
ޕާކިސްތާނާ ކުރިމަތިލުމަށްފަހު އިންޑިއާގެ ރަފޭލް ފައިޓަރުގެ އަދަދު މަދުވެއްޖެ
2025 ވަނަ އަހަރު ޕާކިސްތާނާއެކު ހިނގި ވައިގެ ކުރިމަތިލުންތަކަށްފަހު އިންޑިއާގެ ރަފޭލް ފައިޓަރު ޖެޓުތަކުގެ އަދަދު މަދުވެއްޖެ އެވެ.
’ވޯލްޑް އެއަރ ފޯސަސް‘ އިން ނެރުނު ތަފާސްހިސާބުތަކާއެކު 2025 ގެ ކުރިމަތިލުމުގައި ލިބުނު ގެއްލުންތަކަށް އިންޑިއާއިން އިންކާރު ކުރަމުންދާ ދިއުމަށް ވަނީ އިތުރު ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ބައިނަލްއަޤްވާމީ އަސްކަރީ އޭވިއޭޝަން ޑައިރެކްޓަރީގެ އެންމެ ފަހުގެ އަދަދުގައިވާ ގޮތުން އިންޑިއާގެ ވައިގެ ސިފައިންގެ އަތުގައި މިހާރު ހުރި ރަފޭލް ޖެޓުގެ އަދަދު ވަނީ 35 އިން 32 އަށް ތިރިވެފަ އެވެ.
މިއާއެކު 2025 ވަނަ އަހަރުގެ މެއި މަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި އަސްކަރީ ކުރިމަތިލުންތަކާ ގޮތުން އަނެއްކާވެސް ސުވާލުތައް ވަނީ އުފެދިފަ އެވެ.
ބްރިޓިޝް އޭވިއޭޝަން މަޖައްލާއެއް ކަމަށްވާ ’ފްލައިޓް ގްލޯބަލް‘ އިން ޝާއިޢުކުރި ’2027 ވޯލްޑް އެއަރ ފޯސަސް‘ ޑައިރެކްޓަރީގައި ހިމެނޭ މި ހިސާބުތަކުގެ ސަބަބުން ’އޮޕަރޭޝަން ސިންދޫރު‘ ގައި އިންޑިއާއަށް ލިބުނު ގެއްލުންތަކުގެ މިންވަރާ މެދު ވަނީ އިތުރު ސުވާލުތަކެއް އުފެދިފަ އެވެ.
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމަށް 22 އެޕްރީލް 2025 ގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާއިން 7 މެއިގައި އަސްކަރީ ކެމްޕޭނެއް ފަށައި ޕާކިސްތާނުގެ އެތެރޭގެ އެކި އަމާޒުތަކަށް ހަމަލާދިނެވެ.
21 ވަނަ ގަރުނުގައި ހިނގި އެންމެ ބޮޑު ވައިގެ ކުރިމަތިލުމުގައި ދެޤައުމުގެ ބޯޑަރު ހުރަސްކޮށް 114 އަށްވުރެ ގިނަ ފައިޓަރު ޖެޓު ބޭނުންކޮށްފައިވެ އެވެ.
އަސްކަރީ ރިޕޯޓުތަކާއި ދިފާއީ ދިރާސާތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް 50 މިނެޓަށް ދެމިގެންދިޔަ މި ކުރިމަތިލުމުގައި އިންޑިއާގެ ވައިގެ ސިފައިންގެ 72 މަތިންދާބޯޓާއި ޕާކިސްތާނުގެ ވައިގެ ސިފައިންގެ 42 މަތިންދާބޯޓު ބައިވެރިވި އެވެ.
ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އެ ކުރިމަތިލުމުގެ ތެރޭގައި އިންޑިއާގެ އަސްކަރީ ހަ މަތިންދާބޯޓު ވައްޓާލާފައިވެ އެވެ.
އޭގެ ތެރޭގައި ތިން ރަފޭލް ޖެޓު ހިމެނެ އެވެ. އިންޑިއާއިން ޕާކިސްތާނުގެ މި ދައުވާތަކަށް އިންކާރު ކުރި ނަމަވެސް އެ ޤައުމަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ ރިޕޯޓެއް ހާމަކޮށްފައެއްނުވެ އެވެ.
