ސޫރަތުއްނާޒިޢާތި ތަފްސީރު 2

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 13 އޮކްޓޯބަރު 2016އާ ގުޅޭ..

(أَإِذَا كُنَّا عِظَامًا نَّخِرَ‌ةً ﴿١١﴾  ) (نَّخِرَ‌ةً  ) ހަލާކުވެ ނެތިދިޔުން.

މާނައަކީ: އަހަރުމެން މަރުވެ ކަށިތައް ފީވެ ވަކިވަކި ވެގެން ދިޔުމަށް ފަހުގައިވެސް އަލުން ދިރުއްވަނީ ހެއްޔެވެ؟

އިޝްތިހާރު Below Header ad

(قَالُوا تِلْكَ إِذًا كَرَّ‌ةٌ خَاسِرَ‌ةٌ  ) (قَالُوا ) ކާފަރުން ބުންޏެވެ. އަލުން ދިރުއްވުމަކީ ޙަގީގަތެއް ކަމުގައި ވަނީނަމަ، އަހަރުމެން ވެގެންދާނީ ގެއްލެނިވެ ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.

(فَإِنَّمَا هِيَ زَجْرَ‌ةٌ وَاحِدَةٌ ﴿١٣﴾  ) ފަހެ، އެކަންތައްވާކަން ކަށަވަރީ، އެންމެ ފުމެލެއްވުމެއްގެ އަޑު ކަމުގައެވެ.  ސޫރަތު ޔާސީންގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُ‌ونَ ﴿٥٣﴾  ) މާނައަކީ: ” ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާފައެވެ.”  މިބިރުވެރި އަޑާއި އެކު ހުރިހާ މަޚްލޫގުންތައް ދިރިގެން ކައްވަޅުން ތެދުވާނެއެވެ. އެއަށް ފަހު އެބައިމީހުން ދުނިޔެމަތީގައި ކުޅަ ޢަމަލުތަކުގެ ޙިސާބު ބެއްލެވުމަށް ޓަކައި ﷲ ގެ ދަރުބާރަށް ޙާޟިރު ކުރެވޭނެއެވެ.

(فَإِذَا هُم بِالسَّاهِرَ‌ةِ ﴿١٤﴾  ) ފަހެ، އެހާރުން އެންމެން ތިބޭހުށީ، އަލުން ދިރި، محشر ބިމުގައެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމަކަށްވެސް ވާށޭ ވަޙީ ކުރެއްވުމުން އެކަމެއްވާ ފަދައިން ތާޅަފިލި ފުމެލެއްވުމާއި އެކު މީސްތަކުން ގަބުރުތަކުން ދިރިގެން ތެދުވެ މަޙްޝަރުގެ މައިދާނަށް ޙާޟިރު ކުރެވޭނެއެވެ.  ސޫރަތުލް ގަމަރުގެ 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أَمْرُ‌نَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ‌ ﴿٥٠﴾) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ.” ﷲ ކަމަކަށް އަމުރު ކުރެއްވުމުން ލަސްވުމެއް ނެތި އެކަމެއް ވެދެއެވެ. އެއީ ލޮލުގެ އެސްފިޔަ ޖަހާލާހާ ކުޑަ ވަގުތުކޮޅެކެވެ. މިއިން ދޭހަވަނީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ. އެކަލާންގެ އެންމެ އަމުރުފުޅަކަށް ހުރިހާ މަޚްލޫގުންތައް ގަބުރުތަކުން ދިރިގެން ތެދުވެ ﷲ ގެ މަޙްޝަރުގެ މައިދާނަށް ޙާޟިރު ކުރެވޭ ކަމީ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެކަލާންގެ ބަލިކަށި ކޮށްލެވޭނެ އެއްވެސް ފަރާތެއް އުޑާއި ބިމާއި ދެމެދަކު ނުވެއެވެ. ސޫރަތު ފާޠިރުގެ 44 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمَا كَانَ اللَّـهُ لِيُعْجِزَهُ مِن شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرً‌ا ﴿٤٤﴾  ) މާނައަކީ: ” އަދި އުޑުތަކުގައިވިޔަސް، ބިމުގައިވިޔަސް، اللَّه ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ކަލާނގެ ކަމުގައިވެއެވެ.”

