“ކޮއްކޮ ބަސްއަހައިގެން އުޅުނީމަ ބައްޕީގެ އަތުގަ ހިފައިގެން ސުވަރުގެ ވަދެވޭނެތަ؟!”

*މިވާހަކައަކީ ހަޤީޤީ ވާހަކައެކެވެ.

“ބައްޕީ…..ކޮއްކޮ ބަސްއަހައިގެން އުޅުނީމަ ޤިޔާމަތްދުވަހުން މިގޮތަށް ބައްޕީގެ އަތުގަ ހިފައިގެން ސުވަރުގެއަށް ވަދެވޭނެތަ؟”

އިޝްތިހާރު Below Header ad

މިއީ އަހަރެންގެ 5 އަހަރުގެ ކުޑަކުޑަ ދަރިފުޅު އަހަންނާ ކުރި މައުސޫމް ސުވާލެވެ. އަހަރެންގެ ޙަޔާތް ބަދަލުކޮށްލި، އަހަރެން ޖާހިލުކަމުން ނެރެ، އަދި އަހަރެންގެ ފާފަތަކުން ފުރިގެންވާ ދިރިއުޅުން ބަދަލުކޮށްލުމަށް ބާރުއަޅައިދިން ސުވާލެވެ.

މީގެ 7 އަހަރު ކުރިން އަހަންނަކީ އެއްގޮތަކަށްވެސް ދީނަށް މުހިއްމުކަމެއް ދީގެން އުޅުނުމީހެއް ނޫނެވެ. އަހަންނަކީ މާލޭގެ މުއްސަނދި އާއިލާއަކަށް އުފަން މީހެއްކަމުން، އަހަރެން އުޅެބޮޑުވީ ވަރަށްވެސް މިނިވަންކަންމަތީ، ބޭނުން ކޮންމެކަމެއް ކުރަމުންނެވެ. އެއިރު އަހަރެންގެ ދުވަސް ފެށިގެން ނިމިގެން ދަނީ އޮފީހުގައި ބުރަކޮށް މަސައްކަތް ކުރުމުގައްޔާއި، ރައްޓެހިންނާއެކު ކޮފީތަކުގައާއި، ޕާޓީތަކާއި އަދި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުދިންނާއިއެކު މަޖާކުރުމުގައެވެ. ދީނެއް މިއްލަތެއް އަހަންނެއް ނުދަންނަމެވެ. އަދި އަޅުކަމެއް ކުރާކަށްވެސް އަހަރެން ސަމާލުކަމެއް ނުދެމެވެ. އަޅުކަމަކައިގެން އުލެވޭވަރަށްވުރެ އަހަރެންގެ ދުވަހުގެ ޝެޑިއުލް މާ ބިޒީއެވެ. އަހަރެން އުޅޭ ގޮތަކާ އާއިލާގެ އެކަކުވެސް އެކައްޗެއްވެސް ނުބުނެއެވެ، އަދި ނަސޭހަތެއްދީ އަހަރެން އުޅޭގޮތް ހުއްޓުވައެއްވެސް ނުހަދައެވެ. އެމީހުން އަހަންނަށް ނަސޭހަތް ދޭނީ ކިހިނެއްހެއްޔެވެ!!! ޚުދު އެމީހުންވެސް އުޅެނީ ހަމައެހެންނެވެ.

