ފާތިޙާ ސޫރަތް (سورة الفاتحة) 5

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 4 އޮކްޓޯބަރު 2016 އާ ގުޅޭ..

ކޮންމެ ރަކްޢަތެއްގައި ކިޔަވަން ޖެހޭނީ ސޫރަތެއް އެއް ކޮށްތޯ؟ ނުވަތަ ދިގު ސޫރަތެއްގެ އެއްބައި ކިޔެވި ނަމަވެސް ފުދޭނެތޯ؟

ނަމާދުގައި ކުރު ސޫރަތެއް ކިޔެވުމުގެ ބަދަލުގައި ދިގު ސޫރަތެއްގެ ބަޔެއް ކިޔެވުމަކީ މައްސަލަ އެއް ނޫނެވެ.

އިޝްތިހާރު Below Header ad

އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

“ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދްޔަކީ (ކަން ކުރެއްވި ގޮތަކީ) ނަމާދުގައި އެއް ސޫރަތް އެއްކޮށް ކިޔަވާ ވިދާޅުވުމެވެ. ބައެއް ފަހަރަށް އެއް ސޫރަތް ދެރަކްޢަތަށް ބައްސަވާލައްވައެވެ. ނުވަތަ ބައެއް ފަހަރަށް ފުރަތަމަ ރަކްޢަތުގައި ސޫރަތުގެ ފެށޭ ކޮޅު ކިޔަވާ ވިދާޅުވެފައި ދެވަނަ ރަކްޢަތުގައި ސޫރަތުގެ ނިމޭކޮޅު ކިޔަވާ ވިދާޅުވެއެވެ. ސޫރަތެއްގެ މެދުތެރެޔާއި ފަހުކޮޅު ކިޔަވާ ވިދާޅުވާ ކަމަށް ވާރިދުވެފައި ނުވެއެވެ. އެއް ރަކްޢަތެއްގައި ދެ ސޫރަތް ކިޔަވާ ވިދާޅުވަނީ ސުންނަތް ނަމާދުތަކުގައެވެ. ފަރްޟު ނަމާދުތަކުގައި އެގޮތަށް އެކަން ކުރެއްވި ކަން އެނގޭކަށް ނެތެވެ.” (ޒާދުލް މަޢާދި 1/214-215.)

ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވިއެވެ.

“ފަރްޟު ނަމާދުގައިވެސް އަދި ސުންނަތް ނަމާދުގައިވެސް ސޫރަތުލް ފަތިޙާ އަށް ފަހުގައި އެންމެ އާޔަތެއް ކިޔެވި ނަމަވެސް މައްސަލަ އެއް ނެތެވެ. ސޫރަތު މުއްޒައްމިލްގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (فَاقْرَ‌ءُوا مَا تَيَسَّرَ‌ مِنَ الْقُرْ‌آنِ) މާނައަކީ: ” ފަހެ، އެ قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!” ނަމަވެސް، ސުންނަތް އަދި އެންމެ މޮޅު ގޮތަކީ ސޫރަތެއް އެއް ކޮށް ކިޔެވުމެވެ. އަދި އެންމެ ފުރިހަމަ ގޮތަކީ ކޮންމެ ރަކްޢަތެއްގައި ވެސް ސޫރަތެއް ފުރިހަމަ ކުރުމެވެ. އެއީ އުނދަގޫ ކަމަކަށް ވާނަމަ ދެރަކްޢަތަށް އެއް ސޫރަތް ބަހާލި ނަމަވެސް މައްސަލަ އެއް ނެތެވެ.” (އައްޝަރްޙުލް މުމްތިޢު 3/104.)

ސޫރަތުލް ފާތިޙާ ރަގަޅަށް ކިޔަވަން ނޭނގޭ މީހެއްގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމް:

ސޫރަތުލް ފާތިޙާ ރަގަޅަށް ކިޔަވަން ނޭނގޭނަމަ، (މާނަ ގެއްލޭ ފަދަ ގޮތަކަށް ކިޔަވާނަމަ)  އެމީހެއްގެ ނަމާދު ބަޠިލް ވާނެއެވެ. ސަބަބަކީ ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ވީމާ، ޞައްޙަކޮށް ކިޔަވަން ދަސްކުރަން ޖެހެއެވެ. ނޭނގޭނަމަ އެނގޭ މީހެއް ކައިރީ އަހާ ދަސްކުރަން ޖެހެއެވެ. އުނގެނެން މަސައްކަތް ކޮށްވެސް ދަސްނުވެ އޮތްނަމަ، ﷲ އެއްވެސް ނަފްސަކަށް ނޫފުއްލޭވަރުގެ ކަމެއް ނުޖައްސަވައެވެ. ނަމަވެސް، އެފަދަ މީހަކު އިމާމްވެ ނަމާދު ކުރަންވާނީ އޭނާފަދަ ކިޔަވަން ނޭނގޭ ނުވަތަ އޭނާ އަށް ވުރެ ދަށް މީހުންގެ އިމާމަކަށެވެ.

