
ތިން އުމްރާ ދަތުރާއެކު އެމްވީޓީވީގެ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
އެމްވީޓީވީ ދިރާގް ޤުރުއާން މުބާރާތް އަދި އެމްވީޓީވީ އުރީދޫ މަދަހަ މުބާރާތުގެ ނަތީޖާފާޅު ކުރުން ރޭ އިސްލާމިކް މަރުކަޒުހޯލްގަ ބާއްވައިފިއެެވެ.
މި ޖަލްސާއަކީ 1438 ވަނަ އަހަރު ބޭވުނު ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ޓަކައި ބޭއްވި ޖަލްސާއެކެވެ.
މި ޖަލްސާގެ ޝަރަފުވެރި މެހެމާން އަކަށް ވަޑައިގަތީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.
މަދަހަ މުބާރާތާ ޤުރުއާން މުބާރާތުގައި 715 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފަވެއެެވެ.
މުޅި ޤުރުއާން މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ މަރިޔަމް ސައިސްތާ ސަލީމްއެވެ. މި ދަރިވަރަށް ވަނީ މުސާފިރީން ހައްޖު ގްރޫޕްގެ ފަރާތުންނާ މަޑިހާ ކޮމްޕެނީގެ ފަރާތުން ދެ އުމްރާ ދަތުރެއް ލިބިފައެވެ. އަދި މަދަހަ މުބާރާތުން މުޅި މުބާރާތުން އެއްވަނަޔަށް ހޮވިފައި ވަނީ އައިޝަތް ލުޔޫނާ ވާފިރްއެވެ.
މި މުބާރާތްތަކުގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ އެމްވީޓީގެ ފަރާތުން ރަމަޞާން މަހު ބޭއްވި ސުވާލް މުބާރާތުގެ އެއްމެ ގިނަ ޖަވާބް ރަނގަޅު ކުރި ބޭފުޅަށްވެސް އުމްރާ ދަތުރެއް ދެއްވާފައެވެ. އަދި މި ޖަލްސާގައި ވަނަ ވަނަ އަށް ދިޔަ ކުދިންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވި ހާއްސަ އިނާމްވެސް ލިބިގެންދިޔައެވެ.