ޚަބަރު ފީތާ

ބިސްމިން ( البسملة ) 2

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް 22 ސެޕްޓެންބަރު 2016 އާ ގުޅޭ..

ބިސްމި އަކީ ސޫރަތުލް ފާތިޙާގެ ބައެއްތޯ ނުވަތަ ނޫންތޯ؟

ޖަވާބު: އައްޝައިޚް މުޙައްމަދު އަލްއަމީނުއް ޝަންގީޠީ ރަޙިމަހުﷲ- ވިދާޅުވިއެވެ.

”ބިސްމި އަކީ ސޫރަތުލް ފަތިޙާގެ އާޔަތެއްތޯ ނުވަތަ ކޮންމެ ސޫރަތެއްގެ ފެށޭތަނުގައި އޮންނަ އާޔަތެއްތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ނަމަވެސް އެއީ ސޫރަތުއް ނަމްލުގެ 30 ވަނަ އާޔަތުގެ ބައެއް ކަމާއި މެދުގައި ހުރިހާ ޢިލްމުވެރިން ވެސް އެއްބަސްވެލައްވައެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ ﴿٣٠﴾  ) މާނައަކީ: ”އެއީ، ހަމަކަށަވަރުން، سليمان ގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން، އޭގައި އަންގަވާފައިވަނީ [بسم اللَّه الرّحمن الرّحيم] އެވެ. (رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.)“

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ބިސްމި އަކީ ތައުބާ ސޫރަތް ފިޔަވާ އެހެން ހުރިހާ ސޫރަތެއް ފެށޭ ތަނުގައި އޮންނަ މުސްތަގިއްލު އާޔަތެކެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެއީ ސޫރަތުލް ފާތިޙާގެ އާޔަތެކެވެ.

ރާޖިޙް ގޮތް: މިމައްސަލާގައި ރާޖިޙް ގޮތަކީ ބިސްމި އަކީ ސޫރަތުއް ނަމްލުގެ 30 ވަނަ އާޔަތުގެ ބައެއް ކަމާއި، ތައުބާ ސޫރަތް ފިޔަވާ އެހެން ހުރިހާ ސޫރަތްތަކެއް ފެށޭތަނުގައި އޮންނަ ވަކި ސޫރަތަކަށް ނުވާ މުސްތަގިއްލު އާޔަތެއް ކަމެވެ. އަދި ދެސޫރަތް ދެމެދުގައި ބިސްމި އޮތުމުގެ ބޭނުމަކީ ދެސޫރަތް ދެމެދު ފަރަގު ކުރުން ކަމެވެ. (މުޛައްކިރަތު އުޞޫލުލް ފިގްހި، ޞ 66،67.)

ނަމާދަށް ހަށަމް ބަނުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެތޯ؟

ޖަވާބު: ނަމާދުގައި ބިސްމި ކިޔަން ޖެހެނީ ހަށަމް ބަނދެ، ދުޢާއުލް އިސްތިފްތާޙު ކިޔާ، އަދި އިސްތިޢާޛާ ވެސް ކިޔާ ނިމި، ސޫރަތުލް ފާތިޙާ ކިޔަވަން ފެށުމުގެ ކުރިންނެވެ.

ނަމާދު ފެށުމުގެ ކުރިން ނުވަތަ ނަމާދަށް ހަށަމް ބަނުމުގެ ކުރިން ބިސްމި ކިޔުއްވި ކަމެއް ނުވަތަ ވަކި ޚާއްޞަ ޛިކްރެއް ކުރެއްވި ކަމެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވާކަށް ނެތެވެ.

އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ތެދުވެ ވަޑައިގެންފިނަމަ، (ﷲ އަކްބަރު) ވިދާޅުވެ ނަމާދު ފައްޓަވަނީއެވެ. އޭގެ ކުރިން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.“ (ޒާދުލް މަޢާދު 1/194.)

އެހެންކަމުން، ނަމާދު ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ ނުވަތަ އެނޫންވެސް ޛިކްރެއް ކިޔުމަކީ ސުންނަތުން ޘާބިތުވާ ކަމެއް ނޫނެވެ.

 ކާން ފެށުމުގެ ކުރިން ބިސްމި ކިޔުން:

ކާން ފެށުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވަނީ (ބިސްމިﷲ) އެވެ. އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. (إِذَا أَكَلَ أَحَدكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّه , فَإِنْ نَسِيَ فِي أَوَّله فَلْيَقُلْ : بِسْمِ اللَّه فِي أَوَّله وَآخِره ) رواه الترمذي (1781) وصححه الشيخ الألباني رحمه الله .  މާނައަކީ: ”ތިޔަބައިމީހުން ކާން ފެށުމުގެ ކުރިން ”ބިސްމިﷲ“ ކިޔާށެވެ. ކާން ފެށުމުގެ ކުރިން އެފަދައިން ކިޔަން ހަނދާން ނެތިއްޖެނަމަ ”ބިސްމިﷲ އައްވަލީ ވައާޚިރިހީ“ މިފަދައިން ކިޔާށެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ”މީހަކު ކާން ފެށުމުގެ ކުރިން ”ބިސްމިﷲ އައްރަޙްމާނިއްރަޙީމް“ މިފަދައިން ކިޔައިފިނަމަ އެގޮތް ފުރިހަމަ ވެގެން ވެއެވެ.“ (އަލްފަތާވާ އަލްކުބްރާ 5/480.)