(هَلْ أَتَاكَ حَدِيثُ مُوسَىٰ ﴿١٥﴾  )

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރީގެ އުއްމަތްތަކުގެ ޚަބަރު ދެއްވަމުން ވަޙީ ކުރެއްވިއެވެ. “ކަލޭގެފާނާއި ހަމަ އަށް މޫސާ ޢަލައިހިއްސަލާމްގެ ޚަބަރުތައް އައިސްފައި ވޭ ހެއްޔެވެ؟”

(هَلْ أَتَاكَ  ) މިތަނުގައި މުޚާޠަބު ކުރެވިގެން މިވަނީ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އަދި އެންމެހައި މީސްތަކުންނަށެވެ. މިހެންނަމަ އާޔަތުގެ މާނައަކީ “އެންމެހައި މީސްތަކުންނޭވެ. ތިޔަބައިމީހުންނާއި ހަމައަށް މުސާ ޢަލައިހިއްސަލާމްގެ ޚަބަރުތައް އައިސްފައިވޭ ހެއްޔެވެ؟”

މޫސާ ޢަލައިހިއްސަލާމް އަކީ ޢިމްރާންގެ ދަރިކަލުންނެވެ. ބަނީއިސްރާއީލުގެ ނަބިއްޔުންގެ ތެރެއިން އެންމެ މާތް ނަބިއްޔާ އެވެ. އަދި އެއީ އުލުލް ޢަޒްމުގެ ފަސް ނަބީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލަކެވެ. އެބޭކަލުންނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިބްރާހީމް، މޫސާ، ޢީސާ، ނޫޙު ޢަލައިހިމުއްސަލާމް އެވެ. ކީރިތި ގުރްއާނުގައި މި ބޭކަލުންގެ ވާހަކަ އެކުއެކީގައި ދެތަނެއްގައި ޛިކްރު ކުރައްވާފައިވެއެވެ. އެއީ ސޫރަތުލް އަޙްޒާބްގެ 7 ވަނަ އާޔަތް (وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَ‌اهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْ‌يَمَ ۖ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا ﴿٧﴾  ) މާނައަކީ: ” ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި نوح ގެފާނާއި، إبراهيم ގެފާނާއި، موسى ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ عهد، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.”  އަދި ސޫރަތުއް ޝޫރާގެ 17 ވަނަ އާޔަތުގައެވެ. (شَرَ‌عَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَ‌اهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّ‌قُوا فِيهِ ۚ كَبُرَ‌ عَلَى الْمُشْرِ‌كِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّـهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ ﴿١٣﴾  ) މާނައަކީ: ” ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شرع ކުރެއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވި دين އެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دين އެވެ. (އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، مشرك ންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު خيار ކުރައްވަތެވެ. އަދި އެކަލާނގެއަށް توبة ވެ، رجوع ވާމީހާއަށް ތެދުމަގު ދައްކަވަތެވެ.”

އެހެން ހުރިޙާ ނަބީ ބޭކަލުންނަށް ވުރެ ގިނައިން މޫސާ ޢަލައިހިއްސަލާމްގެ ވާހަކަތައް ކީރިތި ގުރްއާނުގައި ޛިކްރު ކުރެވިފައިވެއެވެ. ސަބަބަކީ އެކަލޭގެފާނަކީ ޔަހޫދީންގެ ގާތަށް ފޮނުއްވުނު ނަބިއްޔެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މަދީނާ އާއި މަދީނާގެ ވަށައިގެންވާ ރަށްތަކުގައި އެންމެ ގިނަ ބަޔަކީ ޔަހޫދީންނެވެ. އެހެންކަމުން، މޫސާ ޢަލައިހިއްސަލާމްގެ ވާހަކަތައް ކީރިތި ގުރްއާނުގެ އެކިތަންތަނުގައި އައިސްފައިވަނީއެވެ.

