ސޫރަތުއް ނަބައުގެ ތަފްސީރު 3

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 10 އޮކްޓޯބަރު 2016 އާގުޅޭ..

(وَكَذَّبُوا بِآيَاتِنَا كِذَّابًا ﴿٢٨﴾   ) އެބައިމީހުން ގުރްއާނުގެ އާޔަތްތައް ދޮގުކުޅައެވެ. އަދި އެއާޔަތްތަކާއިގެން އެބައިމީހުންގެ ގާތަށް ވަޑައިގެންނެވި ރަސޫލުންގެ ބަސްފުޅުތައްވެސް ދޮގުކުރީއެވެ. އަދި ރަސޫލު ބޭކަލުންނާއި ދިމާލަށް ދޮގުވެރިޔެކޭ މޮޔައެކޭ ކާހިނެކޭ ގޮވާހެދީއެވެ.  ސޫރަތުއް ޛާރިޔާތުގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّ‌سُولٍ إِلَّا قَالُوا سَاحِرٌ‌ أَوْ مَجْنُونٌ ﴿٥٢﴾   ) މާނައަކީ: “އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް رسول އަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.”

ސޫރަތު ޞާދުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَعَجِبُوا أَن جَاءَهُم مُّنذِرٌ‌ مِّنْهُمْ ۖ وَقَالَ الْكَافِرُ‌ونَ هَـٰذَا سَاحِرٌ‌ كَذَّابٌ ﴿٤﴾  ) މާނައަކީ: “އަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ.”

އިޝްތިހާރު Below Header ad

ސޫރަތުއް ޠޫރުގެ 30 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (أَمْ يَقُولُونَ شَاعِرٌ‌ نَّتَرَ‌بَّصُ بِهِ رَ‌يْبَ الْمَنُونِ ﴿٣٠﴾  ) މާނައަކީ: “އަދި ކިއެއްތަ! އެއީ شاعر އެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ شاعر މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ.”

ސޫރަތުލް ޙިޖްރިގެ 6ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَقَالُوا يَا أَيُّهَا الَّذِي نُزِّلَ عَلَيْهِ الذِّكْرُ‌ إِنَّكَ لَمَجْنُونٌ ﴿٦﴾  ) މާނައަކީ: “އެއުރެން ބުނެފޫއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ.”

(وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا ﴿٢٩﴾  ) އެބައިމީހުން ކުޅަ ހުރިހާ ކަމެއްގެ ވާހަކަ، ތިމަން ﷲ އެބައިމީހުންގެ ޢަމަލުތަކުގެ ހުރިހާ ވާހަކަތަކަކާއި ޢަމަލުތައް ލިޔުއްވީމެވެ.   ސޫރަތު ގާފުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَ‌قِيبٌ عَتِيدٌ ﴿١٨﴾  ) މާނައަކީ: “(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.”

(فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا ﴿٣٠﴾  ) އޭ ކާފަރުންނޭވެ. ތިޔަބައިމީހުން ޢަޛާބުގެ ރަހަ ދެކޭށެވެ. މިއީ އެބައިމީހުންނަށް އިހާނެތިކޮށް ހިއްތެވުމުގެ ގޮތުން ބުނެވޭ ބަހެކެވެ. މި ޢަޛާބު އެބައިމީހުންނަށް ލުޔެއް ނުކުރެވޭނެއެވެ. އަދި އެބައިމީހުން މި ޢަޛާބުން ދުވަހަކު ސަލާމަތްވެސް ނުވާނެއެވެ.  ސޫރަތު ޣާފިރުގެ 49 އިން 52 އަށް މާތް ﷲ ވަޙީ ކުރައްވައެވެ. (وَقَالَ الَّذِينَ فِي النَّارِ‌ لِخَزَنَةِ جَهَنَّمَ ادْعُوا رَ‌بَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ ﴿٤٩﴾ قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُ‌سُلُكُم بِالْبَيِّنَاتِ ۖ قَالُوا بَلَىٰ ۚ قَالُوا فَادْعُوا ۗ وَمَا دُعَاءُ الْكَافِرِ‌ينَ إِلَّا فِي ضَلَالٍ ﴿٥٠﴾ إِنَّا لَنَنصُرُ‌ رُ‌سُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ ﴿٥١﴾ يَوْمَ لَا يَنفَعُ الظَّالِمِينَ مَعْذِرَ‌تُهُمْ ۖ وَلَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ‌ ﴿٥٢﴾   ) މާނައަކީ: “އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ! އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسول ން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاء ކޮށްބަލާށެވެ. كافر ންގެ دعاء ފުރެދުމެއްގައިމެނުވީ ނުވެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رسول ންނަށާއި، إيمان ވި މީހުންނަށް، ދުނިޔޭގެ حياة ގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: قيامة ދުވަހުގައި) نصر ދެއްވާހުށީމެވެ. (އެއީ) އަނިޔާވެރިންނަށް އެއުރެންގެ عذر ދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެއުރެންނަށް ހުރީ لعنة އެވެ. އަދި އެއުރެންނަށްހުރީ ނުބައިވެގެންވާ ގޮވައްޗެވެ.”