އަލްމައުސޫޢަތުލް ފިގްހިއްޔާ (8/92) ގައި އައިސްފައި ވެއެވެ. ”ކާން ފެށުމުގެ ކުރިން ﷲ ގެ ނަންފުޅު ގަތުން އެއީ ސުންނަތެއް ކަމުގައި ފިގްހު ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެކަމުގެ ޞީޣާ އަކީ (بسم الله ނުވަތަ وبسم الله الرحمن الرحيم…  ) އެވެ. މާނައަކީ މި ދެގޮތް ވެސް ރަގަޅެވެ.

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ﷲ ގެ އިސްމުފުޅު ގަންނާނެ ގޮތް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. އެންމެ މޮޅު ގޮތަކީ بسم الله الرحمن الرحيم ކިޔުމެވެ. ހަމައެކަނި بسم الله ކީ ނަމަވެސް މައްސަލަ އެއް ނެތެވެ. ސުންނަތް ޙާޞިލް ވެއްޖެއެވެ.“ (އަލްއަޛްކާރު 1/231.)

އައްޝައިޚް އަލްބާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ވުރެ މާތް މޮޅު އެއްޗެއް ނުވެއެވެ. އަދި އެންމެ ހެޔޮ ނަމޫނާ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތެވެ. ކާންފެށުމުގެ ކުރިން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ވިދާޅުވެފައިވަނީ ހަމައެކަނި (بسم الله ) ކަމަށްވާއިރު، އެއަށް ވުރެ އިތުރު ކުރުން އެއީ ހުއްދަ ވެގެންވާ ގޮތެއް ނޫނެވެ. އަދި އިތުރު ކުރުން އެއީ މޮޅު އިތުރު ގޮތް ކަމުގައި ބުނުންވެސް ރަގަޅެއް ނޫނެވެ. (އައްސިލްސިލަތުއް ޞަޙީޙާ 1/343.)

ރާޖިޙް ގޮތް: މި މައްސަލާގައި އެންމެ ރަގަޅު ގޮތަކީ ކާން ފެށުމުގެ ކުރިން ހަމައެކަނި (بسم الله ) ކިޔާ ފުއްދާލުމެވެ. ނަމަވެސް މީހަކު (بسم الله الرحمن الرحيم) ކީ ކަމުގައި ވީނަމަވެސް މައްސަލަ އެއް ނެތެވެ.

ކާން ފެށުމުގެ ކުރިން ބިސްމި ކިޔުނު ކަމާއި މެދުގައި ޝައްކު ވެއްޖެނަމަ ތަކްރާރު ކޮށް ބިސްމި ކިޔަން ޖެހޭނެތޯ؟

އެއް ފަހަރު ބިސްމި ކިޔުމުން ފުދޭނެއެވެ. ކޮންމެ ފަހަރަކު ކާއެއްޗެތި އަނގަޔަށް ލާއިރު ބިސްމި ކިޔާކަށް ނުޖެހެއެވެ. އެހެނީ ވަސްވާހަކީ ޝައިޠާނާގެ ކިބައިން އަންނަ އެއްޗެކެވެ. ފުރަތަމަ އެކަން ފެށެނީ ނިކަން ކުޑަކޮށެވެ. ދެން ފަހުން އެކަން ބޮޑު ކަންތައްގަނޑަކަށް ވެގެންދެއެވެ. ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ޝައްކު އުފެދި އޭގެ މައްޗަށް ގަދަވެ ނުގަނެވިފައި އުޅެން ޖެހެއެވެ. ނަމަވެސް އިސްލާމްދީން އަންގަވާފައިވަނީ ވަސްވާސްތައް ދޫކޮށްލާ އޭގެ މައްޗަށް ގަދަވެގަތުމަށެވެ. ވީމަ، ޢާދަވެގެން ކާން ފެށުމުގެ ކުރިން ބިސްމި ކިޔާ މީހަކު، އަދި ބޮޑަށް ބުރަވެވެނީވެސް ބިސްމި ކީ ކަމަށްނަމަ، ދެން ހިތުގައި އުފެދޭ ޝައްކުތަކާއި މެދުގައި ފަރުވާލެއް ނުބަހައްޓާ ކުރިޔަށް ދާނީއެވެ.