އަހަރެން ޒަވާޖީ ހަޔާތެއް ފެށީ އުމުރުން 25 އަހަރުގައެވެ. އެއީ ވަރަށްވެސް ރީތި ކުއްޖެކެވެ، އަދި އެއީ އަހަރެން މިހާތަނަށް އެންމެ ލޯބިވީ ކުއްޖާއެވެ. އަހަންނާ އޭނާއާ މިޒާޖުގެ ގޮތުން ތަފާތުތަކެއް ހުރި ނަމަވެސް، އަހަރެން އޭނާދެކެ ވަރަށް ލޯބިވިއެވެ. އެއީ އޭނާގެ ރީތިކަމަށްޓަކައެވެ. ކައިވެންޏަށްފަހު ފުރަތަމަކޮޅު އަހަރެމެން ވަރަށްވެސް އުފާވެރިއެވެ. ދެމީހުންވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް މި އުފާވެރިކަމަށް ވީ ކުޑަ ދުވަސްކޮޅެކެވެ. އަހަރެމެންގެ މިޒާޖުގެ ތަފާތުކަން އަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ހުރަސް އަޅަންފެށިއެވެ. އަހަރެމެންގެމެދުގައި އެކިއެކި މައްސަލަތައް ޖެހެންފެށީ އަހަރެން އުޅޭގޮތް އޭނާއަށް ކަމުނުގޮސް، އަހަރެންގެ ދިރިއުޅުމުގެ ބައެއް އާދަކާދަތައް ބަދަލު ކުރުމަށް މަސައްކަތް ކުރަން ފެށުމުންނެވެ. އަހަރެންގެ ރަޙްމަތްތެރިން އޭނާއަކަށް ކަމަކުނުދެއެވެ، އަދި އަހަރެން ރަޙްމަތްތެރިންނާއެކު ކޮފީގައާއި ގޭމްސް ކުޅުމުގައި، އަދި އެހެނިހެން ކަންތައްތަކުގައި މަޖާކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރާތީވެސް އޭނާއަކަށް ކަމަކު ނުދެއެވެ. ރޭގަނޑު ލަހުން ނިދާފައި، ދުވާލު ލަހުން ހޭލާތީ އޭނާއަކަށް ކަމަކު ނުދެއެވެ، އަދި އަންހެންކުދިންނާއެކު ހީސަމާސާކުރުންވެސް އޭނާއަކަށް ކަމަކުނުދެއެވެ. ނަމާދަށް ނުގޮސް ނިދަން އޮންނާތީ، އަދި ހުކުރަށް ނުގޮސް ގޭމް ކުޅެން އިންނާތީ އޭނާއަކަށް ކަމަކު ނުދެއެވެ. ކުރުކޮށް ބުނަންޏާ، އަހަރެން އުޅޭ އެއްވެސް ގޮތެއް އޭނާއަކަށް ކަމަކުނުދެއެވެ.

އަހަރެން ބަދަލު ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަސޭހަތް ދީގެންނެވެ. ރޮއެގެންނެވެ. އަދި ބައެއްފަހަރު ރުޅިއައިސް ޒުވާބުވެސް ކޮށގެންނެވެ. ނަމަވެސް މީގެން އެއްވެސް ވާހަކައެއް އަހަރެންގެ މިނިވަން ސިކުނޑިއަކަށް ނުވިސްނެއެވެ. ކައިވެނީގެ ކުރީކޮޅުގައި އަނބިމީހާދެކެ ވާ ލޯބިން، އޭނާ އެދޭގޮތަށް އުޅެވޭތޯވެސް އަހަރެން ބެލީމެވެ، ނަމަވެސް، އޭނާ އެދޭގޮތަށް އަހަރެންގެ ދިރިއުޅުން ބައްޓަން ކުރުން އަހަންނަށްވީ ވަރަށްވެސް ބުރަ ކަމަކަށެވެ. އަހަންނަކީ މިނިވަންކޮށް އަހަރެން ބޭނުންގޮތަކަށް އުޅެން އާދަވެފައިހުރި މީހެކެވެ، އަދި އަހަރެން އުޅޭ ގޮތާއި އެހެން މީހަކު އެއްޗެއް ބުނުމަކީ އަހަންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ޚުދު އަހަރެންގެ އަނބިމީހާ ކަމުގައި ވި ނަމަވެސްއެވެ. އަހަންނަށް އަހަރެންގެ މިނިވަން ދިރިއުޅުން މާ ރަނގަޅެވެ. އެހެންކަމުން އަހަރެންގެ ދިރިއުޅުން ބަދަލުކުރުމަށް، އަހަރެން އިސްލާޙުކޮށް ރަނގަޅު މުސްލިމަކަށް ހެދުމަށް އަހަރެންގެ އަނބިމީހާ ދެމުންދިޔަ ނަސޭހަތްތައް އަހަންނަށްވީ ބޮލުގަ ރިހުމަކަށެވެ. އެވާހަކަތަކަކީ އަހަރެން އަޑުއަހަން ބޭނުން ވާހަކަތަކެއް ނޫނެވެ. ކައިވެންޏަށް 3 އަހަރު ވުމަށްފަހު އަހަރެމެން ކައިވެނި ރޫޅާލީ ދެމީހުންކުރެ އެކަކަށްވެސް އެކަކު އަނެކަކާއެކު ދެން އިތުރަށް ކެއްނުކުރެވިގެންނެވެ. އެއިރު އަހަރެމެންގެ 1 އަހަރުގެ ތުއްތު ދަރިފުޅެއް އޮތެވެ.

