
މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ މާލޭ ސިޓީ ކައުންސިލްގެ މޭޔާ އާއި ބައްދަލުކުރައްވައިފި
މާލޭ ސިޓީގެ މިސްކިތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މާލޭ ސިޓީ ކައުންސިލުގެ މޭޔާ ޝިފާ މުޙައްމަދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހުޅުވާލާފައިވަނީ މިސްކިތައް ނަމާދަށް އަންނަ ބޭފުޅުންނާއި، ކައުންސިލުތަކުން ކަންތައްތައް ބަހައްޓަންޖެހޭ ގޮތުގެ އިރުޝާދު ޢާންމުކުރުމާއެކުގައެވެ. ނަމަވެސް މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އެ އިރުޝާދާ އެއްގޮތަށް ޢަމަލު ނުކުރާކަމުގެ ޝަކުވާދަނީ ލިބެމުންނެވެ.
މިގޮތުން މިސްކިތަށް ވަޑައިގަންނަވާ އިރު މާސްކް ނޭޅުމާއި، އަމިއް މުސައްލަ ނުގެނައުމުގެ މައްސަލައަށް އަލި އަޅުވާލެއްވިއެވެ. އަދި ނަމާދުގައި ތިއްބަވާ ބޭފުޅުން މާބޮޑަށް ގާތްގާތުގައި ތިއްބަވާ މައްސަލަވެސް ފާހަގަކުރެއްވިއެވެ.
އެޗް.ޕީ.އޭ އާއި މިނިސްޓްރީން ކަނޑައަޅާފައިވާ ކަންތައްތަކަށް ސަމާލުކަން ނުދޭނަމަ އިތުރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު އޮންނާނެކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މޭޔަރ ޝިފާ ހާމަކުރެއްވިގޮތުގައި މިސްކިތްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ފަރާތުން މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ޝިފާ އިތުރަށް ވިދާޅުވީ މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި އެކަމާއި ހަވާލުވެ ތިއްބެވި ބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރައްވާކަމުގައެވެ.
މިސްކިތްތަކުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްއްޒަފުން ގުޅިގެން އިތުރަށް މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.



