އިންސާނާ ކިތަންމެ ބާރުގަދަ ކަމުގައި ހީވިޔަސް…

ޞައްޙަ ޢަޤީދާއާއި އިންސާނާގެ ބުއްދިއާހުރި ގުޅުމަށް ބަލާއިރު މިއީ ވަކިނުކުރެވޭނެ ދޭއްޗެވެ. އެހެނީ އޭނާގެ ބުއްދިއަކީ އެބުއްދީގެ ވެރި އިލާހުގެ ޚަލްޤު ކުރެއްވުމެކެވެ. އެބުއްދީގެ އަޞްލު މަޤާމަކީ އޭގެ ޚާލިޤު މަޢުރިފާވުމެވެ. އެއީ އެނާޒުކު މަޚުލޫޤުގެ ފިޠުރަތެވެ. އެހެންކަމުން އިންސާނާގެ ފިޠުރީ އަޞާޞަކީ ޚާލިޤުވަންތަ ކަލަކު ވޮޑިގެން ވާކަން ޤަބޫލު ކުރުމެވެ. އެހެނަސް އެއީ ކޮންގޮތަކުން ހެއްޔެވެ؟

އިންސާނާއަކީ ހުރިހާއިރެއްގައިވެސް އެހެންފަރާތެއްގެ އެހީތެރިކަން ބޭނުންވާ މީހެކެވެ. އެންމެ ކުޑަދުވަހުންފެށިގެން ބޮޑުވެ ތަޞައްރަފު ފުދި، އޭގެފަހުން މުސްކުޅިވެ ގައިބާރުދެރަވާ ދުވަހުވެސް މެއެވެ. އޭނާގެ އެންމެ ޒުވާން ފުރާގައި، ގައިބާރުގަދަ ޢުމުރުގައި، އޭނާ އެއީ އެހެންމީހެއްގެ އެހީއެއްބޭ ނުންނުކޮށް އުޅެވޭނޭ މީހެއްކަމުގެ އިހުޞާޞް ވަރަށް ގިނަފަހަރު ކުރެވެއެވެ. އަދި އެފަދަ އިބާރާތްތައް އޭނާއަށް ބުނެވޭ ފަހަރުވެސް އާދެއެވެ. ވަކިން ޚާއްޞަކޮށް ތިމާގެ ވަށައިގެންވާ މީހުން ތިމާގެ ބޮޑުކަން ބަލައިގަނެ ތިމާއަށް ހުޝާމަދު ކުރުން ގިނަވެއްޖެނަމަ، މިއިހުޞާޞް ކުރެވޭމިންވަރު ވަރަށްބޮޑަށް އިތުރުވެއެވެ. ތިމާގެ ބޮޑުކަން ބޮޑޭހީވެ، އެއަށްވުރެ ބާރުގަދަ ފަރާތެއް ނެތްކަމުގެ އިހުޞާޞްވާން ފަށައެވެ. އެފަދަ މީހުންގެ މިސާލު ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ޖައްސަވާފައެވެ. އެގޮތުން ޖާލޫތާއި، ނަމްރޫދާއި، ފިރްޢައުނު ފަދަ މީހުންނަކީ ކިބުރުވެރިކަމުގެ ގޮތުން އަރާތިބި މީހުންނެވެ.

އިޝްތިހާރު Below Header ad

ޖާލޫތު ވީ ހެވިކަމުގެ ގޮތުން އޭނާގެ ޒަމާނުގައި ހުރި އެންމެ މޮޅުމީހާއަށެވެ. މޫސާގެފާނުގެ ރިސާލަތަށް ތަބަޢަވެގެން ތިބި މީހުންގެ ރަސްކަމުގައި ހުންނެވި ޠާލޫތުގެ ލަޝްކަރު ބިމާހަމަކޮށްލަން އޭނާ ނިކުތުމުން ﷲ އޭނާގެ މަރު ލެއްވީ ދާވޫދުގެ ފާނުގެހަމަލާއެއްގައެވެ. އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުންނެވި ދާވޫދުގެފާނު އެންމެ ސާޅަނގައެއް އެކަނި ހިތްޕަވައިގެން އޭނާގެ ކުރިމައްޗަށް ނިކުމެވަޑައިގެންނެވީ ދަގަނޑު ދަހަނާއެއްވެސް ހަށިކޮޅުގައި ނެތްޙާލުއެވެ. އެހެނަސް ޠާލޫތު ހުރީ ދަހަނާއަޅާ ފުރިހަމައަށް ތައްޔާރުވެގެންނެވެ. މަލާމާތުގެ ބަސްތައް ދާވޫދުގެފާނަށް ރައްދުކުރަމުން ދަނިކޮށް، އެކަލޭގެފާނު އެއްލެވި އެންމެ ސާޅަނގަ ހަމަލާއަކުން އެޖައްބާރު ކިބުރުވެރިޔާ ބިމަށްވެއްޓުނީ ފުރާނަ މައްޗަށް ދޫކޮށްލަމުންނެވެ. އަދި ހުރިހާ އާރަކާ ބަރެއް ދާވޫދުގެފާނަށް މިލްކުވީއެވެ. ﴿… وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ …﴾ (البقرة: 251). މާނައީ:- “އަދި، داود ގެފާނު، جالوت قتل ކުރެއްވިއެވެ. އަދި، اللَّه، އެކަލޭގެފާނަށް ރަސްކަމާއި، حكمة (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ.”

