ.

vlcsnap-2016-11-01-12h53m39s383

 

ކިޔާދޫތަކުން މީ ޝުކުރުވެރި ތަރާނާ.. ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ…

އައިކަޅު އަނދިރިރޭ ނޮވެމްބަރ ތިނެއްގައި އެއައި ހިނދު ބާޣީން ޢަދުއްވުން އެކީގައި..

ލެޔާ ކުޅެލުމުން ލޮބުވެތި މި ބިމުގައި.. ޝަހީދުވި ދަރިން ދެއްކެވި އެމާތް ނަމޫނާ..

ދިވެހި އުންމަތުގެ ޙައްޤުގައި ހަށި ފޮޅާލާ.. ދިވހި ދިދަ ޙިމާޔަތްކުރަން އަތު ގުޅާލާ..

ދިވެހި ލެއިންނެ ދިޔައީ މިތާ ނަން ފަވާލާ.. ދިވެހި ބިމުގެ ޝަރަފަށްޓަކައި މާތްވި ދީނާ..

ފުރާނައިން މި ޤުރްބާން އެއީ މާތް ދަރީންނޭ.. ކުރާނީ ވެދުން ރީތި ފިނިފެން މަލުންނޭ..

ކުރާ މީ ދުޢާ ޖަންނަތުން އެދެވިގެންނޭ.. އަރާމާއި ނިޢުމަތް އެދޭ ޙާލު ޝާނާ..

ކިޔާދޫތަކުން މީ ޝުކުރުވެރި ތަރާނާ.. ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ..

އަޅުގަނޑުމެންގެ ދުޢާއަކީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ތާއަބަދަށް ލެއްވުމެވެ. މި ބިމުގެ ޙައްޤުގައި ޝަހީދުވެދިޔަ އެންމެހާ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާ، އެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.