ކައިވެނި ރޫޅުމުން އޭނާ ދިޔައީ ދަރިފުޅު ގޮވައިގެން އޭނާގެ މައިންބަފައިން ކައިރިއަށް އޭނާގެ ރަށަށެވެ. އަދި އަހަރެން ދިޔައީ ވަޒީފާ އަދާކުރުމަށް ރިސޯޓަކަށެވެ.  އަދި އެރިސޯޓުގައި މަސައްކަތްކުރާ ޔޫރަޕު އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. އޭނާއަކީ މުސްލިމެއްވެސް ނޫނެވެ. އަހަރެންގެ ދިރިއުޅުން އަނެއްކާވެސް ކުރީގެ މިނިވަންކަމަށް ރުޖޫޢަވީއެވެ. ހުއްޓުވާނެ މީހެއް، ހިތްހަމަ ނުޖެހިގެން އެއްޗެއްބުނާނެ ހަމަ އެކަކުވެސް ނެތެވެ.

އަހަރެންގެ ދިރިއުޅުން ކޮންމެ ގޮތަކަށް ހުރިނަމަވެސް، އަހަރެންގެ ދަރިފުޅުދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އަދި އެދަރިފުޅަށްޓަކައި ކޮށްދޭންޖެހޭ އެއްވެސް ކަމަކުން އުންޏެއް ނުކުރަމެވެ. ކޮންމެ މަހަކު ދޭންޖެހޭ ޚަރަދުގެ އިތުރުން އޭނާއަށް ބޭނުންވާނޭ ތަކެތި ހޯދުމާއި، އަދި ހަދިޔާހޯދުމަކީ އަހަރެން ވަރަށްލޯބިން، ކޮށްދޭ ހިތުން ކޮށްދިން ކަންތަކެވެ. ދަރިފުޅަށްޓަކައި އަހަރެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ޚަރަދު ކޮށްލަން ޖެހުނަސް، އަހަރެން އެކަމަކަށްވެސް ފަހެއް ނުޖެހެމެވެ. ރިސޯޓުން އަހަންނަށް ޗުއްޓީގެ ގޮތުގައި ލިބެނީ ކޮންމެ މަހަކުވެސް އެންމެ 4 ދުވަހެވެ. މި 4 ދުވަސް އަހަރެން ހޭދަކުރަނީ އަހަރެންގެ ދަރިފުޅާއެކުއެވެ. ކޮންމެމަހަކު އެއްފަހަރު އަހަރެން ދަރިފުޅުކައިރިއަށް ގޮސް އޭނާއާއެކު ހޭދަކުރާ ވަގުތުތަކަކީ އަހަރެންގެ ޙަޔާރުގެ އެންމެ އުފާވެރި ވަގުތުތަކެވެ.

