
ޕެނަލްޓީ އިން ބީޖީ ގެ މައްޗަށް ކުރިހޯދާ ނިއު އެފްއޭ ކަޕްގެ ސެމީފައިނަލަށް.
ޕެނަލްޓީ ޖަހައިގެން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ނިއުރޭޑިއެންޓް އެފްއޭކަޕްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޕެނެލްޓީ ޖަހައިގެން ބީޖީގެ މައްޗަށް 3-4 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މި މެޗުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއިން އެއްވަރު ވުމުންނެވެ.
މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ބީޖީން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފަ އެވެ. ބީޖީގެ ލަނޑު ކާމިޔާބުކުރީ މުހައްމަދު ނިޒާމް އެވެ.
ފުރަތަމަ ހާފު ނިމުނުއިރު ލީޑުގައި އޮތީ ބީޖީއެވެ.
އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން ނިއު އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ 56 ވަނަ މިނިޓްގައި އަބްދުﷲ ހަނީފް (ބެންޖޯ) ޖަހައިދިން ލަނޑުން ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގެ 90 މިނިޓް ހަމަވިއިރުވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވުމުން ދެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ކުޅޭށެވެ. އެހެން ނަމަވެސް އިތުރު ވަގުތުގެ ދެހާފުގައިވެސް ނަތީޖާ ނެރެވޭގޮތް ނުވުމުން ދެން ޖެހުނީ ނަތީޖާނެރެން ޕެނަލްޓީ ޖަހާށެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު ނިއުގެ ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އާއި ބަމްޕުޗު އަދި ބިދޭސީ ޑިފެންޑަރު ވެލިޗްކޯ ފޮނުވާލި ޕެނަލްޓީތަކެވެ. އެ ޓީމުގެ ހަމްޕު އާއި މުހައްމަދު ސާމިރާއި އަހުމަދު ނިޔާޒް (ނިޔާ) ފޮނުވާލި ޕެނަލްޓީތައް ކާމިޔާބެއް ނުކުރެވުނެވެ.
ނިޔާ އާއި ހަމްޕު ފޮނުވާލި ޕެނަލްޓީތައް ބީޖީގެ ކީޕަރު ހަނިފް ވަނީ މަތަކޮށްފަ އެވެ. ސާމިރުގެ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ.
ބީޖީން ޕެނަލްޓީ ކާމިޔާބުކުރީ ޑެނިއަލް ފިލަމޮން އާއި އިބްރާހިމް ހަމްދާން އެވެ.
މިނަތީޖާއާ އެކު ނިއު ސެމީ ފައިނަލުން ޖާގަހޯދިއިރު އެޓީމު ސެމީގައި ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މިރޭ އީގަލްސް އާއި ޓީސީ ކުޅޭ ދެ ވަނަ ކުއާޓާ ފައިނަލުގެ މެޗު ނިމުމުންނެވެ.