11 މެއިގައި ބޭއްވި އަސްކަރީ ބްރީފިންއެއްގައި އެއަރ މާޝަލް އަވަދޭޝް ކުމާރު ބާރްތީ ވަނީ ކުރިމަތިލުމުގައި އިންޑިއާގެ މަތިންދާބޯޓުތަކަށް ގެއްލުން ލިބުނުކަމަށް އެއްބަސްވެފަ އެވެ.
ނަމަވެސް ގެއްލުންވި ބޯޓުތަކުގެ އަދަދާއި ބާވަތް ހާމަކުރުމަށް އޭނާ އިންކާރު ކުރެއްވި އެވެ.
”މިއީ ހަނގުރާމައިގެ މައިދާނެއް އަދި ހަނގުރާމައިގައި ގެއްލުންތަކަކީ ކުރިމަތިވާނެ ކަންކަން،“ ބާރްތީ ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗޯހާންވެސް ވަނީ ހަނގުރާމައިގައި އިންޑިއާގެ މަތިންދާބޯޓުތައް ގެއްލުނުކަން ގަބޫލުކުރައްވާފަ އެވެ.
ލިބުނު ގެއްލުންތަކާ ބެހޭގޮތުން ސުވާލުކުރުމުން ޗޯހާން ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެކަންކަން ދިމާވި ސަބަބު ދެނެގަނެ އަސްކަރިއްޔާއިން އެކަމަށް އިޖާބަދިން ގޮތް ދެނެގަތުން ކަމަށެވެ.
2016 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިއާއިން ފްރާންސުން 36 ރަފޭލް ޖެޓު ގަނެފައިވެ އެވެ.
2025 ގެ ފަހުކޮޅު ޝާއިޢުކުރި ’ފްލައިޓް ގްލޯބަލް‘ ގެ އަދަދުގައި އޮޕަރޭޝަނަލް ހާލަތުގައި ހުރީ 35 ޖެޓު ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެންމެ ފަހުގެ ޑައިރެކްޓަރީގައި އެ އަދަދު ތިނަކުން މަދުކޮށްފައިވާއިރު އެ ބޯޓުތައް އުނިކުރި ސަބަބެއް ނުވަތަ އެއީ ކޮން ބޯޓުތަކެއްކަން ހާމަކޮށްފައެއްނުވެ އެވެ.
އިންޑިއާގެ ރަފޭލް ޖެޓުތަކުގެ އަދަދާ މެދު ބަހުސްތައް ކުރެވެމުންދަނީ އެ ޤައުމުން ރަފޭލް ޖެޓުތަކުގެ އަދަދު އިތުރުކުރުމަށް ބޮޑު މަޝްރޫއެއް ކުރިއަށްގެންދާ ދަނޑިވަޅެއްގަ އެވެ.
2025 އެޕްރީލް މަހު އިންޑިއާގެ ކަނޑުގެ ސިފައިންނަށް ’ޑަސޯލްޓް ރަފޭލް މެރިން‘ މަރުކާގެ 26 ޖެޓު ހޯދުމަށް އިންޑިއާއާއި ފްރާންސާ ދެމެދު ސަރުކާރުގެ ފެންވަރުގައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މި ޖެޓުތަކަކީ އިންޑިއާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގައި ބޭނުންކުރުމަށް ކަނޑުގެ ސިފައިންގެ ހަނގުރާމަވެރި ގާބިލުކަން އިތުރުކުރުމަށް ހޯދާ ޖެޓުތަކެކެވެ.
މީގެ އިތުރުން ވައިގެ ސިފައިންނަށް އިތުރު 114 ރަފޭލް ޖެޓު ހޯދުމުގެ މަސައްކަތްވެސް އިންޑިއާއިން ދަނީ ކުރަމުންނެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މި މަޝްރޫއަށް ގާތްގަނޑަކަށް 3.25 ޓްރިލިއަން ރިއުޕީސް (39 ބިލިއަން ޑޮލަރު) ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
މިއީ އިންޑިއާއިން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް އަސްކަރީ މަތިންދާބޯޓު ގަތުމުގެ މަޝްރޫ އެވެ.
މިކަން ކުރިއަށް މިދަނީ އިންޑިއާގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުގެ އަދަދު މަދުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.



