ޕާޓީގެ މައްސަލަތައް ޙައްލުކުރުމަށް މައުމޫން އާއި ޔާމީން ބައްދަލު ކުރައްވަނީ..
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތެރޭގައި އުފެދިފައިވާ ހަމަ ނުޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް އެމައްސަލަތައް ޙައްލުކުރުމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ.
ސަރުކާރު ހިންގަމުންދާ ޕާޓީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިވަގުތު ޕީޕީއެމް ތެރޭގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދުމަށް ޕީޕީއެމް ޕީޖީ އިސްނަންގަވައިގެން ރައީސް ޔާމީން އާއި ރައީސް މައުމޫން ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައިމިވަނީ އެ މައްސަލަތަށް ޙައްލު ނުކުރެވިއްޖެ ނަމަ، އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު އެ ޕާޓީއަށް ކާމިޔާބު ކުރަން ދަތިވާނެ ކަމަށް ރައީސް ޔާމީން ދާދިފަހުން ވިދާޅުވެފައި ވަނިކޮންނެވެ.
އެ މައްސަލަތަކުގެ ސަބަބުން ރައީސް ޔާމީނާއި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ މެދުގައިވެސް ޙިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ އިރު، ކައުންސިލް ބައްދަލު ވުމެއް ޕީޕީއެމްގައި ނުބާއްވާތާވެސް ގިނަދުވަސްތަކެއް ވަނީ ވެފައެވެ.