އިމާމް ނަވަވީ ރަޙިމަހުﷲ- ވިދާޅުވިއެވެ.

“ގުރްއާން ކިޔެވުމުގައި ކުށް ޖެހޭ މީހަކު (ތަޖްވީދު މަގަށް ކިޔަވަން ނޭނގޭ މީހަކު) އިމާމަކަށް ލުން މަކްރޫހަ ވެގެން ވެއެވެ. ގުރްއާން ކިޔެވުމުގައި އޭނާ ކިޔާ ކުށްތަކަކީ އޭގެ ސަބަބުން މާނަ އަށް ބަދަލު ނާންނަ ވަރުގެ ކުށެއް ނަމަ، މިޘާލަކަށް (الحمد لله   )ގެ ހާ ގައި އުބުފިލި ޖެހުން، އޭނާ އާއި އޭނާގެ ފަހަތުގައި ނަމާދު ކުރި މީހުންގެ ނަމާދު ޞައްޙަވާނެއެވެ. މާނަ ބަދަލުވާ ވަރުގެ ކުށެއްނަމަ މިޘާލަކަށް (أنعمت عليهم ) ގެ ތާ ގައި އުބުފިލި ޖެހުން، ނުވަތަ އިބިފިލި ޖެހުން، މިފަދަ ޙާލަތުގައި ނަމާދު ބާޠިލް ވާނެއެވެ. އޭނާ އަށް އަކުރު ކިޔަން ނޭނގޭ ނަމަ ދަސްކުރަން ޖެހޭނެއެވެ. ދަސްކޮށްގެން ނަމާދު ގަޟާ ކުރާނެ ވަގުތު އޮތްނަމަ އެކަންވެސް ކުރަން ޖެހޭނެއެވެ. އެފަދަ މީހަކު އިމާމަކަށް ވުން ހުއްދަވެގެން ވެސް ނުވެއެވެ.”   (ރައުޟަތުއް ޠާލިބީން 1/350.)

ސަޢޫދީގެ ފަތްވާ ކޮމިޓީގެ ބޭފުޅުންގެ ފަތުވާ އެއްގައި ވެއެވެ.

“އިމާމާ އަކީ ގުރްއާން ކިޔެވުމުގައި ކުށް ކިޔާ މީހަކަށް ވެފައި، އޭނާގެ ކުށުގެ ސަބަބުން މާނަ އަށް ބަދަލު ނާންނަ ނަމަ، ރަގަޅަށަ ކިޔަވާ މީހެއްގެ ފަހަތުގައި ނަމާދު ކުރުން އައުލާ ވެގެން ވެއެވެ. ސޫރަތުލް ފާތިޙާގެ މާނަ އަށް ބަދަލު އަންނަ ވަރުގެ ކުށެއް ކިޔާނަމަ އެމީހެއްގެ ފަހަތުގައި ކުރާ ނަމާދު ބާޠިލް ވެގެން ވެއެވެ. މިޘާލަކަށް (أنعمت عليهم  )ގެ ތާގައި އުބުފިލި ނުވަތަ އިބިފިލި ޖެހުމެވެ.  ހިތުދަސް ކުރުމުގެ ބާރުދެރަވެގެން ކުށް ޖެހޭނަމަ ހިތުދަސް ކުރުމުގެ ބާރު ގަދަ މީހަކު ނަމާދު ކުރުން އައުލާކަން ބޮޑެވެ.”   (ފަތާވާ އައްލަޖްނަތުއްދާއިމާ ލިލް ބުޙޫޡިލް ޢިލްމިއްޔަތި ވަލް އިފްތާ 2/527.)

މައުމޫމުން ސޫރަތުލް ފާތިޙާ ކިޔަން ނުޖެހޭ ޙާލަތްތައް:

ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެއް ކަމާއި، އެކަނި ހުރެ ނަމާދު ކުރާ މީހާވެސް، އިމާމުވެސް އަދި މައުމޫމު ވެސް ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެ ކަން ބަޔާން ކޮށް ދަލީލުތައް އިސްވެ ހިނގައްޖެއެވެ

މައުމޫމްވެ ހުރެ ނަމާދު ކުރާ މީހުން ދެ ޙާލަތެއްގައި ސޫރަތުލް ފާތިޙާ ނުކިޔެވިޔަސް ފުދެއެވެ. އެއީ:

  1. އިމާމާ ރުކޫޢުގައި އޮއްވާ ޖަމާޢަތުގައި ބައިވެރިވާ މީހާ، އޭނާ ސީދާ ދާނީ ރުކޫޢަށެވެ. އޭނާ ސޫރަތުލް ފާތިޙާ ނުކިޔެވި ނަމަވެސް ކިޔެވިފަދައެވެ. އޭނާގެ ނަމާދު ޞައްޙަވާނެއެވެ. ދަލީލަކީ: حديث أبي بكرة رضي الله عنه أَنَّهُ انْتَهَى إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ رَاكِعٌ فَرَكَعَ قَبْلَ أَنْ يَصِلَ إِلَى الصَّفِّ ، فَذَكَرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : ( زَادَكَ اللَّهُ حِرْصًا وَلا تَعُدْ ) رواه البخاري ( 783) .. އަބީބަކްރާ ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި ޙަދީޘެވެ. އެކަލޭގެފާނަށް ނަމާދަށް އާދެވުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫޢުގައި އޮންނަވަނިކޮށެވެ. އެކަލޭގެފާނު ޞަފަށް ނާރުއްވާ ރުކޫޢަށް ވަޑައިގަތެވެ. އަދި ނަމާދުން އަވަދިވެ ވަޑައިގެން އެވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. “ތިބާ ނަމާދަށް ތިޔަ ބަހައްޓާ ފަރުވާތެރިކަން ﷲ އިތުރުކޮށް ދެއްވާށިއެވެ. ނަމަވެސް ދެން ތިޔަ ގޮތަށް ކަންތައް ނުކުރައްޗެވެ.”
  2. މި ޙަދީޘުން ދަލީލު ނެގޭ ގޮތަކީ: އިމާމާ އާއި އެކު ރުކޫޢު ލިބުން އެއީ ރަކްޢަތް ލިބުން ކަމުގައި ނުވާ ނަމަ އަބޫބަކްރާ އަށް އެރަކްޢަތް ގަޟާ ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވީހެވެ. އެރަކްޢަތުގައި އެކަލޭގެފާނަށް ސޫރަތުލް ފާތިޙާ ވެސް ކިޔެވިފަ އެއް ނޯންނާނެއެވެ. ވީމާ، މިއިން ދޭހަވަނީ އިމާމާ އާއި އެކު ރުކޫޢު ލިބިއްޖެނަމަ ރަކްޢަތް ލިބޭނެ ކަމެވެ.
  3. ޖަމާޢަތުގައި ބައިވެރިވީ އިމާމާ ރުކޫޢަށް ދާން ކައިރިވެފައިވަނި ކޮށް ކަމަށްވުމުން، ސޫރަތުލް ފާތިޙާ ކިޔަވާނެ ވަގުތު މައުމޫމަށް ނުލިބުން. މިފަދަ ޙާލަތުގައި އިމާމާ އާއި އެކު ރުކޫޢުކޮށް ނަމާދު ފުރިހަމަ ކުރާނީ އެވެ. އަދި އެރަކްޢަތް ގަޟާ ކުރާކަށްވެސް ނުޖެހޭނެއެވެ. އޭނާވެސް ސޫރަތުލް ފާތިޙާ ކިޔެވިފަދަ އެވެ.

އަލްއިމާމް އައްޝީރާޒީ ރަޙިމަހުﷲ ވިދާޅުވިއެވެ.

އިމަމާ އާއި އެކު ރަކްޢަތުގައި ބައިވެރިވެ، ދުޢާއުލް އިސްތިފްތާޙު ކިޔަވަން ވެއްޖެނަމަ ސޫރަތުލް ފާތިޙާ ކިޔަވާނެ ވަގުތު ނުލިބޭނެހެން ހީވެއްޖެނަމަ، އެމީހަކު ދުޢާއުލް އިސްތިފްތާޙު ކިޔުމުގެ ބަދަލުގައި ސޫރަތުލް ފާތިޙާ އިން ފަށާނީއެވެ. އެހެނީ ސޫރަތުލް ފާތިޙާ ކިޔެވުމަކީ ފަރްޟެކެވެ. ދުޢާއުލް އިސްތިފްތާޙު ކިޔުމަކީ ސުންނަތެކެވެ. ސުންނަތެއްގެ ސަބަބުން ފަރްޟެއް ދޫކޮށް ނުލެވޭނެއެވެ.”

  1. އޭނާ އަށް ސޫރަތުލް ފާތިޙާގެ އެއްބައި ކިޔެވުނު ތަނުން އިމާމާ ރުކޫޢަށް ގޮސްފިނަމަ އޮތީ ދެގޮތެކެވެ. އެއީ:
  2. ކިޔެވުން ދޫކޮށްލާފައި އިމާމާ އާއި އެކު ރުކޫޢު ކުރުމުވެ. ސަބަބަކީ އިމާމާ އާއި އެކު ނަމާދު ކުރުން އެދެވިގެންވާތީވެއެވެ.
  3. އިމާމާ ރުކޫޢު ނިންމުމުގެ ކުރިން ސޫރަތުލް ފާތިޙާ ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްނަމަ ސޫރަތުލް ފާތިހާ ފުރިހަމަ ކޮށްފައި ރުކޫޢަށް ދިޔުމެވެ.

ނުނިމޭ….

ދެން އަންނަން އޮތްބައިގައި…

ގުރްއާން ޚަތިމް ކޮށް ނިންމުމަށް ފަހުގައި ސޫރަތުލް ފާތިޙާ އިން އަލުން ފަށަން ޖެހޭތޯ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.