(هَلْ أَتَاكَ حَدِيثُ مُوسَىٰ ﴿١٥﴾) ކަލޭގެފާނާއި ހަމައަށް މޫސާ ޢަލައިހިއްސަލާމްގެ ވާހަކަތައް އައިސްފައި ވޭ ހެއްޔެވެ؟ މިފަދައިން ސުވާލު ކުރެއްވުމުގެ ޙިކްމަތަކީ އަޑުއަހާ މީހުންގެ ޝައުގުވެރިކަން ހޯދައިގަތުމެވެ. މިވާހަކައިގާ ވާ ގޮތަކީ ކޮބައިތޯ އޮޅުން ފިލުވުމަށް ޝައުގުވެރިކަން އިތުރުވެގެން ދެއެވެ.

(إِذْ نَادَاهُ رَ‌بُّهُ بِالْوَادِ الْمُقَدَّسِ طُوًى ﴿١٦﴾  ) ﷲ ތަޢާލާގެ އަޑުފުޅުން މޫސާ ޢަލައިހިއްސަލާމް އަށް ނިދާ އިއްވެވިއެވެ.  ސޫރަތު މަރްޔަމްގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَنَادَيْنَاهُ مِن جَانِبِ الطُّورِ‌ الْأَيْمَنِ وَقَرَّ‌بْنَاهُ نَجِيًّا ﴿٥٢﴾  ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް وحى ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ.”

(الْوَادِ الْمُقَدَّسِ ) އަކީ ޠޫރު ފަރުބަދަ ކައިރިއެވެ.  މިތަން “މުގައްދަސް” ތަނެއްގެ ގޮތުގައި ޞިފަ ކުރައްވާފައިވަނީ މޫސާ ޢަލައިހިއްސަލާމް އަށް ބަސްވަޙީ ކުރެއްވި ތަން ކަމަށް ވުމުންނެވެ.

(طُوًى  ) އެ ސަރަޙައްދަށް ކިޔޭ ނަމެއް.

(اذْهَبْ إِلَىٰ فِرْ‌عَوْنَ إِنَّهُ طَغَىٰ ﴿١٧﴾  )

ފިރްޢައުނަކީ އެޒަމާނުގައި މިޞްރުގެ ރަސްގެފާނެވެ. އޭނާގެ ގައުމުގެ މީހުންގެ ގާތުގައި އޭނާ ބުނަމުން ގެންދިޔައީ އެބައިމީހުން ގައްދަވާ ގެންގުޅުއްވާ އިލާހަކީ އޭނާ ކަމަށެވެ. އަދި އޭނާ ނޫން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ ކަމަށެވެ. ސޫރަތު އަލްގަޞަޞުގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَقَالَ فِرْ‌عَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِ‌ي  ) މާނައަކީ: ” فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ.”

މާތް ﷲ އެކަލާންގެ ނަބިއްޔާ މޫސާ ޢަލައިހިއްސަލާމް އަށް އަމުރު ކުރައްވަނީ ފިރްޢައުނުގެ ގާތަށް ވަޑައިގަތުމަށެވެ. ފިރްޢައުނުގެ ގާތަށް ނަބިއްޔަކު ފޮނުއްވުމުގެ ބޭނުމަކީ ފިރްޢައުނު ވަނީ އަނިޔާވެރިވުމުގައި ޙައްދުފަހަނަ އަޅާ ގޮސްފައެވެ.

ސޫރަތު ޠާހާގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اذْهَبَا إِلَىٰ فِرْ‌عَوْنَ إِنَّهُ طَغَىٰ ﴿٤٣﴾) މާނައަކީ: ” فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ.”

މި ދެއާޔަތުގައި ފުށޫއެރުމެއް ނެތެވެ. އެހެނީ ފުރަތަމަ ފިރްޢައުނުގެ ގާތަށް ދިޔުމަށް އެންގެވީ މޫސާ ޢަލައިހިއްސަލާމް އަށެވެ. އެހިނދު މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ބާރުގަދަ ކުރެއްވުމަށް ޓަކައި އެކުގައި ހާރޫނޫ ޢަލައިހިއްސަލާމް ވެސް ބައިވެރި ކޮށްދެއްވުމަށް އެދިވަޑައިގެންނެވުމުން އެދެބޭކަލުން އެކުގައި ފިރްޢައުނުގެ ގާތަށް ދިޔުމަށް އަމުރު ކުރެއްވިއެވެ.

ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.