ލަންކާގައި އޮންނަ ހާރމަން ލޫޒް ޓްރޮފީ ޗެލެންޖު ކޭމްޕް 2016 ގައި ރާއްޖޭން ބައިވެރިވާ ކެޑޭޓް ދަރިވަރުންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.
ދަރިވަރުންނާއި ބައްދަލުކުރައްވާ މިނިސްޓަރ ވަނީ ކެޑޭޓް ފަދަ ސްކޫލްތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަކީ ސްކޫލް ދައުރު ނިމޭއިރު ރިވެތި އާދަތަކާއި އެކު ދިރިއުޅުމަށް ތައްޔާރުވެފައި ހުންނަ ދަރިވަރުން ކަން ފާހަގަ ކުރައްވާފައެވެ. އަދި ސްކޫލްތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ފައިދާ ސްކޫލްތަކުގެ ކުރި އެރުމަށާއި މުޅި މުޖުތަމަޢަށް އެދެވޭ ގޮތެއްގައި އަސަރުކުރާ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ ކޭމްޕްގައި ބައިވެރިވާ ދިވެހި ކެޑޭޓުންނަކީ ނަމޫނާ ކުދި ބަޔަކަށްވެ، ދަތުރުން ލިބޭ ތަޖުރިބާގެ ބޭނުން ހިފުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
މި ކޭމްޕްގައި ކެޑޭޓުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ސްރީލަންކާ އާމީ ހެޑްކުއާޓަރޒް، ސްރީލަންކާ ނޭވީ ހެޑްކުއާޓަރޒް، ސްރީލަންކާ އެއަރ ފޯސް ހެޑްކުއާޓަރޒް، ސްރީލަންކާ މިލިޓަރީ އެކަޑަމީ، ޖެނެރަލް ސަރ ޖޯން ކޮޓިލާވާ ޑިފެންސް ޔުނިވަރސިޓީ، ކެންޑީ އަދި ސްރީލަންކާގެ ޤައުމީ ކެޑޭޓް ކޯގެ ޓްރެއިނިންގ ސެންޓަރ އާއި ސްރީލަންކާގެ އާޘާރީ ތަންތަން ހިމެނެއެވެ. މި ޒިޔާރަތްތަކުގައި އެ ތަންނަނުގެ އިސްވެރިންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކެޑޭޓް ކޭމްޕަށް ދަރިވަރުން ހޮވާފައިވަނީ ގްރޭޑް 8 ނުވަތަ 9 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ކެޑޭޓުންގެ ތެރެއިން ލާންސް ކޯޕްރަލްއަށް ވުރެ މަތީ ރޭންކެއްގައި ހުރި ދަރިވަރުންނެވެ. އެގޮތުން އަހްލާގް ރަނގަޅު، އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން ދަންނަ، ދިވެހި ތާރީހާއި ދިވެހި ކެޑޭޓުންގެ ތާރީހްގެ މައުލޫމާތު ހުރި އަދި ދުޅަހެޔޮ ސިއްހަތު ރަނގަޅު ކެޑޭޓުންނަށް މި ކޭމްޕަށް ދަރިވަރުން ހޮވުމުގައި އިސްކަންދީފައިވެއެވެ.
މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 ވާ ހޯމަ ދުވަހުގެ ނިޔަލަށް ލަންކާގެ ކޮލަންބޯ އަދި ރަންތަންބޭގައި ބާއްވާ މި ކޭމްޕްގައި ރާއްޖޭން 10 ކެޑޭޓް ދަރިވަރުންނާއި 3 އޮފިސަރަކު ބައިވެރިވެއެވެ.
ރާއްޖޭން ބައިވެރިވާ ކެޑޭޓް ދަރިވަރުންގެ ތެރޭގައި 5 އަންހެން ކެޑޭޓުންނާއި 5 ފިރިހެން ކެޑޭޓުން ހިމެނޭ އިރު، މިއީ އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ހއ. އަތޮޅު މަދަރުސާ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ފޭދޫ ސްކޫލް އަދި ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލް ގެ ދަރިވަރުންނެވެ.
މިއީ މިކޭމްޕްގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ފަރާތުން ބައިވެރިވާ 10 ވަނަ ފަހަރެވެ.