ފާތިޙާ ސޫރަތް (سورة الفاتحة) 6

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 6 އޮކްޓޯބަރު 2016 އާ ގުޅޭ..

ގުރްއާން ޚަތިމް ކޮށް ނިންމުމަށް ފަހުގައި ސޫރަތުލް ފާތިޙާ އިން އަލުން ފަށަން ޖެހޭތޯ؟

ވަރަށް ގިނަބަޔަކު ޚަތިމް ކުރުމަށްފަހު އަލުން ޚަތިމް ފަށާފައި މެނުވީ ނުބާއްވައެވެ. އެގޮތުން ޚަތިމް ކޮށް ނިންމުމަށްފަހު ސޫރަތުލް ފާތިޙާ އާއި ސޫރަތުލް ބަގަރާގެ ފުރަތަމަ ފަސް އާޔަތް ކިޔަވައެވެ. މި މައްސަލާގައި ޢިލްމުވެރިން ދެގޮތަކަށް ވާހަކަ ދައްކަވާފައިވެއެވެ.

އިޝްތިހާރު Below Header ad

ފުރަތަމަ ގޮތް: އެގޮތަށް ކަންތައް ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވިދާޅުވުން. މިބޭފުޅުންގެ ދަލީލުތައް:

  1. މާތް ﷲ ރުއްސުންލެއްވި އުބައްޔު ބިން ކަޢްބި ވިދާޅުވިއެވެ. (أَنَّهُ كَانَ إِذَا قَرَأَ قُلْ أَعُوذُ بِرَبِّ النَّاسِ . افْتَتَحَ مِنَ الْحَمْدِ ثُمَّ قَرَأَ الْبَقَرَةَ إِلَى وَأُولَئِكَ هُمُ الْمُفْلِحُونَ سورة البقرة آية 5 . ثُمَّ دَعَا بِدُعَاءِ الْخَتْمِ ، ثم قام ) رواه الدارمي މާނައަކީ: “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނާސި ސޫރަތް ކިޔަވާ ވިދާޅުވެއްޖެނަމަ އަލްޙަމްދު އިން ފައްޓަވައެވެ. އެއަށް ފަހު ސޫރަތުލް ބަގަރާގެ 5 ވަނަ އާޔަތް ކަމުގައިވާ (وَأُولَئِكَ هُمُ الْمُفْلِحُونَ  ) އާއި ހަމައަށް ކިޔަވާ ވިދާޅުވެއެވެ. ދެން ޚަތިމް ދުޢާ ކިޔުއްވައެވެ. އެއަށް ފަހު ކޮޅަށް ތެދުވެވަޑައިގަންނަވައެވެ.”
  2. މި ރިވާޔަތާއި ބެހޭ ގޮތުން އައްޝައިޚް އަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މި ރިވާޔަތުގެ ސަނަދަކީ ބަލިކަށި ސަނަދެކެވެ. އެހެންކަމުން މި ރިވާޔަތަކީ ޟަޢީފް ދަލޅު ނުނެގޭ ފަދަ ރިވާޔަތެކެވެ.
  3. ސަލަފުއް ޞާލީޙުންގެ ފަރާތްޕުޅުން އެބޭފުޅުން ޚަތިމް ކުރައްވައިފިނަމަ އަލުން ޚަތިމް ފައްޓަވާފައި މެނުވީ ހުއްޓަވާ ނުލައްވާ ކަމަށް ވާރިދުވެފައިވުން. މިފަދައިން ސަލަފުންގެ ގިނަ ބޭފުޅުން ޢަމަލު ކުރައްވާފައިވާކަން ދޭހަވާން އެބަ އޮތެވެ.
  4. އިބްނުލް ޖަޒަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. ޞައްޙަ ސަނަދަކުން އަބޫ ޢަމްރުއްދާނީ އަލްއަޢްމަޝް އިބްރާހީމް އައްނަޚަޢީގެ ކިބައިން ރިވާ ކުރައްވައެވެ. “އެބޭފުޅުން ޚަތިމް ކުރައްވައިފިނަމަ މުޞްޙަފްގެ ކުރީކޮޅުން އާޔަތްތަކެއް ކިޔަވާ ވިދާޅުވުމަށް ލޯބި ކުރައްވައެވެ.” (އައްނަޝްރު ޞ 703.)
  5. މުސްލިމުންގެ ތެރެއިން ގިނަބަޔަކު މިސުންނަތުގައި ހިފާފައިވާ ކަން.
  6. އިބްނުލް ޖަޒަރީ ރަޙިމހުﷲ ވިދާޅުވިއެވެ. އިބްނު ކަޘީރު އާއި ގިނަ ގާރީވެރިން ޚަތިމް ކުރައްވައިފިނަމަ އަލުން ނުފައްޓަވާ ނުބާއްވަވައެވެ. އެއީ ޚަތިމް ކުރުމުގެ ނިޔަތުގައި ފަހު ކޮޅު ކިޔެވިނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ.” (އައްނަޝްރު ޞ 694.)