އިމާމް ނަވަވީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ”އެކުގައި ކާން އަރާ ތިބި މީހުންނަށް އިވޭ ވަރަށް ބާރަށް ބިސްމި ކިޔުން އެދެވިގެންވެއެވެ. އޭރުން އެހެންމީހުންވެސް ބިސްމި ކިޔަން ހަނދާންވެއެވެ. އަދި ކެއުމުގެ ކުރިން ބިސްމި ނުކިޔާ މީހުން އެކަން ކުރަން ފެށުމަށް ބާރަކަށްވެއެވެ. ޖަމާޢަތުގައި ކަންތިބި ކޮންމެ މީހަކު ވަކި ވަކިން ބިސްމި ކިޔުން އެދެވިގެން ވެއެވެ. އެންމެންގެ މަތިން އެކަކު ބިސްމި ކިޔުމުންވެސް ފުދޭނެއެވެ. މިއީ ސަލާމަށް ރައްދު ދިނުމާއި ކިނބިހި އެޅޭ މީހާ އަށް ޖަވާބު ދިނުމުގައިވެސް އޮންނަ ގޮތެވެ. އެހެނީ އެކަންތައްތަކުގައިވެސް އެކަކު ކުރުމުން ފުދެއެވެ.“ (ރައުޟަތުއް ޠާލިބީން 5/654.) މި ރައުޔަށް އައްޝައިޚް ޢުޘައިމީން ރަޙިމަހުﷲ ތާއިދު ކުރައްވާފައިވެއެވެ. (ޘަމަރާތުއް ތަދްވީން 546 ވަނަ މައްސަލަ.)

ދަޢްވަތު ކާޑާއި ސިޓީތަކުގައި ބިސްމި ލިޔުމުގެ ޙުކުމް:

ދަޢްވަތު ކާޑުތަކުގައްޔާއި ސިޓީތައް ފެށުމުގައި ބިސްމި ލިޔުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސްތަކުންނަށް ފޮނުއްވާ ސިޓީތައް ފައްޓަވާފައިވަނީ ބިސްމިންނެވެ. އެހެންކަމުން، ބިސްމި ނުވަތަ އެނޫންވެސް ގުރްއާނުގެ އާޔަތެއް ލިޔެވިފައިވާ ކާޑެއް ނުވަތަ ސިޓީ އެއް ނުވަތަ ގަނޑެއް ލިބިއްޖެ މީހަކު އެއެއްޗެއް ޑަސްބިން އަށް ނުވަތަ ގޮނޑަށް އެއްލާލުން ހުއްދަވެގެން ނުވެއެވެ. އެފަދަތަކެތި ނައްތާލާނަމަ، އިޙްތިރާމް ލިބިގެންވާ ގޮތަކަށް އަންދާލުން ނުވަތަ ކަރުދާސް ކަފާ ޝްރެޑަރ އަކަށްލާ ނެތިކޮށްލާނީއެވެ. އެހެންކަމުން، ދަޢްވަތު ކާޑެއްގައި ނުވަތަ އެނޫންވެސް ގަނޑެއްގައި ބިސްމި ލިޔެފައިވަނިކޮށް މީހަކު އިހާނެތި ގޮތެއް ހަދައިފިނަމަ، އެކަމުގެ ފާފަ އޮތީ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށެވެ. ލިޔުނު މީހާ އަކަށް ނޫނެވެ.

ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެތޯ ނުވަތަ ނޫންތޯ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވެއެވެ.

އިމާމް އަޙްމަދު ރަޙިމަހުﷲ ގެ ރައުޔަކީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބު ކަމެއް ކަމަށެވެ. ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެވެ. (لا وُضُوءَ لِمَنْ لَمْ يَذْكُرْ اسْمَ اللَّهِ عَلَيْهِ  ) މާނައަކީ: ”ﷲގެ އިސްފުޅު ނުކިޔާ ވުޟޫ ކުރި މީހާ އަށް ވުޟޫ އެއް ނުވެއެވެ.“ رواه الترمذي (25) وحسنه الألباني في صحيح الترمذي.  (އަލްމުޣްނީ 1/145.)

