
ސޯޝަލް ޕްރޮޓެކްޝަން ސްކީމްތަކުން ފައިދާކުރާ މިންވަރު ދެނެގަތުމަށް ޖެންޑަރ މިނިސްޓަރ ގޭގެއަށް ޒިޔާރަތްކުރައްވަނީ
ސޯޝަލް ޕްރޮޓެކްޝަން ސްކީމްތަކުން ފައިދާކުރާ މިންވަރު ދެނެގަތުމަށް ޖެންޑަރ މިނިސްޓަރ ގޭގެއަށް ޒިޔާރަތްކުރައްވައިފިއެވެ.
އެގޮތުން މާލެ އާއި ވިލިމާލޭގެ 4 ގެއަކަށް ޖެންޑަރ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
މިއީ ސަރުކާރުން ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ގިނަ ސްކީމްތަކެއް ތަޢާރަފުކޮށް ކުރިއަށް ގެންދާ އިރު، އެ ފަދަ ސްކީމްތަކުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެ، ފައިދާކުރާ މިންވަރު ދެނެގަތުމަށް ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަނެ، އެ ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން އުފައްދައިފައިވއިންޓަރވެންޝަން ކޮމިޓީގެ މެންބަރުންވެސް މިނިސްޓަރގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ޒިޔާރަތް ޚާއްޞަކުރެވިފައިވަނީ ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ގޮންޖެހުންތައް ހުރި މާލީ ތަނަވަސްކަން ކުޑަ، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނި ދަރިން ބަލަހައްޓާ ފަރާތްތައް ދިރިއުޅޭ ޢާއިލާތައް ހިމެނޭ ގެތަކަށެވެ.

މި ޒިޔާރަތުގައި މެޑިކަލް ވެލްފެއަރއާއި ހުސްނުވާ އާސަންދަ ސްކީމާއި ޢުމުރުން ދުވަސްވީ މީހުންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ދާންމަތިވެފައިވާ ދޮށީ ޢުމުރުގެ މީހުންނަށް ކުރިއަށް ގެންދާ ހޯމް ވިސިޓިންގ ޕްރޮގްރާމާއި ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ފަދަ ސްކީމްތަކުން ޢާއިލާތަކަށް މަންފާކުރާ މިންވަރު ދެނެގަތުމާއި މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ ޙައްލުކުރުން ހިމެނެއެވެ.
މީގެއިތުރުން ފަޤީރު ޙާލަތުގައި ދިރިއުޅެމުން މައިން ބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ފަދަ ގިނަ ސްކީމްތަކުގައިހުރި މައްސަލަތައްވެސް ދެނެގަނެ ހައްލުކުރުން ހިމެނެއެވެ.

ބާޒާރުމަތީ ސަރަޙައްދުގައި ބައެއް މީހުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ ސަލާންޖަހާކަން ފާހަގަކުރެވިފައިވާތީ މިނިސްޓަރ ޝިދާތާ އެ ފަރާތްތަކާ ބައްދަލުކޮށް، ގިނަ މައްސަލަތަކަށް ވަނީ ޙައްލު ހޯއްދަވާ ދެއްވާފައެވެ.
އެ ގޮތުން ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމުގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުޠު ހަމަވާ، އެހެންނަމަވެސް މިހާތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވި، އެލަވަންސް ލިބޭނެ މަގުފަހިކޮށްދިނުމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ ގުޅުވައިދިނުމާއި ވަޒީފާ ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމާއި ޢާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާ ވާހަކަދައްކައިގެން އެ ފަދަ މައްސަލަތައް ޙައްލުކުރުމާއި ޢާއިލާއާ ޙަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.