 

(إِنَّ لِلْمُتَّقِينَ مَفَازًا ﴿٣١﴾) ނަރަކައިގެ ވާހަކަ ބަޔާން ކުރެއްވުމަށް ފަހުގައި މި ބަޔާން ކުރައްވަނީ ތަގްވާވެރިންނަށް ޓަކައި ތައްޔާރު ކުރައްވާފައިވާ ނިޢުމަތްތަކުގެ ވާހަކައެވެ. ކީރިތި ގުރްއާނުގައި ޢިގާބުގެ ވާހަކަ އަތުވެއްޖެނަމަ ޘަވާބުގެ ވާހަކަ ޛިކްރު ކުރައްވައެވެ. އަދި ޘަވާބުގެ ވާހަކަ ޛިކްރު ކުރައްވައިފިނަމަ ޢިގާބުގެ ވާހަކަ ޛިކްރު ކުރައްވައެވެ. ރަގަޅު ހެޔޮލަފާ ޞާލިޙް މީހުންގެ ވާހަކަ ޛިކްރު ކުރައްވައިފިނަމަ ނުބައި މީހުންގެ ވާހަކަ ވެސް ޛިކްރު ކުރައްވައެވެ. ޙައްގުގެ އަހްލުވެރިންގެ ވާހަކަ ބަޔާން ކުރައްވައިފިނަމަ ބާޠިލްގެ އަހްލުވެރިންގެ ވާހަކަވެސް ބަޔާން ކުރައްވައެވެ. އެއީ އިންސާނުން ބިރުގަތުމާއި އުއްމީދާއި ދެމެދުގައި ތިބުމަށެވެ. ސަބަބަކީ އިންސާނުންގެ ޠަބީޢަތު ހުންނަ ގޮތުން މާބޮޑަށް އުއްމީދު ބޮޑުވެއްޖެނަމަ ﷲ ގެ ކޯފާ އާއި ޢަޛާބަށް ރައްކާތެރި ނުވާނެއެވެ. އަދި މާބޮޑަށް ބިރުގަންފިނަމަ، ﷲ ގެ ރަޙްމަތުން މާޔޫސްވެދާނެއެވެ. މިދެގޮތަކީވެސް ފާފައެކެވެ. އެހެންވެސް އިމާމް އަޙްމަދު ރަޙިމަހުﷲ- ގެ ބަސްފުޅެއްގައި ވެއެވެ. (އަޅާ އަޅުކަން ކުރުމުގައި ހުންނަން ވާނީ އުއްމީދާއި ބިރުވެތިކަމާއި ދެމެދުގައެވެ. އޭގެތެރެއިން އެއްވެސް އެއްޗެއް މަތިވެއްޖެނަމަ އެމީހަކު ހަލާކުވެ ހިނގައިދާނެއެވެ.) އެހެންވެ، ގުރްއާނުގައި އަބަދުވެސް ދެބާވާތުގެ މީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ.

(لِلْمُتَّقِينَ) ތަގްވާވެރިންނަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ، ނަހީތަކުން ދުރުހެލިވެ، ﷲ ގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވެ ރައްކާތެރިވީ މީހުންނެވެ.

(مَفَازًا  ) އަކީ ކާމިޔާބު ލިބޭނެތަނާއި ވަގުތެވެ.  އެއަށް ފަހު ބަޔާން ކުރައްވަނީ ކާމިޔާބީ ލިބޭނެ ގޮތުގެ ވާހަކައެވެ.

(حَدَائِقَ وَأَعْنَابًا ﴿٣٢﴾  )

(حَدَائِقَ  ) މިއީ “ޙަދީގާ” ގެ ޖަމްޢު އެވެ. މާނައަކީ އެކި ބާވަތްތަކުގެ ގަސް ހުރި ބަގީޗާއެވެ.