ދަރިފުޅު ބޮޑުވަމުންއައީ އޭނާގެ މަންމަގެ ކައިރީގައިކަމުން، އޭނާއަށް ލިބެމުންއައީ އަހަންނާ ޚިލާފަށް އިސްލާމީ ރިވެތި ތަރުބިއްޔަތެކެވެ. މިގޮތުން ކާފައާއެކު މިސްކިތަށް ނަމާދައް ދިއުމަކީ އޭނާ ވަރަށްވެސް ކުރާހިތްވާ ކަމެކެވެ.  އުމުރުން 4 އަހަރުވިއިރު އަހރެން އޭނާކައިރިއަށް އެރަށަށްދާ ކޮންމެ ދުވަހަކު އަހަންނާއެކު ނަމާދަށް މިސްކިތައް ދިއުމަށް އެދެއެވެ. އަހަރެން އެންމެފުރަތަމަ އިންކާރު ކުރުމުން ހުއްޓާލަނީއެވެ. ނަމަވެސް ފަހުން އަހަރެން އިންކާރު ކުރުމުން އެކަމާދެރަވެއެވެ، އަދި ބޮޑާހާކައި ރޮއެވެސް ހަދައެވެ. އަހަރެންގެ ދަރިފުޅު ދެރަކުރުމަކީ އަހަންނަށް ކުރެވޭނޭ ކަމެއްނޫނެވެ. އަދި އެ ދަރިފުޅު ރޯތަން ދުށުމަކީވެސް އަހަންނަށް ކެތްކުރެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން، އެއްޗެއް ނޭނގޭ ހާލުގައިވެސް އަހަރެން ދަރިފުޅާއެކު މިސްކިތައް ދާން އެއްބަސްވީމެވެ. ނަމާދަށް މިސްކިތައް ދިއުމަށް އެއްބަސް ވުމުން ތުއްތު ދަރިފުޅުގެ މޫނުމަތިން ފެނުނު އުފާވެރިކަމަކީ އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނޭ މަންޒަރެއް ނޫނެވެ. އެދުވަހު އޭނާ އުފަލުން އަހަރެންގެ ކައިރިން ދުރަށްވެސް ނުދެއެވެ. އަދި އަހަރެން ޚިޔާލު ބަދަލުކޮށް މިސްކިތައް ނުގޮއްސާނެތީ އަހަރެންގެ އަތުން ދޫވެސް ނުކުރެއެވެ. މަގުމަތީގައި ހިނގާފައި ދިޔައިރުވެސް އޭނާގެ ވާހަކަތަށް ހުހެއްނުވެއެވެ. އެންމެފަހުން ބައްޕީއާއެކު މިސްކިތައް ދެވޭތީ އޭނާއަށް ލިބިފައިވީ ބަޔާންކޮއްދެވޭވަރަށްވުރެ ބޮޑު އުފާވެރިކަމެކެވެ.

އަހަންނަކީ ނަމާދު ކޮށްގެން ބޮޑުވި މީހެއް ނޫނެވެ. އެހެންކަމުން އަހަންނަށް ނަމާދުގައި ކިޔާ އެއްވެސް އެއްޗެއް ނޭނގެއެވެ. އެދުވަހު އަހަރެންކުރީ ހަމައެކަނި ނަމާދުގެ ހަރަކާތްތަކެވެ. އެދުވަހަށްފަހު ނަމާދުގަޑި ޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ ދަރިފުޅު އަހަރެންގާތުން އޭނާ ގޮވައިގެން މިސްކިތަށް ދިއުމަށް އެދެއެވެ. އަހަރެން އެކިއެކި ބަހަނާ ހަދައި ވަރަށް ގިނަފަހަރު އިންކާރު ކުރަމެވެ. “ބައްޕީ މިއޮތީ ބޮލުގައި ރިއްސާތީއެވެ….. ބައްޕީ ވަރުބަލި ވެފައެވެ…….. މިއަދުދެން ގޭގައި ނަމާދު ކޮށްލާށެވ…….ކުޑަކުދިން މިސްކިތަށް ނުދިޔަޔަސް ރަނގަޅުވާނެއެވެ….މިސްކިތަށް އެހާދުރަށް ދިޔައީމަ ވަރުބަލި ވާނެވެއެވެ…” ނަމަވެސް، މީގެން އެއްވެސް ބަހަނާއެއް އޭނާ ޤަބޫލެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ އޭނާގެ ލޯބިވާ ބައްޕީގެ އަތުގައި ހިފައިގެން މިސްކިތަށް ނަމާދަށް ދާށެވެ. އަދި ދަރިފުޅުދެކެ ވާ ލޯބީގެ ބޮޑުކަމުން، އޭނާގެ އެދުމަށް އިންކާރުކުރާނޭ ބާރެއް އަހަރެންގެ ނެތެވެ. މިގޮތުން އަހަރެން ދަރިފުޅުކައިރިއަށް ދާ ކޮންމެ  ފަހަރަކު ޤަވާދުން ކޮންމެ ނަމާދަކަށް ދަރިފުޅުގޮވައިގެން މިސްކިތަށް ދިއުމަކީ އާދައަކަށް ހެދީމެވެ.

