އަޢޫޛު (الاستعاذة) 2

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް 25 ސެޕްޓެންބަރު 2016 އާ ގުޅޭ..

އާފުރޭ ވަގުތުގައި އަޢޫޛު ކިޔުން.

އާފުރޭ ވަގުތުގައި އަޢޫޛު ކިޔުމަށް އެއްވެސް ދަލީލެއް އައިސްފައި ނުވެއެވެ. އެހެންނަމަވެސް ވާރިދުވެގެންވަނީ އެވަގުތުގައި އަނގަމަތި ބަންދު ކުރެވެން އޮތް ގޮތަކުން ބަންދު ކުރުމެވެ. އަނގަމަތީ އަޅާނެ އެއްޗެއް ނުލިބިއްޖެނަމަ އަތް އަޅައިގެން ނަމަވެސް އަނގަ ބަންދު ކުރުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވާ ގޮތަކީ މިއީ އެވެ. އާފުރޭ ވަގުތުގައި އަޢޫޛު ކިޔުމަށް އިރްޝާދު ދެއްވާފައެއް ނެތެވެ.

އިޝްތިހާރު Below Header ad

ފަހަރެއްގައި ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. ސޫރަތުލް އަޢްރާފްގެ 200 ވަނަ އާޔަތުގައި ﷲ ވަނީ ޝައިޠާނާގެ ކިބައިން ދުރުހެލިވުމަށް ޓަކައި އަޢޫޛު ކިޔުމަށް އަމުރު ކުރައްވާފައެވެ. (وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۚ إِنَّهُ سَمِيعٌ عَلِيمٌ   ) މާނައަކީ: “އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ” އާފުރުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެއް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

މީގެ ޖަވާބުގައި ބުނަން އޮތީ: މި އާޔަތުގައި މިވާ “ޝައިޠާނާގެ ވަސްވާސްތެރި ކަމުގެ” މުރާދަކީ އިންސާނާ ލައްވާ ނުބައި ކަމެއް ކުރުވުމަށް ޝައިޠާނާ މަސައްކަތް ކުރުމެވެ. އެގޮތުން ވާޖިބު ކަމެއް ނުކޮށް ދޫކޮށްލުވުން، ނުވަތަ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަތުވުން ފަދަ ކަމެކެވެ. މިފަދަ ކަމެއް އިންސާނާ އަށް އިޙްސާސް ކުރެވޭ ހިނދުގައި ޝައިޠާނާގެ ކިބައިން ދުރު ކުރެއްވުމަށް އެދި އަޢޫޛު ކިޔާނީއެވެ. އާފުރޭ ވަގުތު ކަންކުރަންވީ ގޮތް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދަސްކޮށް ދެއްވާފައެވެ. އެވަގުތު އަޢޫޛު ކިޔުމަށް އަންގަވާފައެއް ނުވެއެވެ.

ސަޢޫދީގެ “އައްލަޖްނަތުއް ދާއިމާ ލިލްއިފްތާއި” އިން ނެރުއްވި ފަތްވާ އެއްގައި ވެއެވެ.

“ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް އާފުރޭ ވަގުތުގައި އަޢޫޛު ކިޔަން ދަލީލެއް އޮތް ކަމެއް ތިމަންމެންނަށް އެނގިފައެއް ނުވެއެވެ.”  މިފަތުވާ ނެރުއްވި ބޭފުޅުންނަކީ އައްޝައިޚް ޢަބްދުލް ޢަޒީބް ބިން ބާޒް، އައްޝައިޚް ޢަބްދުއް ރައްޒާގް ޢަފީފީ، އައްޝައިޚް ޢަބްދުﷲ ޣުދައްޔާން، އައިޝައިޚް ޢަބްދުﷲ ބިން ގުޢޫދު އެވެ. (ފަތާވާ އައްލަޖްނަތުއް ދާއިމާ 6/383.)