(وَأَعْنَابًا ) މޭބިސްކަދުރު. މިއީވެސް ޙަދީގާގެ ބާވަތެކެވެ. ނަމަވެސް، މިތަނުގައި އިތުރަށް މިކަލިމަ ޛިކްރު ކުރެއްވުމުގެ ޙިކްމަތަކީ އޭގެ ޝަރަފު ބަޔާން ކުރެއްވުމެވެ.

) وَكَوَاعِبَ أَتْرَ‌ابًا ﴿٣٣﴾)

(كَوَاعِبَ ) އަކީ “ކާޢިބ” ގެ ޖަމްޢު އެވެ. އެއީ އަންހެން ކުދިންގެ މޭމަތި ފަޅާފައި އެންމެ ރީތިވަރަށް ހުރުމެވެ.

(أَتْرَ‌ابًا) އެއް ޢުމުރެއްގެ ކުދިންނެވެ. ސަބަބަކީ ޢުމުރުގެ ގޮތުން ތަފާތު ހުރެއްޖެނަމަ އެކަކަށް ވުރެ އަނެކަކު މަތިވެރިވެފައި މޮޅުވެދާނެއެވެ.

(وَكَأْسًا دِهَاقًا ﴿٣٤﴾) މީރު ބުއިން ތަކުން ފުރިގެންވާ ތަށިތައް.  ސުވަރުގޭގެ އަހްލުވެރިންނަށް ލިބޭނެ ބުއިން ތަކުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ‌ مِّن مَّاءٍ غَيْرِ‌ آسِنٍ وَأَنْهَارٌ‌ مِّن لَّبَنٍ لَّمْ يَتَغَيَّرْ‌ طَعْمُهُ وَأَنْهَارٌ‌ مِّنْ خَمْرٍ‌ لَّذَّةٍ لِّلشَّارِ‌بِينَ وَأَنْهَارٌ‌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَ‌اتِ وَمَغْفِرَ‌ةٌ مِّن رَّ‌بِّهِمْ ) މާނައަކީ: ” تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ.”

(لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا ﴿٣٥﴾  ) ސުވަރުގޭގައި ފައިދާ އެއް ނެތް ބޭކާރު، އަދި ދޮގު ވާހަކަ އެއް އަޑެއް ނީވޭނެއެވެ.  ސުވަރުގޭގެ އަހްލުވެރިން އެއްބަޔަކު އަނެއް ބަޔަކަށް ދައްކާ ވާހަކަތައް ދޮގުކޮށެއް ނުހަދާނެއެވެ. ސަބަބަކީ އެބައިމީހުންގެ ހިތްތަކުގައިވާ حسد ވެރިކަން ﷲ ވަނީ ވަކި ކުރައްވާފައެވެ.  ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ أخ ންތަކެއްގެ ގޮތުގައި ވަނީ ލައްވާފައެވެ.  މިކަމަށް އިޝާރާތް ކުރައްވާ ސޫރަތުލް ޙިޖްރިގެ 47 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  (وَنَزَعْنَا مَا فِي صُدُورِ‌هِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُ‌رٍ‌ مُّتَقَابِلِينَ ﴿٤٧﴾  ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ أخ ންތަކެއްގެ ގޮތުގައެވެ.”

(جَزَاءً مِّن رَّ‌بِّكَ عَطَاءً حِسَابًا ﴿٣٦﴾) މި ޖަޒާ އެބައިމީހުންނަށް ﷲ ގެ ޙަޟްރަތުން ދެއްވާ ސަބަބަކީ އެބައިމީހުން ދުނިޔޭގައި އުޅުނު އިރުގައި ކޮށްފައިވާ ހެޔޮޢަމަލު ތަކުގެ ސަބަބުންނެވެ. އަދި ﷲ ޙަރާމް ކުރެއްވި ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވެފައި ވުމުގެ ސަބަބުންނެވެ.