ދެވަނަ ގައުލު: އެއީ ރަގަޅު ކަމެއް ނޫން ކަމަށް ވިދާޅުވާ ބޭފުޅުން. މިއީ އިމާމް އަޙްމަދު ރަޙިމަހުﷲ ގެ ރައުޔެވެ.

ދަލީލަކީ:

  1. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މިފަދަ ކަމެއް ވާރިދުވެފައި ނުވާކަން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ އަހަރަކު އެއްފަހަރު ޖިބްރީލް ޢަލައިހިއްސަލާމް އާއި އެކު ގުރްއާން މުދާރަސާ ކުރައްވައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި އަހަރުގައި ދެފަހަރަށް ގުރްއާން މުދާރަސާ ކުރެއްވިއެވެ. ޚަތިމް ނިންމެވުމަށް ފަހުގައި އަލުން ފައްޓަވާ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައި ނުވެއެވެ.
  2. އިބްނު ގުދާމާ ރަޙިމަހުﷲ ވިދާޅުވިއެވެ. އިމާމް އަޙްމަދު- ރަޙިމަހުﷲ- އަށް ދެންނެވުނެވެ. ނާސި “ސޫރަތް ކިޔަވައިފިނަމަ ސޫރަތުލް ބަގަރާ އިން މިންވަރެއް ކިޔަވަން ޖެހޭނެ ހެއްޔެވެ؟” އިމާމް އަޙްމަދު ރަޙިމަހުﷲ- ޖަވާބުގައި ވިދާޅުވިއެވެ. “ނޫނެކެވެ.” މިއިން ދޭހަކޮށްދެނީ ގުރްއާން ޚަތިމް ކޮށް ނިމިގެން ބަގަރާ ސޫރަތުން ފަށާފައި މެނުވީ ނިންމައިގެން ނުވާނެ ކަމަށް އެއްވެސް ޞައްޙަ އަޘަރެއް އިމާމް އަޙްމަދު އާއި ހަމައަށް އައިސްފައި ނުވާ ކަމެވެ. (އަލްމުޣްނީ 1/838.)
  3. އަލްއާމިއްދީ- ރަޙިމަހުﷲ ވިދާޅުވިއެވެ. “ޚަތިމް ދުޢާ ކިޔުމުގެ ކުރިން ސޫރަތުލް ފާތިޙާވެސް އަދި ބަގަރާ ސޫރަތުން ބަޔެއް ކިޔަން ނުޖެހެއެވެ.” (އަލްފުރޫޢު 1/554.)
  4. އިބްނުލް މުފްލިޙް ރަޙިމަހުﷲ- ވިދާޅުވިއެވެ. “ސޫރަތުއް ނާސި ނިމުނީމާ އިތުރަށް ފާތިޙާ ސޫރަތާއި ބަގަރާ ސޫރަތުގެ ފަސް އާޔަތް ކިޔަވަން ނުޖެހެއެވެ.” (އަލްއާދާބުއްޝަރްޢިއްޔާ 2/316)
  5. އަލްގާޟީ ޢިޔާޟް- ރަޙިމަހުﷲ- އަނަސްގެފާނުގެ ޙަދީޘް ޛިކްރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. މި ޙަދީޘްގެ މާނައަކީ އެއް ފަހަރު ޚަތިމް ކޮށްފައި ނުބޭއްވުމެވެ. އަލުން ކިޔަވަން ބާރު އެޅުއްވުމެވެ.”
  6. އިބްނުލް ގައްޔިމް- ރަޙިމަހުﷲ- ވިދާޅުވިއެވެ. މިއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޚަތިމް ކޮށް ނިމޭ ކޮންމެ ފަހަރަކު ސޫރަތުލް ފާތިޙާ ކިޔަވާ އަދި ބަގަރާ ސޫރަތުން ތިން އާޔަތްވަރު ކިޔަވަން ވާނެ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ޞަޙާބީ އަކު އަދި ތާބިޢީ އަކުވެސް ކަންތައް ކުރެއްވި ގޮތެއް ނޫނެވެ. އަދި އެއްވެސް އިމާމަކު ވެސް މިގޮތަށް ވިދާޅުވެފައެއް ނުވެއެވެ”

ރާޖިޙް ގޮތް: .ބޮޑަށް ބުރަވެވެނީ ދެވަނަ ގައުލު ރަގަޅު ކަމަށެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތުން އަދި ޞަޙާބީ އެއް ތާބިޢީ އެއްގެ ފަރާތުން ޚަތިމް ނިންމަވާފައި އަލުން ފައްޓަވާކަމަށް ޞައްޙަ ރިވާޔަތެއް އައިސްފައި ނުވާތީވެއެވެ.  والله أعلم.