ނަމްރޫދަކީވެސް އެފަދަ ޖައްބާރެކެވެ. އޭނާނޫން ކަލަކު ނުވާކަމަށް ދައުވާ ކުރީ އޭނާގެ ރަސްކަން ބަލައިގަނެގެން ތިބިމީހުން އޭނާ އެދަރަޖައަށް ގެންދިޔައިމައެވެ. މީހުން މެރުމާ ދިރުވުން އެއީ އޭނާއަށް މިލްކުވެގެންވާކަމެއްގެ ގޮތުގައި އޭނާދެކުނެވެ. އަދި އެކަމާ އޭނާ ޢިބްރާހީމްގެފާނާ ޖަދަލުކުރިއެވެ. އެހެނަސް އޭނާގެ ނިކަމެތިކަމާ އާރެއްބާރެއް ނެތްކަން އެނގިގެންދިޔައީ އިބްރާހީމްގެފާނު ކުރެއްވި އެންމެ ސުވާލަކުންނެވެ. އެވާހަކަ ކީރިތި ޤުރްއާނުގައި މާތްﷲ ގެންނަވާފައިވަނީ މިފަދައިންނެވެ. ﴿أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّي الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنْ الْمَشْرِقِ فَأْتِ بِهَا مِنْ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ وَاللَّهُ لاَ يَهْدِي الْقَوْمَ الظَّالِمِينَ﴾ (البقرة: 258). މާނައީ:- “اللَّه، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيمގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدلކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) إبراهيمގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ބުންޏެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ. إبراهيم ގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ كافرވި ކަލޭގެ حيرانވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ قومއަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ.”

ދެން އޮތީ ފިރްއައުނުގެ ވާހަކައެވެ. ފިރުޢައުނޭބުނުމުން އޭގެން ދޭހަވަނީ މޫސާގެފާނުގެ ޒަމާނުގައި މިސްރުގައި ވެރިކަންކުރި މީހާއަށެވެ. އޭނާ ބުނަމުން ގެންދިޔައީ އެއީ އެންމެ މަތިވެރި ރައްބުކަމުގައެވެ. ﴿فَقَالَ أَنَا رَبُّكُمُ الأَعْلَى﴾ (النازعات: 24). މާނައީ:- “ފަހެ، އޭނާ (ފިރްޢައުނު) ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.” ﷲ އޭނާގެ ގާތައް ދައުވަތާއިގެން މޫސާގެފާނާއި އެކަލޭގެފާނުގެ ބޭބޭފުޅު ހާރޫންގެފާނު ފޮނުއްވެވިހިނދު އޭނާ ބުންޏެވެ. ﴿قَالَ فَمَنْ رَبُّكُمَا يَامُوسَى﴾ (طه: 49). މާނައީ:- “އޭނާ (ފިރްޢައުނު) ބުންޏެވެ. އޭ موسىގެފާނެވެ! ތިޔަ ދެބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟ ﴿قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى﴾ (طه: 50). މާނައީ:- “އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعة ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.” ދެން އެމަތިވެރިކަމަށް ދައުވާކުރި ޖައްބާރުކަލޭގެ އޭނާގެ ވަޒީރުގެ އެހީ ހޯދިއެވެ. އޭނާ ބުންޏެވެ. އެބުނާ ކަލަކު ހޯދަން ތިމަންނަވެސް ބޭނުމެވެ. ތިމަންނައަށްޓަކައި އުސްތަނެއް ބިނާކޮށްދީބަލާށެވެ. وَقَالَ فِرْعَوْنُ يَاأَيُّهَا الْمَلَأُ مَا عَلِمْتُ لَكُمْ مِنْ إِلَهٍ غَيْرِي فَأَوْقِدْ لِي يَاهَامَانُ عَلَى الطِّينِ فَاجْعَل لِي صَرْحًا لَعَلِّي أَطَّلِعُ إِلَى إِلَهِ مُوسَى وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ (القصص: 38). މާނައީ:- فرعون ބުންޏެވެ. އޭ (އަހުރެންގެ قومގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إلهއަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ هامانއެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسىގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.”

އެންމެ މަތިވެރި އިލާހު ކަމުގައި އޭނާ ވާޙާލު، އެހެންމީހުންގެ މަދަދަށް އެދެނީ ކީއްވެބާއެވެ؟ އެއިންއެނގެނީ އޭނާއަކީވެސް އިންސާނެއްކަމެވެ. އިންސާނަކައްވީތީ އަބަދުވެސް މަދަދަށް އެދެވޭނެކަމެވެ. މަދަދު އެދުމުން އެއްކިބާވެގެންވަނީ ހުރިހާ މަދަދެއްގެ ވެރިފަރާތެވެ. އެއީ ހުރިހާ މަޚްލޫޤުންގެ ވެރި އިލާހެވެ. އެއީ ﷲއެވެ. އެއީ ފުދިވޮޑިގެންވާ ޙަމްދު ލިބިވޮޑިގެންވާ އިލާހެވެ. ﴿اللَّهُ الصَّمَدُ﴾ (الإخلاص: 2). މާނައީ:- “اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.