ގާދޫ ފުޓްސަލް ޗެލެންޖް: ހޭޅި އެފްސީ އަދި ޔަންގް ބޯއީޒްގެ ވަރުގަދަ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް !
ލ. ފޮނަދޫ ޔޫތް އެސޯސިއޭޝަން (ފިޔަ) ޖަމްޢިއްޔާއިން އިންތިޒާމްކޮށްްގެން މިހާރު ފޮނަދޫ ގައި ކުރިޔަށް ގެންދާ “ ގާދޫ ފުޓްސަލް ޗެލެންޖް 2018″ ގައި ހޭޅި އެފްސީ އާއި ޔަންގް ބޯއީޒް ގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެންނިމިއްޖެއެވެ.
ޔަންގް ބޯއީޒް އަދި ހޭޅީ އެފްސީ ބައްދަލުކުރި މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޔަންގް ބޯއީޒް އަށް ލަނޑުޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ދިޔަނަމަވެސް ޖޯޒީ ނަމްބަރ 9 ރާޒީ އަދި ޖޯޒީ ނަމްބަރ 10 ޖަމީލް ފޮނުވާލި ހަމަލާތަށް ދިޔައީ ގޯލާ އަމާޒު ނުވެއެވެ. ހަމަ އެގޮތަށް ހޭޅި އެފްސީއަށް ވެސް ދެ ފުރުސަތެއް ފުރަތަމަ ހާފުގައި ލިބި ބޭކާރުވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މުޖޭ އަދި ޝިފާފު ފަޔަށް ހެޔޮވަރުކޮށްލާފަ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށް ވީ ޔަންގް ބޯއީޒްގެ އުންމީދީ ގޯލް ކީޕަރ ސުވައިބްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.
ފަހުހާފު ފެށިގެންވެސް ދެޓީމުން ކުޅެމުން ގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔަންގް ބޯއީޒްގެ ޖޯޒީ ނަމްބަރ 10 ޖަމީލް އެވެ. ޖަމީލް މި ލަނޑު ކާމިޔާބު ކުރީ ހޭޅި އެފްސީގެ ގޯލް އޭރިޔާތެރެއަށް ވަދެ ރާޒީ ދިން ހުސް ފުރުސަތަކުންނެވެ. މި ލަނޑާ އެކު ހޭޅި އެފްސީ ނަތީޖާ ނެރެން ބުރަމަސައްކަތް ތަކެއް ކުރަމުން ދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ގިނަ ފުރުސަތު ތަކެއް ވެސް ތަނަވަސް ކުރިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ހޭޅި އެފްސީގެ ގިނަ ހަމާލާތަކެއްގެ ހުރަހަމަށްވީ މިއަދުގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ޔަންގް ބޯއީޒްގެ ގޯލް ކީޕަރު ސުއައިބްއެވެ. ޔަންގް ބޯއީޒް މެޗުން މޮޅުވާނެ ކަމުގެ އުންމީދުގައި ގިނަބަޔަކު ހީކުރިނަމަވެސް ހޭޅި އެފްސީން ވަނީ މެޗު ނިމެން ދަނިކޮށް ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން ދަނިކޮށް އެންމެ ފަހު ވަގުތު ޔަންގް ބޯއީޒްގެ ތައުފީގު ކުރި ފައުލަކާއި ގުޅީގެން އޭރިޔާ ބޭރުން ލިބުނު ޖެހުމަކުން ޝިފާޒް (ކަޅޭ)އެވެ. މިއަދުގެ މި މެޗަށް ހަމަހަމަ ނިމުމެއް އައިއިރު މި ދެޓީމުވެސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައެވެ. ކޮންމެ ޓީމަކަށްވެސް 4 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ކުރި ލިބެނީ ހޭޅި އެފްސީ އަށެވެ.
މިއަދު ހަވީރު މި މުބާރާތުގެ އިތުރު މެޗެއްވެސް ވަނީ ކުޅެފައެވެ. 17:00 ގައި ފެށި މި މެޗުގައި ބައްދަލުކުރީ ތާވަޅޭ އެފްސީ އާއި ޗެމްޕިއަން އެފްސީ އެވެ. މި މެޗު 2-4 ގެ ނަތީޖާއިން ކާމިޔާބުކުރީ ޗެމްޕިއަން އެފްސީ އެވެ.
ޗެމްޕިއަން އެފްސީ މިއަދުގެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލާ ފިޔަވަޅެއްކައިރިއަށް ޖެހިލިއިރު، އެޓީމު އަތުން ބަލިވި ތާވަޅު އެފްސީ އަށް މިހާރު ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. އެޓީމުން ވަނީ މި މުބާރާތުގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެފައެވެ.
5ޓީމު ވާދަކުރާ މި މުބާރާތް ކުރިޔަށް ދާނީ ލީގު އުސޫލުން ނެއެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.
މި މުބާރާތުގެ ފޯރިގަދަ ދެ މެޗު މާދަމާވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 16:10 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔަންގް ބޯއީޒް އާއި ޗެމްޕިއަން އެފްސީ އެވެ. މި މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. އެގޮތުން ފައިނަލުން ފުރުޞަތުން ހޯދުމަށް މި މެޗަކީ ދެޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. މި މެޗުން ބަލިވާ ޓީމަކަށް ފައިނަލުގެ ފުުރުޞަތު ގެއްލިގެން ދާނެއެވެ.
މާދަމާ ހަވީރު 17:00 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޭޅި އެފްސީ އާއި ރޯޔަލް އެފްސީ އެވެ. މި މެޗުން ހޭޅި އެފްސީ ވެސް މޮޅެއް ހޯދަން މަޖުބޫރެވެ. މާދަމާގެ މެޗުން ބަލިވެއްޖެ ނަމަ ހޭޅި އެފްސީއަށް ވެސް ފައިނަލުގެ ފުރުސަތު ގެއްލުން ގާތެވެ.
އޮކްޓޫބަރ 8 ން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ”ގާދޫ ފުޓްސަލް ޗެލެންޖް 2018“ ފުޓްސަލް މުބާރާތަކީ ޒުވާނުންގެ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
ފިޔަ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގައި 5 ޓީމަކުން ބައިވެރިވެއެވެ. މިއީ މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރުކަމަށްވިޔަސް ކޮންމެ އަހަރަކުވެސް މި މުބާރާތް މި ނަމުގައި ކުރިޔަށް ދާނެ ކަމުގައި ފިޔަ ޖަމިއްޔާއިން ވަނީ ބުނެފައެވެ.