ކޮންމެ ނަމާދު ވަގުތެއްގައި މިސްކިތައް ކުރާ ދަތުރަކީ ކިތަންމެ ކުރު ދަތުރެއްނަމަވެސް، އެއީ ދަރިފުޅުގެ ސުވާލުތަކުން ފުރިގެންވާ ދަތުރެކެވެ. “މާތް ﷲ ވަނީ ކޮންތާކުހެއްޔެވެ؟ މާތް ﷲ އެންމެ ލޯބިވާނީ ކޮއްކޮ ކީއް ކުރީމަހެއްޔެވެ؟ ކޮއްކޮ މިއަދު ޤުރުއާން ކިޔެވީމެވެ، އެހެންވީމަ މާތް ﷲ ކޮއްކޮދެކެ ލޯބިވާނެ ހެއްޔެވެ. ސުވަރުގެ ހުރީ ކޮންތާކު ހެއްޔެވެ؟ ނަރަކައަށް ދަނީ ކޮން ބައެއް ހެއްޔެވެ؟ ސުވަރުގޭގައި ބައިވަރު ޓްރީސްއާ، ފްލަވާރސް އާ ހުންނާނެހެއްޔެވެ؟ ބަޓަފްލައިސް ވެސް ހުންނާނެހެއްޔެވެ؟ ސުވަރުގޭގައި ބައިވަރު މީރު ކާއެއްޗެހި ހުންނާނެ ހެއްޔެވެ؟ ޗޮކުލެޓުވެސް ހުންނާނެހެއްޔެވެ؟ ” ދަރިފުޅުގެ މިފަދަ މައުސޫމު އެތައް ސުވާލަކީ އަހަންނަށް ޖަވާބު ދޭން ނޭނގޭ ސުވާލު ތަކެއްކަމުގައި ވިނަމަވެސް، އަހަރެން އޭނާ ކުރާ ސުވާލުތަކާއި ދައްކާ ވާހަކަތައް ކަނުލާ އަޑުއަހަނީ ވަރަށްވެސް ޝައުޤުވެރިކަމާއެކުއެވެ. އަދި އަހަންނަށް ޖަވާބު ދޭން އެނގުނު މިންވަރަކުން އެނގުނު ގޮތަކަށް ޖަވާބުވެސް ދެމެވެ. މިގޮތުން އެއްދުވަހު އަހަރެންގެ އަތުގައި ހިފައިގެން މިސްކިތައް ދަމުން އޭނާ އަހަރެން ގާތު ބުންޏެވެ “ބައްޕީ….ބަސްއަހާ ކުދިން މަގުމަތީގައި ހިނގާނީ ބޮޑުކުދިންގެ އަތުގަ ހިފައިގެންދޯ!” އަހަރެން ބުނީމެވެ “އާއެކެވެ. ކުޑަކުދިން އެކަނި މަގުމަތީގައި ނުހިނގާނެއެވެ” ދަރިފުޅު އަނެއްކާވެސް ބުންޏެވެ. “އެހެންވިއްޔާ ކޮއްކޮ މީ ބަސްއަހާ ކުއްޖެއް ދޯ!” އަހަރެން ބުނީމެވެ.”އާއެކެވެ. ދަރިފުޅަކީ ވަރަށް ބަސްއަހާ ގުޑް ކުއްޖެކެވެ” ދަރިފުޅު އަނެއްކާވެސް ބުންޏެވެ “ބައްޕީ….ބަސްއަހާ ކުދިން ދާނީ ސުވަރުގެއަށްދޯ!” އަހަރެން އަނެއްކާވެސް އާއެކޭ ބުނީމެވެ. އާއެކޭ ބުނުމާއެކު އޭނާ ސުވާލު ކޮއްލިއެވެ “ބައްޕީ….ކޮއްކޮ ބަސްއަހައިގެން އުޅުނީމަ ޤިޔާމަތް ދުވަހުން މިގޮތަށް ބައްޕީގެ އަތުގަ ހިފައިގެން ގޮސް ސުވަރުގެއަށް ވަދެވޭނެތަ؟”

އަހަރެންގެ ބަސް ހުއްޓުނެވެ. ހުރިތަނަށް ގަނޑުވިކަހަލައެވެ. އަހަންނަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެންމެ ފުރަތަމަވެސް ހިތައް އެރީ “އަހަންނަށް ސުވަރުގެއަށް ދެވޭނެބާއެވެ! އަހަންނަކީ ހުސް ފާފަ ކުރާ މީހެކެވެ.”

