
ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން ދީން ހުއްދައެއް ނުކުރޭ: އިލްމުވެރިން
ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަ ވެލެންޓައިސްޑޭ ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއްނޫނެވެ.
ކޮންމެ އަހަރަކުވެސް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ފެބުރުއަރީ މަހުގެ 14ވަނަ ދުވަހަކީ ޣައިރު މުސްލިމުން ފާހަގަކުރާ ދުވަހެކެވެ.
މި ދުވަހަކީ ނަސޯރާއިންނާއި ގަދީމީ ރޯމަނުނާއި ގުޅިފައިވާ ދުވަހެއްކަމުން، ވެލެންޓައިންސްޑޭ ފާހަގަކުރުން މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
ވެލަންޓައިންސް ޑޭ ގެ އަސްލު:
ވެލަންޓައިންސް ޑޭ އަކީ މީގެ 17 ޤަރުނު ކުރިން ޤަދީމީ ރޫމީން ފާހަގަ ކުރަން ފެށި ޙަފްލާއެކެވެ.
މީގެ 17 ޤަރުނު ކުރިން ރޫމީން އެދުވަސް ފަހަގަކުރަން ފެށިއިރު އެމީހުން ނަކީ ބުދު ދީނުގެ އަހުލުވެރީންނެވެ.
ރޫމީން ޤަބޫލުކުރާ ގޮތުގައި އެއީ ”ރޫހާނީ ލޯތްބެކެވެ“. މިގޮތުން މިހާރުގެވެސް ބައެއް ވެލަންޓައިންސް ކާޑުތަކުގައި ކިއުޕިޑް ގެ ކުރެހުންތައްް ދެވަރަ ލާފައި ދުނިދަނޑިއަކާއި ތީރުތަކެއް ހިފައިގެން ވާ ކުޑަ ކުއްޖަކު ވެއެވެ. މިއީ ބުދަށް އަޅުކަން ކޮށް އުޅުނު ރޫމީންގެ ”ލޯބީގެ ކަލާނގެއެވެ“
ކޮންމެއަކަސް ނަޞާރާދީނަށް ބަދަލުވުމަށް ފަހުވެސް އެމީހުން އައީ މިޙަފްލާ ފާހަގަ ކުރަމުންނެވެ. އެކަމަކު އެއީ ފާދިރީ ވެލަންޓައިން އަށް ނިސްބަތް ކޮށް ”ޝަހީދުންގެ ލޯބީގެ“ ދުވަހެއްގެ ގޮތުގައެވެ.
ތަފާތު އެކި ދީންތަކުގެ އާދަކާދައާއި ސަގާފަތް އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމައުގައި އާންމުވަމުންދާއިރު ”ވެލެންޓައިސްޑޭގެ“ ނުވަތަ ލޯބިވެރިންގެ ދުވަހުގެ ނަމުގައި ފެބްރުއަރީ މަހުގެ 14ވަނަ ދުވަހު ފާހަގަކުރާ އެ ދުވަހަށް ބައެއް ދިވެހިންވެސް ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެދުވަހަށް ހާއްސަކޮށް މާލޭގެ ބައެއް ފިހާރަތަކުގައި ހާއްސަ އިޝްތިހާރުތައް ކުރާކަންވެސް ފާހަގަ ކުރެވެއެވެ.
އެހެން ކަމުން، އިސްލާމް ދީނުގައި އެކަން އޮންނަ ގޮތަކީ ކޮބައިތޯ އާއި އެ ދުވަހަކީ މުސްލިމުން ފާހަގަކުރުން ރަނގަޅު ދުވަހެއްތޯ ވިސްނާލަން ޖެހެއެވެ. ވެލެންޓައިންސް ޑޭ ގެ ނަމުގައި ފާހަގަކުރާ ދުވަހާއި މެދު ތަފާތު ވާހަކަތައް ދެކެވޭ އިރު، އެއްބަޔަކު ބުނާ ގޮތުގައި، އެދުވަހަކީ ރޯމަނުންގެ ތެރޭގައި އުޅުނު އުޅުނު ނަޞާރާ ފާދިރީ އެއް ކަމަށްވާ ވެލެންޓައިންސް އަށް ނިސްބަތްވާ ނަމެކެވެ. އެގޮތުން އެދުވަސްވަރު ރޫމީންގެ ހަނގުރާމައިގެ ލަސްކަރުގެ ސިފައިން ކައިވެނި ކުރުން މަނާކޮށްފައިވަނިކޮށް ސިއްރުން ވެރިންގެ އަމުރާ ހިލާފަށް ވެލެންޓައިންސް ރޫމީންގެ ޒުވާން ސިފައިން ސިއްރިއްޔާތުގައި ކައިވެނި ކުރުވަމުންދިޔަ ކަމަށްވެއެވެ. އަދި އެކަން ވެރިންނަށް އެނގުމުން ވެލަންޓައިންސް މަރާލުމަށް އަމުރުކޮށް، 14 ފެބުރުއަރީއެއްގައި ”ވެލެންޓައިންސް“ މަރާލެވުނު ކަމަށްވެ އެވެ.