މުނާސަބަތް ތަކުގައި ސޫރަތުލް ފާތިޙާ ކިޔެވުން:

ސޫރަތުލް ފާތިޙާ އަކީ މުޅި ގުރްއާނުގައިވެސް ވާ އެންމެ މާތް ސޫރަތެވެ. އެކަން ދޭހަވާ އެތައް ޙަދީޘެއް އިސްވެ ހިނގައްޖެ އެވެ. ނަމަވެސް، ކައިވެނި ޢަގްދު ކުރާ ވަގުތުގައްޔާއި، ތަޢްޒިޔާ ކިޔާ ވަގުތުތަކުގައްޔާއި، ވިޔަފާރި މުޢާމަލާތް ކުރާ ވަގުތުތަކުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް އަދި ޞަޙާބީންނެއްވެސް ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވި ކަމަށް ޘާބިތުވާކަށް ނެތެވެ. އެއީ، ހެޔޮ ރަގަޅު ކަމެއްނަމަ އެބޭކަލުން އަޅުގަޑުމެންނަށްވުރެ ކުރިން ކުރެއްވީސް ކަން ކަށަވަރެވެ.

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުﷲ- ވިދާޅުވިއެވެ. “ދީނުގެ ކަމެއްގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ނުވަތަ ޞަޙާބީންގެ ފަރާތްޕުޅުން ބަހެއް ނުވަތަ ޢަމަލެއް ވާރިދުވެފައި ނުވާ ކޮންމެ ކަމެއް އެއީ ބިދްޢަގެ ތެރެއަށް ވަންނާނެ ކަންތައް ކަމުގައި އަހްލުއްސުންނަތި ވަލްޖަމާޢަތިގެ ބޭފުޅުން ދެކިލައްވައެވެ. އެހެނީ، އެކަމަކީ ހެޔޮކަމެއް ނަމަ އެބޭކަލުން އަޅުގަޑުމެންނަށް ވުރެ ކުރިއަރައި ދިޔައީސްކަން ކަށަވަރެވެ. އެބޭކަލުން ހެޔޮކަމެއް ނުކުރައްވާ ދޫކޮށެއް ނުލައްވާނެއެވެ.” (ތަފްސީރު އިބްނު ކަޘީރު 7/278-279.)

އެހެންކަމުން، މިފަދަ މުނާސަބަތު ތަކުގައި ސޫރަތުލް ފާތިޙާ ކިޔެވުމަކީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއްނަމަ، ނުވަތަ ދަރުމަ އާއި ޘަވާބާއި ބަރަކާތް ލިބޭނޭ ކަމެއް ކަމުގައި ވީނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއް އަދި ޞަޙާބީންނެއް އެކަމެއް ދޫކޮށް ނުލެއްވީސް ކަން ކަށަވަރެވެ.

ކައިވެނީގެ ޢަގްދުކޮށްދޭ އިރު ސޫރަތުލް ފާތިޙާ ކިޔެވުމުގެ މައްސަލާގައި ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ. ބައެއް މީހުން މިކަމަށް ކިޔާ އުޅެނީވެސް ފާތިޙާ ކިޔެވުމެވެ.

ޖަވާބުގައި ވިދާޅުވިއެވެ. އެއީ ޝަރްޢު ވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެއީ ބިދްޢަވެރި ޢަމަލެކެވެ. ސޫރަތުލް ފާތިޙާ ވިޔަސް އަދި އެހެން ސޫރަތެއް ވިޔަސް ކިޔަވަންވާނީ ޝަރްޢުގައި ކަނޑައަޅުއްވާފައިވާ ތަނެއްގައި ޝަރްޢު ކުރައްވާފައިވާ ގޮތަކަށެވެ. އެނޫން ގޮތަކަށް އަޅުކަމެއް ކަމުގައި ހަދައިގެން ކިޔަވައިފިނަމަ އެކަމެއްވާނީ ބިދްޢަވެރި ޢަމަލަކަށެވެ. އެކި އެކި މުނާސަބަތްތަކުގައި ވަރަށް ގިނަ މީހުން ސޫރަތުލް ފާތިޙާ ކިޔަވާތީ ފެނެއެވެ. ބައެއް މީހުން މައްޔިތާގެ މައްޗަށްވެސް ފާތިޙާ ކިޔަވައެވެ. އެނޫންވެސް މުނާސަބަތުތަކުގައި ފާތިޙާ ކިޔަވާ ހަދައެވެ. މިފަދަ ކޮންމެ ކަމަކީ ބިދްޢަވެރި ޢަމަލުތަކެވެ. ސޫރަތުލް ފާތިޙާ ވިޔަސް އަދި އެހެން ސޫރަތެއް ވިޔަސް މަޝްރޫޢު ކުރެވިގެންވާ ވަގުތެއްގައި، އަދި ތަނެއްގައި މެނުވީ ކިޔެވުން މަޝްރޫޢު ވެގެން ނުވެއެވެ. އެނޫން ގޮތަކަށް އެކަން ކުރާނަމަ ވާނީ ބިދްޢަ އަކަށެވެ.” (ފަތާވާ ނޫރުން އަލައްދަރްބި 10/95.)

