
ސޯދުބެއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެއް ނޫން، ހާލުކޮޅު ރަނގަޅު: އާއިލާ
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް-19 އަށް ފައްސިވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.
އެނގިފައިވާ ގޮތުގައި ޞާދުބެ ވަނީ ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފައެވެ.
ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އަދި ދިވެހި ބަހަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޞާދުބެގެ އުމުރުފުޅުންް މިހާރު 85 އަހަރުފުޅު ވެއްޖެއެވެ.
ދިވެހި ބަހާއި ތާރީޚަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ސޯދުބެއަށް ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް އަރުވާފަ އެވެ.
1944 ވަނަ އަހަރު، ސޯދުބެ މާލެއަށް ވަޑައިގެންނެވީ ކިޔަވާ ވިދާޅުވާށެވެ.
ކުރު ވާހަކަތަކާއި ދިގުވާހަކަތަކާއި ގިނަ އަދަދެއްގެ ޅެންތަކެއް ލިއުއްވާފައިވާ ސޯދުބެ އަކީ މަޖާޒީ ވާހަކަ ދެއްކެވުމުގައި ވެސް އަދި އަދަބީ ބަހުސްތަލުގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.
ސޯދުބެ އަށް 1980 އަދި 1983 ގައި އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، އަދި 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި 1998 ގައި ދިވެހި ބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވަނީ ލިބިވަޑައިގެންފަ އެވެ. އަދި މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު ސޯދުބެއަށް ލިބިވަޑައުގެންފައި ވެއެވެ.
އެޑިޓަރުގެ ނޯޓް: އެންމެ ފުރަތަމަ މި ޚަބަރު މި ނޫހުގައި ޝާއިޢު ކުރެވުނު އިރު، ސޯދުބެއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައޭ ދެންނެވުނީ މައުލޫމާތު ލިބުމުގައި އަޅުގަނޑުމެންނަށް އެރި އޮޅުމެކެވެ. ނަމަވެސް މިހާރު އެކަން އާއިލާއިން ވަނީ އެޓޯލްއަށް ސާފުކޮށްދީފައެވެ. އަދި މިހާރު މިލުނު ޚަބަރުގައި އެވަނީ އާއިލާއިން ދީފައިވާ ރަނގަޅު މައުލޫމާތެވެ.