(رَّ‌بِّ السَّمَاوَاتِ وَالْأَرْ‌ضِ وَمَا بَيْنَهُمَا الرَّ‌حْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا ﴿٣٧﴾ ) މި ޖަޒާ އަކީ އުޑާއި ބިން އަދި އެދެމެދުގައިވާ ތަކެތި އުފެއްދެވި ﷲ ގެ ޙަޟްރަތުން އެބައިމީހުންނަށް ދެވޭ ޖަޒާ އެކެވެ. ﷲ އީ އެކަލާންގެ ޖަލާލުވަންތަކަމާއި މަތިވެރިކަމުގެ ސަބަބުން އެއްވެސް މީހަކަށް އެކަލާންގެ އާއި ބަސް މުޚާޠަބު ނުކުރެވޭނެއެވެ.

(يَوْمَ يَقُومُ الرُّ‌وحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّ‌حْمَـٰنُ وَقَالَ صَوَابًا ﴿٣٨﴾  )

(الرُّ‌وحُ  ) އެއީ ޖިބްރީލް ޢަލައިހިއްސަލާމް އެވެ.

(وَالْمَلَائِكَةُ صَفًّا    ) ޖިބްރީލް ޢަލައިހިއްސަލާމް އާއި މަލާއިކަތުން ޞަފުޞަފަށް ތިއްބަވާނެއެވެ. އެމަލާއިކަތް ބޭކަލުންގެ ޢަދަދު ދެނެވޮޑިގެންވަނީ ހަމައެކަނި އެބޭކަލުންގެ ޚާލިގު ﷲ އަށެވެ.

(لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّ‌حْمَـٰنُ وَقَالَ صَوَابًا  ) އެދުވަހުން މަލާއިކަތަކުވެސް އަދި އެހެން ފަރާތަކުންވެސް ﷲ ގެ އިޛްނަ އާއި ލައިގެން މެނުވީ ވާހަކަ ނުދައްކާނެއެވެ. ސޫރަތު ޠާހާގެ 108 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. (وَخَشَعَتِ الْأَصْوَاتُ لِلرَّ‌حْمَـٰنِ فَلَا تَسْمَعُ إِلَّا هَمْسًا ﴿١٠٨﴾  ) މާނައަކީ: ” އަދި رحمن ވަންތަ ރަސްކަލާނގެއަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެތެވެ.”

(إِلَّا مَنْ أَذِنَ لَهُ الرَّ‌حْمَـٰنُ  ) ﷲ އެފަރާތަކަށް ވާހަކަ ދެއްކުމުގެ އިޛްނަ ދެއްވި ފަރާތަކަށް މެނުވީ އެދުވަހުން ވާހަކަ އެއް ނުދެއްކޭނެއެވެ.

(وَقَالَ صَوَابًا  ) ﷲ ރުހިވޮޑިގެންވާ ފަދަ ޙައްގު ހެޔޮ ބަހެއް މެނުވީ ނުބުނާނެއެވެ. އެއީ ﷲ ތަޢާލާ ވަކި ފަރާތަކަށް ޝަފާޢަތްތެރި ވުމުގެ އިޛްނަ ދެއްވުމުން އެފަރާތަކަށް އިޛްނަ ދެއްވުނު ކަމެއްގައި ޝަފާޢަތްތެރި ވުމުގެ ގޮތުންނެވެ.

(ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَ‌بِّهِ مَآبًا ﴿٣٩﴾  )

(ذَٰلِكَ الْيَوْمُ الْحَقُّ   ) ތިމަން ﷲ އެދުވަހަކާއި މެދުގައި ތިޔަބައިމީހުންނަށް ޚަބަރު ދެއްވާފައިވާ ދުވަހަކީ ޙައްގު ދުވަހެކެވެ. އެއީ ޙަގީގަތުގައިވެސް އަންނާނެ ދުވަހަކެވެ. އެދުވަހަކުން މުދަލަކުން ދަރިޔަކުން ފައިދާ އެއް ނުކުރާނެއެވެ. އެދުވަހުން ހަމައެކަނި ފައިދާކުރާނީ ސަލާމަތް ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައިމީހުންނަށެވެ. ސޫރަތުއް ޝުޢަރާގެ 88 އަދި 89 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى اللَّـهَ بِقَلْبٍ سَلِيمٍ ﴿٨٩﴾  ) މާނައަކީ: ” އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ.”

(فَمَن شَاءَ اتَّخَذَ إِلَىٰ رَ‌بِّهِ مَآبًا   ) ތިޔަބައިމީހުންގެ ކުރެ ﷲ އާއި ކުއްތަންވާން ބޭނުން މީހާ ހެޔޮ ޢަމަލު ގިނަކުރާ ހުށިކަމެވެ.

ނުނިމޭ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.