
ހަފުތާއަކު 5000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވޭ: ޑރ. ޝަހީދު
ހަފުތާއަކު 5000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ މީގެކުރިން އެ ޢަދަދު ހުރީ 900 ގައި ކަމަށެވެ. ނަމަވެސް މި ފަހަކަށް އައިސް އެ ޢަދަދު ހުރީ ހަފުތާއަކު 5000 އަށް ވުރެ މަތީގައި ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ މާލެ ސަރަހައްދުން ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ވެސް 700 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުން ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން އެކަކު ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ވޯޑުތައްވެސް ކޮވިޑް-19 އަށް ފަރުވާދޭ ތަންތަނަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ ކޮވިޑު ބަލީގައި ރާއްޖެއިން މީހުން މަރުވާ ޢަދަދު ވެސް މިހާރު މަތިވަމުން އަންނަ ކަމަށެވެ.



