ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭ ޕެޓްރޯލް ޝެޑް ސަރަހައްދު ސާފުކޮށްފިއެވެ.
މިއީ އެސްޓީއޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ތިމާވެއްޓާއި މެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރި މަސައްކަތެކެވެ.
އެސްޓީއޯ އާއި 6 އެންޖީއޯ ގުޅިގެން ހިންގި މި ހަރަކާތުގައި ސޭވް ދަ ބީޗް، ޑައިވް ކްލަބް މޯލްޑިވްސް، ރާއްޖެ ޑައިވަރޒް، ޑައިވް ޑެސްކް، ރޮޓަރެކްޓް ކްލަބް އޮފް މޯލްޑިވްސް އާއި ޑެމޭޖް ކޮންޓްރޯލް ވަނީ ބައިވެރިވެފައެވެ.
އަދި އެމްއެންޑީއެފް ކޯސްޓްގާޑް އާއި ރެޑްކްރެސެންޓްގެ ފުރިހަމަ އެއްބާރުލުންވެސް ވަނީ ލިބިފައެވެ.
މިހަރަކާތުގައި ޑައިވަރުންގެ އިތުރުން ސްނޯކްލް ކުރުމަށާއި އެއްގަމުގައި ކުނި ބުނި ސާފުކޮށް ބައިބަޔަށް އެޅުމަށް ވޮލަންޓިއަރުން ހަރަކާތްތެރިވެފައިވާ އިރު، މިސަރަހައްދުން ގިނަ ޢަދަދެއްގެ ބިއްލޫރި ފުޅި، ޕްލާސްޓިކް އަދި ދަގަނޑުގެ ބާއްވަތްތައް ތަކާއެކު ނެގި ކުނީގެ ޖުމްލަ ބަރުދަނަކީ 2.07 ޓަނު އެވެ.
އެސްޓީއޯގެ އަހަރީ ފަޅު ސާފުކުރުމުގެ ހަރަކާތް ފާއިތުވި ދެ އަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.