ޖުމްހޫރު ޢިލްމުވެރިން (އަބޫ ޙަނީފާ، މާލިކް، ޝާފިޢީ އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި) ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެބޭފުޅުންގެ ދަލީލުތައް:

  1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހަކަށް ވުޟޫ ކުރާނެ ގޮތް ދަސްކޮށްދެއްވާ ޙަދީޘް ކުރެއްވިއެވެ. (تَوَضَّأْ كَمَا أَمَرَكَ اللَّهُ ) رواه الترمذي (302) وصححه الألباني في صحيح الترمذي (247) މާނައަކީ: ”ތިބާ އަށް ﷲ އަމުރު ކުރެއްވި ގޮތަށް ވުޟޫ ކުރާށެވެ.“ މިތަނުގައި އެކަލޭގެފާނު އެއިޝާރާތް ކުރައްވަނީ ސޫރަތުލް މާއިދާގެ 6 ވަނަ އާޔަތަށެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَ‌افِقِ وَامْسَحُوا بِرُ‌ءُوسِكُمْ وَأَرْ‌جُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُ‌وا ۚ وَإِن كُنتُم مَّرْ‌ضَىٰ أَوْ عَلَىٰ سَفَرٍ‌ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِ‌يدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَ‌جٍ وَلَـٰكِن يُرِ‌يدُ لِيُطَهِّرَ‌كُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُ‌ونَ ﴿٦﴾  ) މާނައަކީ: “ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައިމީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ.“   މި އާޔަތުގައި ވުޟޫ ކުރާނެ ގޮތް ދަސްކޮށްދެއްވި އިރު ބިސްމިގެ ވާހަކަ އައިސްފައި ނުވެއެވެ.
  2. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِنَّهَا لا تَتِمُّ صَلاةُ أَحَدِكُمْ حَتَّى يُسْبِغَ الْوُضُوءَ كَمَا أَمَرَهُ اللَّهُ عَزَّ وَجَلَّ فَيَغْسِلَ وَجْهَهُ وَيَدَيْهِ إِلَى الْمِرْفَقَيْنِ وَيَمْسَحَ بِرَأْسِهِ وَرِجْلَيْهِ إِلَى الْكَعْبَيْنِ ) السنن الكبرى للبيهقي (1/44) މާނައަކީ: ”ތިޔަބައިމީހުން ކުރެ އެކަކުވެސް ﷲ އަމުރު ކުރެއްވި ގޮތަށް ފުރިހަމަ އަށް ވުޟޫ ކުރައްޖައުމަށް ދާންދެން ނަމާދު ފުރިހަމަ ނުވެއެވެ. މޫނާއި ދެއަތް އުޅަބޮއްޓާއި ހަމަ އަށް ދޮވުމާއި ބޮލުގައި ފެން ހޭކުމާއި ފައި ތަނބިކައްޓާއި ހަމަ އަށް ދޮވުމެވެ.“ މި ޙަދީޘް ގައި ބިސްމި ކިޔުމުގެ ވާހަކަ ބަޔާން ކުރައްވާފައެއް ނުވެއެވެ. އެއިން އެގެނީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުން ވާޖިބު ނޫން ކަމެވެ.
  3. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫ ކުރެއްވި ގޮތް ބަޔާން ކޮށްދެއްވި ގިނަ ބޭކަލުން ބިސްމީގެ ވާހަކަ ގެންނަވާފައެއް ނުވެއެވެ. ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބެއް ނަމަ އެކަލޭގެފާނު އެގޮތަށް އެކަން ކުރެއްވީހެވެ. އަދި އެކަލޭގެފާނު ވުޟޫ ކުރެއްވި ގޮތް ނަގްލު ކުރެއްވި ބޭކަލުންވެސް އެކަން ބަޔާން ކުރެއްވީހެވެ. (އައްޝަރްޙުލް މުމްތިޢު 1/130.)

ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔަން ޖެހޭ ކަމަށް ދަލީލު ދެއްކެވި ޙަދީޘަށް ޖަވާބު ދެއްވާ ޢިލްމުވެރިން ދެ ޖަވާބެއް ދެއްވައެވެ.

  1. އެ ޙަދީޘަކީ ޟަޢީފް ޙަދީޘެއް. އަލްއިމާމް އަލްބައިހަބީ، ނަވަވީ، އަލްބައްޒާރު ރަޙިމަހުމުﷲ- އެޙަދީޘް ޟަޢީފް ކަމަށް ވިދާޅުވެފައިވޭ.
  2. އެ ޙަދީޘަކި ޞައްޙަ ޙަދީޘެއް ކަމުގައި ބެލިނަމަވެސް، ޙަދީޘްގެ މާނައަކީ ވުޟޫ ފުރިހަމަ ނުވާނެ ވާހަކަ އެވެ. ވުޟޫ ޞައްޙަ ނުވާނެ ވާހަކަ އެއް ނޫނެވެ.  (އަލްމަޖްމޫޢު 1/347، އަލްމުޣްނީ 1/146.)

އެހެންކަމުން، ޙަދީޘް ޞައްޙަ ކަމުގައި ބެލިނަމަވެސް، ބުނެވޭނީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުން އެދެވިގެންވާ ކަމަށެވެ. ވާޖިބު ނޫން ކަމަށެވެ.

ނުނިމޭ………….

Rate this post