އަދިވެސް ވިދާޅުވިއެވެ. “ތަޢްޒިޔާ ކިޔުމުގައި ފާތިޙާ ކިޔެވުމަކީ ބިދްޢަ އެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަޢްޒިޔާ ވިދާޅުވުމަށް ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވަ އެއް ނުހައްދަވައެވެ. އަދި ގުރްއާނުން އެހެން ތަނެއްވެސް ކިޔަވާ ވިދާޅުވެ އެއް ނުހައްދަވައެވެ.”

މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސް ދެއްވި މަގުގައި ހިފުމަށެވެ. އަދި ބިދްޢަވެރި ޢަމަލުތައް ދޫކޮށްލުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ…   ) رواه أبو داود ( 4607) ، وصححه الشيخ الألباني في صحيح أبي داود . މާނައަކީ: “ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތާއި ހިދާޔަތް ލިބިގެންވާ މަތް ޚަލީފާ އިންގެ ސުންނަތުގައި ވަރުގަދަ އަށް ހިފަހައްޓާށެވެ. ދަތްއަޅައިގެން އޭގައި ހިފާ ހުންނާށެވެ. ނަމަނަމަ، ދީނުގެ ތެރެއަށް އަލަށް ކަންތައް ވައްދަން ނުހަދާށެވެ.”

 ދުޢާ ކުރުމުގެ ކުރިން ނުވަތަ ފަހުން ސޫރަތުލް ފާތިޙާ ކިޔެވުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ދުޢާ ކުރުމުގެ އެކި ޙާލަތްތަކާއި ޞީޣާތައް ވާރިދުވެފައިވާ އިރުވެސް، ދުޢާ ކުރަން ފެށުމުގެ ކުރިން ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވާ ކަމަށް އެކަލޭގެފާނުގެ ކިބައިން ވާރިދުވެގެން ނުވެއެވެ. އަދި އެކަމަށް އިރްޝާދު ދެއްވާފަ އެއްވެސް ނުވެއެވެ. އެހެންކަމުން، މީހަކު ދުޢާ ކުރަން ފެށުމުގެ ކުރިން ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭ ކަމަށް ގަބޫލުކޮށް އެކަން ކުރާނަމަ އެކަން ވާނީ ބިދުޢަވެރި ޢަމަލަކަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމިޓީގެ ބޭފުޅުންނާއި ސުވާލު ކުރެވުނެވެ.

ދުޢާ ކޮށް އަވަދިވެގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވޭ ހެއްޔެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. “ދުޢާ ކުރައްވާ ނިމިވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވާ ކަމަށް އެއްވެސް ނައްޞަކުން އެނގޭކަށް ނެތެވެ. ވީމާ، އެކަން އެގޮތަށް ކުރުމަކީ ބިދްޢަވެރި ޢަމަލެކެވެ.  (ފަތާވާ އައްލަޖްނަތުއްދާއިމާ 2/528.)

ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން- ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“ދުޢާގެ މެދުތެރެއިން، ނުވަތަ ދުޢާ ކޮށް ނިމިގެން ސޫޜަތުލް ފާތިޙާ ކިޔެވުމަކީ ބިދުޢަވެރި ޢަމަލެކެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރަން ފައްޓަވަނީ އަދި ނިންމަވާލައްވަނީވެސް ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވެފައި ކަމަށް ވާރިދުވެފައި ނުވާތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެފައި ނުވާ ކޮންމެ ކަމެއް އަޅުކަމުގެ ތެރެއަށް ވައްދައިފިނަމަ އެކަމެއް ވާނީ ބިދުޢަވެރި ޢަމަލަކަށެވެ.” (މަޖްމުޢު ފަތާވާ އިބްނު ޢުޡައިމީން 14/159.)

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.