
ތަފާތުކުރުމެއްނެތި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުތަކުގައި ބައިވެރި ވެވޭނެކަމުގެ ޔަޤީންކަން ދެން – މިނިސްޓަރ މަޙްލޫފް
ތަފާތުކުރުމެއްނެތި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުތަކުގައި ބައިވެރި ވެވޭނެކަމުގެ ޔަޤީންކަން މިނިސްޓްރީގެ ފަރާތުން ދޭނެކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ހެނދުނު ހެނވޭރު ބޯޅަގޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ޕްރޮގްރާމުތައް ހިންގާނޭ ކޯޗުން ތަމްރީނު ކުރުމަށް ބޭއްވި ޓްރެއިނިންގ ޕްރޮގްރާމެއް ފައްޓަވައިދެއްވުމުގެގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޚްލޫފް ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ އެކިއެކި ފުރުޞަތުތައް ހޯދައިދިނުންކަމަށާއި، ޔުނިސެފާއި އެކުވެސް މިކަމާއި ގުޅޭ މަޝްވަރާތަކެއް މިހާރު ކުރަމުންދާކަމަށެވެ. އަދި މިކަމުގައި ރައިސްގެ ވިސްނުންފުޅުވެސް ވަރަށް ޕޮޒިޓިވްކަމަށެވެ. މިފަދަ ފުރުޞަތުތައް އެ ކުދިންނަށް ދާއިމީ ގޮތެއްގައި ލިއްބައިދެވޭނަމަ އެކުދިން ރަނގަޅު ކާމިޔާބީތަކަކާއި ހަމައަށް ވާޞިލުވެވޭނޭ ކަމަށްވެސް މިނިސްޓަރ ގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.