ދަރިފުޅުގެ އެ ސުވާލަކީ އަހަންނަށް ބުނެދޭން ނޭނގޭކަހަލަ އަސަރުތަކެއް ކުރުވި ސުވާލެކެވެ. އެއީ އަހަރެންގެ އަމަލުތަކާމެދު ވިސްނައި، އަމިއްލަ ނަފްސު ހިސާބުކުރުމަށް މަޖުބޫރު ކުރުވި ސުވާލެކެވެ. އަހަރެންގެ ދަރިފުޅު ބޭނުންވަނީ އަހަރެންގެ އަތުގައި ހިފައިގެން އަހަންނާއެކު ސުވަރުގެއަށް ވަންނާށެވެ. ނަމަވެސް އަހަންނަކީ ބޮޑުވެގެންވާ ފާފަ އެއްވެސް ބިރެއް ޖެހިލުމެއްނެތި ކުރާމީހެކެވެ. ދެން އަހަންނަށް އަހަރެންގެ ދަރިފުޅުގެ އަތުގައި ހިފައިގެން ސުވަރުގެއަށް ވަދެވޭނީ ކިހިނެއްހެއްޔެވެ! އަހަންނަކީ އަހަރެންގެ ދަރިފުޅު ހީކުރާކަހަލަ ރަނގަޅު މީހެއް ނޫނެވެ. ދުނިޔެމަތީގައި އަހަރެންގެ ދަރިފުޅު އެދުނު ކޮންމެކަމެއް އަހަރެން ފުރިހަމަ ކޮށްދެމެވެ، އެހެނަސް ދަރިފުޅުގެ މި އެދުން އަހަރެން ފުރިމަ ކޮށްދޭނީ ކިހިނެއްހެއްޔެވެ. އަހަންނަށް އަހަރެންގެ ދަރިފުޅުގެ އަތުގައި ހިފައިގެން ސުވަރުގެއަށް ދެވޭނެބާއެވެ! ދަރިފުޅުގެ އެ މައުސޫމް ސުވާލުން އަހަންނަށް އެ ހާމަކޮށްދިނީ ދަރިފުޅު ބޭނުންވާ ގޮތެވެ، ދަރިފުޅުގެ އުންމީދެވެ، އަހަންނަށް އެ އުންމީދު ފުރިހަމަ ކޮށްދެވޭނެބާއެވެ!

އެދުވަހު ނަމާދު ކުރިއިރުވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މި ސުވާލުތަކެވެ. އުމުރުގައި ފުރަތަމަ ފަހަރަށް އަހަރެންގެ ޢަމަލުތަކާމެދު ވިސްނައި ފިކުރު ކުރީ އެދުވަހުއެވެ، އަދި އަހަރެން އުޅެމުންއައީ ރަނގަޅަށް ނޫންކަން އަމިއްލައަށް ޤަބޫލުކުރީވެސް އެދުވަހުއެވެ. އަހަރެން އެދުވަހު ޢަޒުމް ކަނޑައެޅީމެވެ….. އަހަރެންގެ ދަރިފުޅު ބޭނުންވާފަދަ ސާލިޙް ނަމޫނާ ބައްޕައަކަށް އަހަރެން ވާނަމެވެ، މި ފާފައިން ފުރިގެންވާ ދިރިއުޅުމުން އަހަރެން ނިކުމެ، ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވިމަގުން ހިނގާ، އަދި އެކަލާނގެ ނަހީ ކުރެއްވި ކަންތަކުން އަހަރެން ދުރުހެލި ވާނަމެވެ. ސުވަރުގެ ހޯދުމަށްޓަކައި މި ދުނިޔެމަތީގައި އަހަންނަށް ކޮންމެއެއްޗެއް ޤުރުބާން ކުރަން ޖެހުނު ކަމުގައިވިޔަސް އެންމެ ރަނގަޅެވެ، އަހަރެން ކުރާނަމެވެ.

