ފާއިތުވި ޖެނުއަރީމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު 36% އިތުރުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީމަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 18 އިންސައްތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައިވާއިރު، 13 އިންސައްތަ ސިންގަޕޫރުން އަދި 11 އިންސައްތަ އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ.
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހުސްވި ޖެނުއަރީ މަހު %25 އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 226 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 181 މިލިއަން ރުފިޔާއެވެ.
ފާއިތުވި ޖެނުއަރީމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަނީ 137 އިންސައްތަ މަތިވެފައެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު 265 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ ޖެނުއަރީމަހު މި ޢަދަދު ވަނީ 633 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖެނުއަރީމަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ 69 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.