
ސައުދީ ޚާރިޖީ ވަޒީރު އެމެރިކާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާ އެޓްލާންޓާގައި ބައްދަލުކުރައްވައިފި އެވެ.
އެމެރިކާގެ އެޓްލާންޓާގައި ކުރިއަށްދާ ޖީ-20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ހުކުރު ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުންނާއި އިސްކަންދޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން ސަރަޙައްދީ މިހާރުގެ މަސްލަހަތުތަކާ ބެހޭގޮތުންނާއި ސަރަޙައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ރިޔާޟް އެކްސްޕޯ 2030 ގައި އެމެރިކާއިން ”ރަސްމީ ބައިވެރިއެއްގެ“ ގޮތުގައި ބައިވެރިވުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމަކީ މިއެކްސްޕޯއަށް ތައްޔާރުވުމަށްޓަކައި ދެ ފަރާތަށް އޮތް ރަސްމީ އޮނިގަނޑެކެވެ. މިއީ ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކުރުމަށާއި ބައިވެރިވާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ރިޔާޟް އެކްސްޕޯ 2030 އިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.