އާޔަތަކުން އިސްތިދްލާލު ކުރާ އިރުގައި އިސްތިޢާޛާ ކިޔަން ޖެހޭނެތޯ؟

ގުރްއާން ކިޔަވަން ފަށާއިއިރު އަޢޫޛު ކިޔުމަށް އަންގަވާފައިވެއެވެ. ސޫރަތުއް ނަޙްލުގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَإِذَا قَرَ‌أْتَ الْقُرْ‌آنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّ‌جِيمِ ﴿٩٨﴾) މާނައަކީ: “ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!” ސޫރަތެއް ފަށޭތަނުން ކިޔެވުން ފަށާނަމަ އައޫޛު އާއި ބިސްމި ކިޔާނީއެވެ. އަދި ސޫރަތެއްގެ މެދުތެރެއިން ކިޔަވަން ފަށާނަމަ ހަމައެކަނި އަޢޫޛު ކިޔާނީއެވެ. ބިސްމި ކީ ނަމަވެސް މައްސަލަ އެއް ނެތެވެ.

ވާހަކަ އެއް ދެއްކުމުގެ ތެރޭގައި ހެކި ދެއްކުމުގެ ގޮތުން ނުވަތަ ކަމެއްގެ ދަލީލު ބަޔާން ކޮށްދިނުމުގެ ގޮތުން ގުރްއާނުގެ އާޔަތެއް ކިޔާ ހިނދު އަޢޫޛު ކިޔާކަށް ނުޖެހެއެވެ.

ޙިމާރު ނުވަތަ ކުއްތާ ގޮވާ އަޑު އިވުމުން އަޢޫޛު ކިޔުން:

ޙިމާރަށް ޝައިޠާނާ ފެންނާނެ ކަމަށާއި، ޙިމާރު ހަޅޭއްލަވައިގަންނަނީ ޝައިޠާނާ ފެނިގެން ކަމަށް ޙަދީޘް ގައި ވާރިދުވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ ؛ فَإِنَّهَا رَأَتْ مَلَكًا ، وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنْ الشَّيْطَانِ ، فَإِنَّهُ رَأَى شَيْطَانًا) رواه البخاري (3303) ومسلم (2729)  މާނައަކީ: “ހާ ގޮވާ އަޑު އިވިއްޖެނަމަ، ﷲ ގެ ފަޟްލަވަންތަކަމަށް އެދި ދަންނަވާށެވެ. ހަމަކަށަވަރުން އެސޮރު އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ. އަދި ޙިމާރު ހަޅޭއްލަވާ އަޑު އިވިއްޖެނަމަ ޝައިޠާނާގެ ކިބައިން ސަލާމަތް ވުމަށް އެދި ދުޢާ ކުރާށެވެ. އެސޮރަށް ޝައިޠާނާ ފެނުނީއެވެ.”

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا سَمِعْتُمْ نُبَاحَ الْكِلَابِ وَنَهِيقَ الْحُمُرِ بِاللَّيْلِ فَتَعَوَّذُوا بِاللَّهِ ، فَإِنَّهُنَّ يَرَيْنَ مَا لَا تَرَوْنَ) رواه أبو داود (5103) މާނައަކީ: “ރޭގަނޑު ވަގުތެއްގައި ކުއްތާ އެއް ނުވަތަ ޙިމާރެއް ގޮވާ އަޑު އިވިއްޖެނަމަ އަޢޫޛު ބިﷲ މިނައްޝައިޠާނިއްރަޖީމް ކިޔާށެވެ. ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި އެސޮރުމެންނަށް ފެނެއެވެ.”

މި ޙަދީޘްގައި ރޭގަނޑުގެ ވަގުތުގައި ކުއްތާ އާއި ޙިމާރު ގޮވާ އަޑު އިވިއްޖެނަމަ އަޢޫޛު ކިޔުމަށް ކުރައްވާފައިވާ އަމުރު ދުވާލު ގަޑި އަށްވެސް ވެއެވެ. ޙަދީޘްގައި ރޭގަނޑުގެ ވަގުތު ޚާއްޞަ ކުރައްވާފައިވަނީ އެވަގުތަކީ ޝައިޠާނުންތައް ބޮޑަށް ފެތުރިގަންނަ ވަގުތު ކަމަށްވާތީވެއެވެ.

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.