މަޑުމަޑުން އަހަރެންގެ ދިރިއުޅުން ބަދަލުކުރަން ފެށީމެވެ. ދަރިފުޅާއި ދުރުގައި ހުއްޓަސް، މިސްކިތައް ނަމާދަށް ދިއުމަކީ އާދައެއްކަމުގައި ހެދީމެވެ، އަދި ލޯބީގެގޮތުން ގުޅިގެން އުޅުނު ކުއްޖާއާވެސް ވަކިވެ، ރިސޯޓުގެ ވަޒީފާވެސް ދޫކޮށްލީމެވެ. އަހަރެން ރައްޓެހިންނާއެކު ކޮފީގައާއި އެހެނިހެން ކުޅިވަރުތަކުގައި ހޭދަކުރާ ވަގުތުތައް މަދުކޮށް، ދީނީ މަޢުލޫމާތު ހޯދުމުގައި ވަގުތު ހޭދަކުން ފެށީމެވެ، އަދި ދަރުސްތަކަށްވެސް ދާން ފެށީމެވެ. މިއަދު އަހަރެންގެ ދިރިއުޅުން މިވަނީ މުޅިން ބަދަލުވެފައެވެ. ތެދެކެވެ، އަހަރެން ނަމާދުކުރަން ފެށީ ދަރިފުޅު ހިތްހަމަޖައްސައި ދޭށެވެ. ދަރިފުޅުދެކެ ލޯބިންނެވެ. ނަމަވެސް މިހާރު، އަހަރެން ނަމާދުކޮށް ﷲ އެންގެވި ގޮތަށް އުޅެނީ ﷲ ތަޢާލާދެކެ ލޯބިންނެވެ. އަދި އެކަލާނގެ ލޯތްބާއި ރުއްސުންލެއްވުމަށް ދަހިވެތި ވެގެންނެވެ. ސުވަރުގެއަށް ދަހިވެތިވެގެންނެވެ. އަހަރެން ކަހަލަ ކިތަށް ޒުވާނުން މިގޮތަށް ކުޅިވަރާއި މަޖަލުގައި ހަޔާތުގެ ދުވަސްތަށް ބޭކާރުކޮށްލާނެތޯއެވެ! އަހަރެމެން ދުނިޔެއަށް ފޮނުއްވި އަސްލު މަޤަސަދު އޮޅި، ދުނިޔެއަކީ ހަމައެކަނި އުފަލާ މަޖަލުގެ މައިދާނަކަށް ހަދައި، އެއްވެސް ބިރެއް ލަދުވެތިކަމެއް އަދި ޖެހިލުމެއްނެތި ބޮޑުވެގެންވާ ފާފަތަކަށް އަރައިގަންނަ އެތައް ޒުވާނުންނެއް އުޅޭނެއެވެ. އޭ އަޚުންނޭވެ. އުފާވެރިކަމަކީ ރައްޓެހިންނާއެކު ޖީބުން އެތައް ފައިސާއެއް ޚަރަދުކޮށްގެން ކޮފީބުއިމެއް ނޫނެވެ. އަދި އުފާވެރިކަމަކީ ރީތި ކުއްޖަކު ގޮވައިގެން ސައިކަލުގައި ބުރުޖެހުމެއްވެސް ނޫނެވެ. ފައިސާއަކީ ހުސްވާއެއްޗެކެވެ، ރީތި ކުދިންނަކީ މުސްކުޅިވާނެ ބައިކެވެ. ނަމަވެސް ސުވަރުގެއަކީ ދާއިމީ ތަނެކެވެ. އުފާވެރިކަމަކީ ސުވަރުގެ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. އަހަރެން ސުވަރުގެ ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާނަމެވެ. އަދި އިންޝާﷲ އަހަރެން ސުވަރުގެއަށް ވަންނާނީ އަހަރެންގެ ލޯބިވާ ދަރިފުޅުގެ އަތުގައި ހިފައިގެންނެވެ. ލޯބިވާ ދަރިފުޅާއެވެ. މައިންބަފައިންނަކީ ދަރިންގެ އަތުގައި ހިފައިގެން އެކުދިންނަށް ހިނގަންވީ މަގު ދައްކައިދޭ ބައެކެވެ. ނަމަވެސް، ބައްޕަގެ އަތުގައި ހިފައި، ބައްޕައަށް ތެދު މަގު ދައްކުވައިދިނީ ދަރިފުޅެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.