މި ނޫންވެސް އެކި ގޮތްގޮތަށް ތަފާތު ހާދިސާތަކާއި ގުޅިގެން މިވާހަކައިގެ ތާރީޙު އައިސްފައިވާއިރު، ”ވެލެންޓައިންސް ޑޭ“ އަކީ ނަސާރާއިންނާއި ގުޅިފައިވާ އިސްލާމުން އެކަމަކުން ދުރުވެ ތިބެންޖެހޭ ކަމެއްކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އަދި އެކަމަށް ދީނީ އިލްމުވެރިން ދެއްވަނީ ވަރަށްވެސް ސާފު ސީދާ ޖަވާބެކެވެ.
އިސްލާމީ އުއްމަތުގެ އިލުމުވެރިން އިއްތިފާގުވާ ގޮތުގައި ޣައިރު މުސްލިމުންގެ އީދުތައް މުސްލިމުން ފާހަގަކުރުން ހުއްދަވެގެން ނުވެއެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ވިދާޅުވާ ގޮތުގައި އެދުވަސް މުސްލިމުން ފާހަގަކުރުމަކީ ކަނޑައެޅިގެން ހަރާމް ކަމެކެވެ.
“ ވެލެންޓައިންސް ޑޭ“ އަކީ ނަސާރާއިންނާއި މުސްލިމު ނޫން ގައުމުތަކުގައި އެމީހުންގެ ހާއްސަ އީދެއްގެ ގޮތުގައި ފާހަގަކުރަމުންގެންދާ ދުވަހަކަށް ވާއިރު އެދުވަސް މުސްލިމު ގައުމުތަކުގައި ފާހަގަކުރުމާއި ދެކޮޅަށް ގައުމުތަކުން ދަނީ އަޑުއުފުލަމުންނެވެ. މިގޮތުން އިސްލާމީ ބައެއް ގައުމުތަކުގައި ދީނާއި ހިލާފު އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބުވެސް ދަނީ ދެމުންނެވެ.
މިދުވަސް ފާހަގަކުރުމަށް ރާއްޖޭގައިވެސް ހިތްވަރުދީ ބައެއް ފަރާތްތަކުން ވިޔަފާރީގެ ގޮތުން ތަފާތު ޕްރޮމޯޝަންތައްވެސް ތައާރަފް ކުރެއެވެ. އެހެން ކަމުން މިކަމަކީ އިސްލާމީ މުޖުތަމަޢެއްގައި އެކަމަކަށް ހިތްވަރުދީ ކުރުން ރަނގަޅު ނޫން ކަންކަން ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީީ ކުރައްވައި އަންގަވާފައި ވެއެވެ:
”وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ“ (البقرة:120)
މިއާޔަތުގެ މާނައަކީ: ”އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންވެސް، އެއުރެންގެ މިއްލަތަށް (އެބަހީ އެއުރެންގެ ދީނަށް) ކަލޭގެފާނު ތަބާވެއްޖައުމަށް ދާންދެން ދުވަހަކުވެސް ކަލޭގެފާނަކަށް ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތެދުމަގަކީ ހަމައެކަނި الله سبحانه وتعالىގެ މަގެވެ. އަދި ކަލޭގެފާނަށް الله تعالىގެ ކިބައިން ޢިލްމު އައުމަށްފަހު އެއުރެންގެ ހަވާ ނަފްސުގެ ހެއްލުންތަކަށް ތަބާވެއްޖެނަމަ، الله تعالىގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިއަކު އަދި ނަޞްރުދޭނޭ މީހަކުވެސް ނުވެއެވެ.“ (ސޫރަތުލް ބަޤަރާ:120).
أبو سعيد الخدري رضي الله عنه ރަސޫލު الله صلى الله عليه وسلم ކިބައިން ޙަދީޘްފުޅު ކުރައްވާފައިވެެއެވެ. ”قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لاَتَّبَعْتُمُوهُمْ “ . قُلْنَا يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى قَالَ “ فَمَنْ ؟!“ (رواه البخاري 8/151 . ومسلم 4/2054)
މާނަ: ”ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ. އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. ”ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟“. (ބުޚާރީީ: 8/151، މުސްލިމް 4/2054)



