
ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ވެމްކޯ ބަލިކޮށް ބީއެމްއެލް އިން އުފުލާލައިފި
މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ވެމްކޯ ބަލިކޮށް ބީއެމްއެލް އިން އުފުލާލައިފިއެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި 6 ލަނޑު 1 ލަނޑުން ވެމްކޯ ބަލިކުރުމަށް ފަހުއެވެ.
ޔުނައިޓެޑް ބީއެމްއެލް އިން 2016 ވަނަ އަހަރުވެސް ވަނީ މި މުބާރާތުގެ ތަށި ހޯދާފައެވެ.
ހުޅުމާލޭ ފުޓްސަލް ދަނޑުގައި ބޭއްވި މި މުބާރާތުގެ ރޭ ކުޅުނު ފައިނަލު މެޗުގައި ފުރަތަމަ ހާފުގައި ބީއެމްއެލްގެ ޢަލީ ހާފިޒް (ހާއްޕެ) ވަނީ ލަނޑެއް ޖަހާ ލީޑު ނަގާދީފައެވެ.
މި ހާފުގައި ވެމްކޯ އިން ވަނީ ނުރައްކާތެރި ގިނަ ޙަމަލާތަކެއް ބީއެމްއެލްގެ ގޯލަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ ޙަމަލާތަކުގެ ހުރަހަކަށްވީ ބީއެމްއެލްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.
ދެވަނަ ހާފުގައި ބީއެމްއެލްއަށް އިތުރު ދެ ލަނޑު ޖަހައިދީ ހާއްޕެ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ އޭނާއެވެ.
ވެމްކޯގެ އިބްރާހިމް އަސްވަދު (ގަބޭ) ވެމްކޯއަށް ލަނޑެއް ޖަހައިދިން ނަމަވެސް މާބޮޑަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ކައުންޓަރ އެޓޭކުގައި ބީއެމްއެލްގެ އިބްރާހިމް ސިނާހު (ސިނާ) ދެ ލަނޑު، އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވަރޑް އިޝާން އިބްރާހިމް (ސައްޓު) ވަނީ ލަނޑު ޖަހާ ލީޑު ފުޅާކުރުމެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބީއެމްއެލްގެ އިޝާން އިބްރާހިމް (ސައްޓު) އާއި ބީއެމްއެލްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާއި ވެމްކޯގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި ޢަބްދުﷲ ޝައްފާން (ޝާކާ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ އަދި ”ކިންގް އޮފް ފުޓްސަލް“ އަށް ހޮވުނީ ކުރިން ޓީސީ އަށް ކުޅުނު ހާއްޕެ އެވެ. އަދި އެންމެ މޮޅު ކޯޗަކީ ބީއެމްއެލްގެ ކޯޗު އަދި ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ އިސްމާއިލް އަނިލްއެވެ.
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް 14 ގޯލު ޖަހައިގެން ހޮވުނީ ވެމްކޯގެ ޝައްފާން އެވެ. ފެއާރ ޕްލޭ ކުޅުންތެރިއަކަށް ބީއެމްއެލްގެ ސިނާ ހޮވުނުއިރު، ފެއާރ ޕްލޭ ޓީމަކީ ޕްރިޒަން ކްލަބް އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކީ އުރީދޫގެ މުހައްމަދު ރިފްޝާން އެވެ.
މުބާރާތުގެ އަންހެން ބައިގެ ތަށި އުފުލާލީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އުފުލާލީ ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް 4 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.



